މަސްވެރިކަމާއި ގުޅޭ

IMG_9851

މަކުނުދޫ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނެސް، ރަށް ކައިރީގައި ކަނދުފައްޗެއް އަޅަން މަޝްވަރާ ކޮށްފި

ހދ. މަކުނުދޫ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނެސް، އެ ރަށް ކައިރީގައި ކަނދުފައްޗެއް އަޅަން ފިޝަރީޒް މިނިސްޓްރީން މަޝްވަރާ ކޮށްފިއެވެ.

އެގޮތުން މިއަދު ވަނީ އެރަށު ކައުންސިލަރުންނާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބު ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ މަކުނުދޫ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނައުމާއި މަކުނުދޫ ކައިރީގައި ވަދު ކަނދުފައްޗެއް ގާއިމު ކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

 

މަކުނުދޫ އައިސްޕްލާންޓު ހުޅުވާފައިވަނީ 2018ވަނަ އަހަރުއެވެ. އެ އައިސް ޕްލާންޓު ހުޅުވީ ކަންނެލި ދޯނިފަހަރަށް އައިސް ދޫކުރުމަށް ހާއްސަކޮށްގެންނެވެ. މި އައިސް ޕްލާންޓު ހިންގަމުން އައިސްފައިވަނީ އަމިއްލަ ކުންފުންޏަކުންނެވެ.

މި އައިސްޕްލާންޓުން ހަދަމުން އައީ ސްނޯ އައިސްއެވެ.

މަސްވެރި ރަށެއް ކަމުގައިވާ މަކުނުދޫގެ އައިސް ޕްލާންޓު ހުންނަނީ އެރަށު އުތުރު ފަރާތުގެ ހުރަސް ޖެޓީގައެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ހުއްޓިފައި ހުރި އައިސް ޕްލާންޓުތައް އަލުން އޮޕަރޭޝަނަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިިފަހުން ވަނީ ގެމަނަފުށީ އައިސްޕްލާންޓަށްވެސް ދިމާވި މައްސަލަ ހައްލުކޮށް އައިސް ދޫކުރަން ފަށާފައެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ހުުރި ދަތިތައް ހައްލުކުރުމަށް ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓު އެޅުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.

މި 9 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، އއ. ރަސްދޫ، ލ. މާމެންދޫ، ދ. މީދޫ، ގދ. ރަތަފަންދޫ، ޅ. ނައިފަރު، މ. ވޭވައް، ގދ. ފިޔޯރީ އަދި ލ. މާވަށެވެ. ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ، މީގެތެރޭގައި ސައުދީ ފަންޑުން ހިންގާ 5 ޕްރޮޖެކްޓަކާއި، 2023 ވަނަ އަހަރު ފެނަކައާއި ޙަވާލުކޮށް ލަސްވާތީ ޓަރމިނޭޓްކުރި 4 ޕްރޮޖެކްޓެއްވެސް ހިމެނޭކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.