މަސްވެރިކަމާއި ގުޅޭ

އިލޮޅި ބޯދި

ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ފުން ސަރަޙައްދުތަކުގައި އުޅޭ ބޯދީގެ ބާވަތެކެވެ.

މިބޯދި ޢާއްމު ގޮތެއްގައި އުޅެނީ 40 މީޓަރު ފުންމިން ހުނަން މަޑުމައިތިރި ހިސާބުތަކުގައި ހެދިފައި ހުންނަ ގާތަކުގެ ނިވަލުގައެވެ. މިއީ ޢާއްމުކޮށް މަސްވެރިން ދަމާ އެމުގެތެރޭގައި ހިމެނޭ ބާވަތެއްނޫނެވެ. ދުވާލުގެ ވަގުތުތަކުގައި މިބާވަތުގެ މަސް އަޑީގައި ފީނާއުޅޭ މީހުނަށްވެސް ވަރަށް ނުފެނެއެވެ. އަލި އެޅިފައި ހުންނައިރު، މިމަހުން ދިހުން ކުލަ އަރައެވެ. މަހުގެ މުޅި ހަށިގަޑުގައި ކަޅުކުލައިގެ ކުދިކުދި ތިކިތަކެއް މަހުގެ ދިގަށް ބައިބަޔަށް ހުރެއެވެ. ނިގޫފަތުގެ ކުލައަކީ ކަޅުކުލައެކެވެ. ނިގުލުގެ ކުރީން މަހުގެ ފަހަތުގައި ކަޅުކުލައިގެ ލަފެއްހުރެއެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 5 ނުވަތަ 9 މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތް ނިސްބަތުން ބޮޑެވެ. އަދި ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މިއީ ހިމަކޮށް (އިލޮކޮށް) ދިގުކޮށް ހުންނަ މަހެކެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު ބޯދީގެ މިބާވަތަށް މަގެ ޢާއްމު ސިފައަށް ވިސްނާ "އިލޮޅި ބޯދި" ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Gelatinous cardinalfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!