މަސްވެރިކަމާއި ގުޅޭ

ނާރިނގުފާނަ - ފޮޓޯ: ޓްރޮޕިކަލް ރީފް

ނާރިނގުފާނަ

މިއީ އިސްކޮޅުން ކުޑަ ފާނައެކެވެ.

މިފާނަ އެންމެ ބޮޑުވަނީ 22 ސެންޓިމީޓަރަށެވެ. މިއީ 15 މީޓަރާ 108 ދެމެދުގެ ފުންމިން ހުންނަ ހިސާބުތަކުގައި އުޅޭމަހެކެވެ. ނަމަވެސް ގިނައިން އުޅޭކަމަށް ރެކޯޑްކުރެވިފައި ވަނީ 40 މީޓަރަށްވުރެ އަޑީގައެވެ. ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ފުނުގައި މިބާވަތުގެ މަސް ގިނަ ޢަދަދަކަށް އުޅެއެވެ. މަހުގެ ކުޑަކަމާއި އުޅޭލެއް ފުންކަމުން މިއީ ދިވެހިން ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި ވަރަށް ނުބޭނޭމަހެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތުގައި 17 އާއި 19 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ.

މިއީ ކެއުމަށް ރަގަޅު މަހެކެވެ. މަހުގެ ކުލައަކީ ނާރިނގުކުލައެވެ. ނިގޫފަތުގެ ފަހަތުބައިގައި ހުރަހަށް ހުދުނޫކުލައިގެ ހިމަރޮނގެއް ހުރެއެވެ. މަހުގައި ހުދުކުލައިގެ ލައްތަކެއް ވަރަށް ފަނޑުކޮށް ހުރެއެވެ. މިމަހަށް ވަކިނަމެއް ކިޔާކަމަށް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގައި ހުންނަ ކުލައަށް ނިސްބަތްކޮށް މިމަހަށް "ނާރިނގުފާނަ" ކިޔާ ނަންދީފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Strawberry hind

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!