މަސްވެރިކަމާއި ގުޅޭ

ގަޅިޖެހި ހިބަރު - ފޮޓޯ: NSW

ގަޅިޖެހި ހިބަރު

ދިވެހި ނަން: ގަޅިޖެހި ހިބަރު

ސައިންޓިފިކް ނަން: audax Tetrapturus
އިނގިރޭސި ނަން: ސްޓްރައިޕްޑް މާލިން
އިންޑިއާ ކަނޑުގެ ސްޓޮކްގެ ހާލަތު: އާބާދީ މުސްތަޤުބަލަށް ދެމެހެއްޓޭނެ މިންވަރަށްވުރެ ދަށްވެފައި، އިންޑިއާ ކަނޑުން
މަސްވެރިކަން ކުރެވެމުންދަނީ އާބާދީއަށް ގެއްލުންވާނޭ މިންވަރަށެވެ.

ބޮޑުވާ މިންވަރާއި ފުރާވަރަށްއަރާ އުމުރު:

ގަޅިޖެހި ހިބަރު އެންމެ ބޮޑުވާކަމަށް ބެލެވެނީ 13 ފޫޓަށް ނަމަވެސް އާންމުކޮށް ފެންނަނީ ޖުމުލަ ދިގުމިނުގައި ގާތްގަނޑަކަށް 9 ފޫޓު ހުންނަ މަހެވެ. ގަޅިޖެހި ހިބަރުގެ އެންމެ ބަރު މަހަކަށް ރި ކޯޑު ކުރެވިފައިވަނީ 440 ކިލޯގެ މަހެކެވެ (އެލަން އަދި ސްޓީން، 1988 .(އިންޑިއާ ކަނޑުގައި އުޅޭ މިބާވަތުގެ ފިރިހެން މަސް ފުރާވަރަށް އަރަނީ 6 ފޫޓަށް ބޮޑުވުމުންކަމަށް ދިރާސާތަކުން ދައްކައިފައިވެއެވެ. އަދި އަންހެން މަސް ފުރާވަރަށް އަރާ ދިގުމިނަކީ 7 ފޫޓު ކަމަށްވެސް އެދިރާސާތަކުން ދައްކައެވެ.

މާޙައުލު އަދި އާބާދީ ބެހިފައިވާ ގޮތް:

ގަޅިޖެހި ހިބަރަކީ ދުރު ސަރަޙައްދުތަކަށް ހިޖުރަކުރާ، ޕެސިފިކް ކަނޑާއި އިންޑިއާ ކަނޑުގެ ދުނިޔޭގެ ދެބައިހަމަ (އީކުއޭޓަރ) ސަރަޙައްދުގެ ހޫނު (ޓްރޮޕިކަލް) ކަނޑުތަކާއި އަދި ފިނި (ޓެމްޕަރޭޓް) ކަނޑުތަކުގައިވެސް އުޅޭ މަހެކެވެ. ނަމަވެސް މަސްވެރިކަމުގައި އެންމެ ގިނައިން ގަޅިޖެހި ހިބަރު ހިފެނީ މެދުމިނަށް ހޫނު (ސަބް -ޓްރޮޕިކަލް) އަދި ސަބް-އިކުޓޯރިއަލް ސަރަޙައްދުންނެވެ. މިއީ ކަނޑުގެ ސަޠުޙުން ފެށިގެން 200 މީޓަރާ ދެމެދު ފުނުގައި އުޅޭ މަހެކެވެ.
އިންޑިއާ ކަނޑުގައި މިބާވަތުގެ މަސް ފެތުރިފައިވާ ގޮތަށް ބަލާއިރު، އެފްރިކާގެ އިރުމަތީ ކަނޑާއި، އަރަބި ކަނޑުގެ ހުޅަނގު ބިތުގައްޔާއި، ބޭ އޮފް ބެންގޯލް އަދި އޮސްޓްރޭލިއާގެ ހުޅަނގު އުތުރު ސަރަ ޙައްދުގެ ކަނޑުގައި މިބާވަތް ވަރަށް ގިނައިން އުޅެއެވެ. އެހެންނަމަވެސް، ގަޅިޖެހި ހިބަރަކީ ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ ހިބަރެކެވެ.

ކާނާ އާއި ކެއުމުގެ ވައްޓަފާޅި:

ގަޅިޖެހި ހިބަރަކީ މުށިމަސް އަދި މިއަރެން ފާޑުގެ ކުދި މަސް ކައިއުޅޭ މަހެކެވެ. ނަމަވެސް ފުރުޞަތު ލިބިއްޖެނަމަ ކަކުނި ފާޑުގެ ތޮށިގަނޑުލީ ބާވަތްތަކާއި ބޯވަދިލަމަސް ވެސް ކައިއުޅެއެވެ.

މަސްދަރު: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ 

(ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން)

 

 

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!