މަސްވެރިކަމާއި ގުޅޭ

Mas boat

ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަކަށް ރާއްޖޭ ކޯސްޓުގާރޑުން އެހީތެރިކަން ފޯރުކޮށްދީފި

ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަކަށް އެމްއެންޑީއެފުގެ ކޯސްޓްގާރޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ދެބޯޓު ހާލުގައި ޖެހިގެން ރާއްޖޭ ސަރަހައްދަށް ވަދެވުނީ ސްރީލަންކާ ސަރަހައްދުގައި މިހާރު އުފެދިފައިވާ "ބުރެވި" ތޫފާނުގެ އަސަރުކޮށް މިސްރާބު އޮޅިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހާލުގައި ޖެހިފައިވާ ދެ ބޯޓު ހދ.ކުމުންދޫގެ ބޭރުން ފެނިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކަށެވެ. މި ދެ ބޯޓު ފެނިގެން މި ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައިވަނީ މިއަދު ހެނދުނު 08:33 ހާއިރު އެވެ.

މި ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ބޯޓުގައި 05 ފަޅުވެރިން ތިބި އިރު "ޖެ ޕްރަސަންސަ ވެ" ބޯޓުގައި 06 ފަޅުވެރިން ތިއްބެވެ. މި ދެ ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުއިރު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 10:45 ހާއިރު މި ދެ ބޯޓު ހދ.ކުޅުދުއްފުށީ ބަނދަރަށް ވަނީ ވައްދާފައެވެ.

އަދި މި ބޯޓުތަކާއި ބެހޭ ކަންކަން ސަރުކާރުގެ ކަމާބެހޭ ގުޅުންހުރި އިދާރީތަކާއި ގުޅިގެން ކުރިއަށްގެންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!