މަސްވެރިކަމާއި ގުޅޭ

ކަންނެލި ހިބަރު - ފޮޓޯ: ހައުސް އޮފް އޯޝަން

ކަންނެލި ހިބަރު/ ތުންގަނޑު ހިބަރު

ތުންގަނޑު ހިބަރު / ކަންނެލި ހިބަރު 

ސައިންޓިފިކް ނަން: gladius Xiphias
އިނގިރޭސި ނަން: ސްވޯޑް ފިޝް
އިންޑިއާ ކަނޑުގެ ސްޓޮކްގެ ހާލަތު: އާބާދީ މުސްތަޤުބަލަށް ދެމެހެއްޓޭނެ މިންވަރަށްވުރެ ދަށްނުވޭ، އިންޑިއާ
ކަނޑުން މަސްވެރިކަން ކުރެވެމުންދަނީ އާބާދީއަށް ގެއްލުން ނުވާނޭ މިންވަރަށެވެ.

ބޮޑުވާ މިންވަރާއި ފުރާވަރަށްއަރާ އުމުރު: 

މިބާވަތުގެ ހިބަރު އެންމެ ބަރު މަހަކަށް ރެކޯޑުކުރެވިފައިވަނީ 650 ކިލޯގެ މަހެކެވެ. ތުންގަނޑު ހިބަރު ފުރާވަރަށް އަރާކަމަށް ވަނީ 5 ފޫޓާއި 8 ފޫޓާ ދެމެދުގެ ދިގުމިނަކަށް ބޮޑުވުމުންނެވެ. ދަރިމައިވާ އުމުރުގައި ހުންނަ ދިގުމިން ކަމަށް އެންމެ އާންމުކޮށް ރިކޯޑުކުރެވިފައިވަނީ 7 ފޫޓެވެ.

މާޙައުލު އަދި އާބާދީ ބެހިފައިވާ ގޮތް:

ތުންގަނޑު ހިބަރަކީ ދުނިޔޭގެ މައިގަނޑު ތިން ކަނޑު ކަމުގައިވާ އެޓްލާންޓިކް ކަނޑާއި، ޕެސިފިކް ކަނޑު އަދި އިންޑިއާ ކަނޑުގެ ދުނިޔޭގެ ދެބައިހަމަ (އީކުއޭޓަރ) ސަރަޙައްދުގެ ހޫނު (ޓްރޮޕިކަލް) ކަނޑުތަކުގައްޔާއި މެދު މިންވަރަކަށް ހޫނު (ސަބް-ޓްރޮޕިކަލް) ސަރަޙައްދުތަކުގައި އުޅޭ މަހެކެވެ. އަދި މަދު ހާލަތްތަކުގައި ފިނި (ޓެމްޕަރޭޓް) ކަނޑުތަކުގައި ވެސް ތުންގަނޑު ހިބަރު އުޅެއެވެ.

ތުންގަނޑު ހިބަރަށް އާންމުގޮތެއްގައި ކަމުދަނީ ލޮނުގަނޑުގެ ފިނިހޫނުމިން 18 ޑިގްރީ އާއި 22 ޑިގްރީ ސެލްސިއަސް އާ ދެމެދު ހުންނަ ސަރަޙައްދުތަކެވެ. އެހެންނަމަވެސް ތުންގަނޑު ހިބަރަކީ، ހިބަރު އާއިލާގެ މަސްތަކުގެ ތެރެއިން އެންމެ ތަފާތު ފިނިހޫނުމިނުގައި އުޅުމުގެ ޤާބިލުކަން ލިބިފައިވާ މަހެވެ. މިގޮތުން ފިނިވެގެން 5 ޑިގްރީ އާއި ހޫނުވެގެން 27 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނުގައިވެސް މި ބާވަތުގެ މަސް އުޅެއެވެ. ތުންގަނޑު ހިބަރު އާންމުކޮށް ފެންނަނީ ކަނޑުގެ ސަޠުޙުން ފެށިގެން 550 މީޓަރުގެ ފުންމިނާ ދެމެދުގައި ނަމަވެސް، 2878 މީޓަރު ފުނަށްވެސް މިބާވަތުގެ މަސް ފީނާ ކަމަށް ރިކޯޑުކުރެވިފައިވެއެވެ

ކާނާ އާއި ކެއުމުގެ ވައްޓަފާޅި:

ތުންގަނޑު ހިބަރުގެ ކާނާގެ ގޮތުގައި މާކަނޑުގައި އުޅޭ ގިނަ ބާވަތްތަކެއް ހިމެނެއެވެ. މީގެ ތެރޭގައި ކަރަވެރިމަހާއި ގުންބަޅަ ފަދަ ބާވަތްތައް އަދި ތަންކޮޅެއް ފުނުގައި އުޅޭ ބަރަކޫޑިނާ އަދި ލެންޓަރންފިޝް އާއިލާގެ ބާވަތްތަކާއި ކަނޑުގެ ބިންގަނޑާ ކައިރީގައި އުޅޭ ބާވަތްތައް (ޑެމަރސަލް) އަދި ބޯވަދިލަމަހާއި ކަކުނި ފާޑުގެ ސޫފި ހިމެނެއެވެ.

މަސްދަރު: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ 

(ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން)

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!