މަސްވެރިކަމާއި ގުޅޭ

ކިލަނބު ގުރުވަ - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ކިލަނބު ގުރުވަ

މިއީ ރާއްޖޭގައި އާންމުކޮށް ބާނާ އަދި ހިފާއުޅޭ ކަނޑުގުރުވައެއްނޫނެވެ.

މިބާވަތުގެ ގުރުވަ ބޭނުމަކަށް، ވަކި ޚާއްޞަ ގޮތްތަކެއް ދިވެހިން ނުގެންގުޅެއެވެ. ޢާއްމުކޮށް އަޑި، ކިލަނބު، އަދި ނުސާފު ސަރަޙައްދުތަކުގައި އުޅޭ ކަނޑު ގުރުވައެކެވެ. މިއީ އަޅައިގަންނަ ކުލައެއްގައި ހުންނަ މަހެއްވެސްނޫނެވެ. މިބާވަތުގެ ކަނޑު ގުރުވައަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްޞަނަމެއް ކިޔާނޫޅޭތީ މަހުގެ ސިފައަށާއި އެސޮރު އުޅޭ ސަރަޙައްދަށް ވިސްނާ ކިލަނބު ކުރުވަ ކިޔާ ނަންދީފައިވަނީއެވެ. މިއީ ކެއުމަށް ރަގަޅު މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ނުވަތަ 10 ހަރުކަށްޓާއެކު 17 އާއި 20 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 7 މަޑުކަށިހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ފުރަތަމަ ހަރުކަށި ކުރުވެފައި އެއާއި ޖެހިގެން ހުންނަ ހަރުކަށިތައް މާބޮޑުތަން ދިގުކަން ފާހަގަކުރެވެއެވެ. މަހުގެ ކޮޅުނބުތައް
ކުއްޖެވެ. މިމަސް އެންމެ ބޮޑުވަނީ 90 ސެންޓިމީޓަރަށެވެ. މަހުގެ ކުލައަކީ ފަނޑު އަޅި ކުލައެކެވެ. މިބާވަތުގެ ކަނޑުގުރުވައިގެ ކަމަހުގައި އެކި ގޮތްގޮތަށް ދެމިފައިހުންނަ ކަޅާ ހުދުގެ ރޮނގުތަކެއް ހުރެއެވެ.

މި ރޮނގުތައް މަސް ބޮޑުވީވީހެން ކެނޑެމުން އައިސް ބޮޑެތި މަހުގައި ހުންނަނީ ކަޅުކުލައިގެ ލައްތަކެކެވެ. މިބާވަތުގެ ގުރުވަ 80 މީޓަރަށްވުރެ ތިލަހިސާބުތަކުގައި އުޅެއެވެ. މަހުގެ ކާނާއަކީ އަޑީގައި އުޅޭ ތަފާތު ކަކުނި، ޑިނގާފާޑުގެ ސޫތްޕާއި ކުދި މަހެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Painted sweetlips

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!