މަސްވެރިކަމާއި ގުޅޭ

ނޫމަސް ހިބަރު - ފޮޓޯ: މެކްސިކޯ ގޭމްފިޝް

ނޫ މަސްހިބަރު

ދިވެހި ނަން: ނޫ މަސްހިބަރު

ސައިންޓިފިކް ނަން: mazara Makaira
އިނގިރޭސި ނަން: އިންޑޯ-ޕެސިފިކް ބްލޫ މާލިން
އިންޑިއާ ކަނޑުގެ ސްޓޮކްގެ ހާލަތު: އާބާދީ މުސްތަޤުބަލަށް ދެމެހެއްޓޭނެ މިންވަރަށްވުރެ ދަށްވެފައި، އިންޑިއާ
ކަނޑުން މަސްވެރިކަން ކުރެވެމުންދަނީ އާބާދީއަށް ގެއްލުންވާނޭ މިންވަރަށެވެ.

ބޮޑުވާ މިންވަރާއި ފުރާވަރަށްއަރާ އުމުރު:

ނޫ މަސްހިބަރު އެންމެ ބޮޑުވެގެން 16 ފޫޓަށް ބޮޑުވުމުގެ ފުރުޞަތު އޮތްކަމުގައި ވިއަސް، އާ ންމުކޮށް ފެންނަ މަހުގެ ދިގުމިނަކީ 11 ފޫޓެވެ. އަދި ބަރުދަނުގައި 906 ކިލޯ ހުންނަ މަސް ރިކޯޑުކުރެވިފައި ވެއެވެ. މިބާވަތުގެ މަސް ފުރާވަރަށް އަރަނީ 5 ފޫޓަށް ބޮޑުވުމުންކަމަށް ދިރާސާތަކުން ދައްކައެވެ. ނޫ މަސްހިބަރުގެ އެންމެ ދިގު އުމުރެއް ކަމަށް ރިޕޯޓުކޮށްފައިވަނީ 28 އަހަރެވެ.

މާޙައުލު އަދި އާބާދީ ބެހިފައިވާ ގޮތް:

ހިބަރު އާއިލާގެ މަސްތަކުގެ ތެރެއިން ނޫ މަސްހިބަރަކީވެސް ދުރު ސަރަޙައްދުތަކަށް ހިޖުރަކުރާ، އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ދުނިޔޭގެ ދެބައިހަމަ (އީކުއޭޓަރ) ސަރަޙައްދުގެ ހޫނު (ޓްރޮޕިކަލް) ކަނޑުތަކާއި މެދުމިންވަރަކަށް ހޫނު (ސަބް- ޓްރޮޕިކަލް) ކަނޑުތަކުން ފެންނަ މަހެކެވެ. މި މަހަކީ ދުނިޔޭގެ ދެބައިހަމަ ސަރަޙައްދުތަކުގައި ގިނަ މަހެއް ނަމަވެސް ރަށްރަށުގެ އައްސޭރިފަށާއި ފަރުތަކުގެ ކައިރިން އާންމުކޮށް ފެންނަ މަހެއް ނޫނެވެ. މިއީ ކަނޑުގެ ސަޠުޙުން ފެށިގެން 200 މީޓަރާ ދެމެދު ފުނުގައި އުޅޭ މަހެކެވެ.

ކާނާ އާއި ކެއުމުގެ ވައްޓަފާޅި:

ނޫ މަސްހިބަރުގެ ކާނާއަކީ މުށިމަސް ފާޑުގެ ކުދި މަހާއި ކަނޑުމަހުގެ ބާވަތްތަކެވެ. ނަމަވެސް، ފުނަށް ފީނައިގެން ބޯވަދިލަމަސް ވެސް ކައި އުޅެއެވެ. މިއީ ކަނޑުތަކުގައި އުޅޭ އެންމެ ބާރަށް ދަތުރުކުރާ މަސްތަކުގެ ތެރެއިން މަހެކެވެ.  ކެއުމުގައި ގެންގުޅޭ އުކުޅަކީ ތުންގަނޑު ބޭނުންކޮށްގެން އޭގެ ކާނާ ކަމުގައިވާ އައިން ހަދައިގެން އުޅޭ މަހަށް ހަމަލާދީ ބަލިކޮށްލުމެވެ.

މަސްދަރު: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ 

(ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން)

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!