މަސްވެރިކަމާއި ގުޅޭ

ގެނބުރު ރާގޮނޑި - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ގެނބުރު ރާގޮނޑި

މިއީ ވަށްކޮށް ދިގުކޮށް ހުންނަ މަހެކެވެ.

މަހުގެ އަނގައިގައި އެއް ބަރިއަށް ހުންނަ ކުދި ދަތްތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީގެ ފުރަތަމަ ކޮތަރިބައިގައި 10 ނުވަތަ 11 ހަރުކަށިހުރެއެވެ. ބުރަކަށިމަތީ ދެކޮތަރިބައިގެ ދޭތެރެ ދުރެވެ. ދެވަނަ ކޮތަރިބަޔާ ޖެހިގެން 8 ކުދި ކޮތަރިބައި ހުރެއެވެ. މިއީ ރާގޮނޑިއާ ވަރަށް އެއްގޮތް މަހެކެވެ. މިދެބާވަތުގެ މައިގަޑު ތަފާތަކީ މަހުގެ މަތީބައިގައި ހުންނަ ގަދަނޫކުލައިގެ ކުރެހުން ފެށިފައި ހުންނަ ހިސާބުގެ ތަފާތާއި ދެއަރިމަތީގައި ހުންނަ ހުޅުނބުރޮނގުގެ ފުޅާމިނުގެ ތަފާތެވެ. މިތަފާތު، މަސް ތާޒާކޮށް ހުންނައިރު ޚާއްސަކޮށް ރާގޮނޑިތަކެއްގެ ތެރޭގައި އޮންނައިރު ދެނެގަތުން ވަރަށް ދަތިވާނެއެވެ.

މިމަސް އެންމެ ބޮޑުވަނީ 50 ސެންޓިމީޓަރަށެވެ. މަހުގެ ޢާއްމު ކާނާއަކީ ކުދިމަހެވެ. ހޫނުކަނޑުތަކުގައި އައިން ހަދައިގެން އުޅޭ ކަނޑުމަހުގެ ބާވަތެކެވެ. މިބާވަތުގެ މަސް އިންޑިއާގެ އައްސޭރިކައިރި ކަނޑުތަކުގައި ވަރަށް ގިނައިން އުޅެއެވެ. ނަމަވެސް މިއީ ރާއްޖޭގެ މަސްވެރިންނަށް ކަނޑުމަހުގެ މަސްވެރިކަމުގައި ވަރަށް މަދުން ބޭނޭ މަހެކެވެ. ރާއްޖެއިން މިބާވަތް މަދުން ރެކޯޑްކުރެވި، އަދި ރާއްޖޭގެ މަސްވެރިން މިބާވަތުގެ މަހަށް ނަމެއްކިޔާ ނޫޅޭތީ މިމަހަށް "ގެނބުރު ރާގޮނޑި" ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Bullet tuna

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!