މަސްވެރިކަމާއި ގުޅޭ

ފައިގަކޮށާ ދަނބު - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ފައިގަކޮށާ ދަނބާ

މިއީ ރާއްޖޭގެ ތިލަފަޅުތަކުގައި އުޅޭ ދަނބައެކެވެ.

މިބާވަތުގެ ދަނބު ގިނައިން އުޅެނީ ކުދި ރާޅު ބިންދާ، އޮއިދަމާ ސަރަޙައްދު ތަކުގައި އެކަހެރިކޮންނާއި ބައިބަޔަށް ކުދި އައިން ހަދައިގެންނެވެ. މިއީ އެސޮރުމެންގެ ސަރަޙައްދު ހިމާޔަތްކުރުމަށް އެހެނިހެން މަސްމަހާމެހި ފަހާއުޅޭ ވަރުގަދަ ދަނބައެކެވެ. މިއީ މޫދަށް އެރިއުޅޭ މީހުންގެ ފައިގައި ކޮށާކަމަށް މަޝްހޫރު ދަނބައެކެވެ. މި ސަބަބަށްޓަކާ މިމަސް މަޝަހޫރުވެފައި އޮންނަނީ ފައިގަކޮށާ ދަނބާގެ ނަމުންނެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިމަސް އެންމެ ބޮޑުވަނީ 7.5 ސެންޓިމީޓަރަށެވެ.

މަހުގެ ޢާއްމު ކާނާއަކީ ފެއްސާއި ކަކުނިފާޑުގެ ސޫތްޕެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކަށްޓާއެކު 12 ނުވަތަ 13 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 11 އާއި 13 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 17 އާއި 19 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިބާވަތުގެ މަސް ދެކުލައެއްގައި ފެނެއެވެ. އެއްވަތަރު ހުންނަނީ މުށި ކުލައެއްގައި، ބުރަކަށިމަތި ނޫދިހުން ކުލައިގެ ފަށެއް މަހު ދިގަށް އަޅާފައެވެ. އަނެއްވައްތަރު ހުންނަނީ ގަދަ މުށިކުލައިގައެވެ. އަދި
މަހުގެ ހުރަހަށް ހުދުކުލައިގެ ފުޅާ ދެގަޅިހުރެއެވެ. އަދި ކަރުތާފަތްގަޑުގެ ކޮޅުގައި ރީނދޫކުލައިގެ ލަފެއް ހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Surge demoiselle

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!