މަސްވެރިކަމާއި ގުޅޭ

ފެމުނު މިޔަރު

ފެމުނު މިޔަރަކީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެ ނުރައްކާތެރި މިޔަރެވެ.

މިއީ މިޔަރުތަކުގެ ތެރޭން އިސްކޮޅުން ބޮޑުމިޔަރެކެވެ. ފެމުނު މިޔަރު 7.4 މީޓަރަށްވުރެ ބޮޑުވާކަމަށްވެއެވެ. ފެމުނަކީ ދިވެހި މަސްވެރިންގެތެރޭގައި އޭގެ ނުރައްކާތެރި ކަމުގެ ސަބަބުން ވަރަށް މަޝްހޫރު މިޔަރެކެވެ. ފެމުނު ރަށްރަށުގެ ފަޅުތެރެއަށް ވަންނަކަމަށްވެއެވެ. މިއީ އެތެރެވަރީގެ ކަނޑުތަކުގައްޔާއި މާކަނޑުގައިއުޅޭ މިޔަރެކެވެ. ފެމުނު މިޔަރަކީ ވަރުގަދަ ދަތްތަކެއް ލިބިފައިވާ މިޔަރެކެވެ. ފެމުނުގެ ކާނާގެ ތެރޭގައި އެކި ބާވަތްތަކުގެ މިޔަރާއި، މަޑިއާއި، ވެލާއާއި، ކަހަނބާއި، ބޯވަދިލަމަހާއި، ބޮލީގެ ބާވަތްތަކާއި ކަކުނި އަދި ޑިނގާގެ ބާވަތްތަކާއި ކަނޑުހަރުފަ ހިމެނެއެވެ.

ފެމުނު ކަނޑުގައި އޮޔާދާ ކުނިބުނިވެސް އަނގަޔަށްލާ ދިރުވާލާކަމަށްވެއެވެ. މިޔަރުގެ ނިގޫފަތާ ދިމާ ދެއަރިމަތީގައި ކުރަގަޑެއްހުރެއެވެ. މިޔަރުގެ ތުންކުރުވެފައި ބޯވަށްވާނެއެވެ. ފެމުނު މިޔަރު ވިހާފަހަރަކު 10 އާއި 82 އާ ދެމެދުގެ ޢަދަދަކަށް ޅަމިޔަރު ވިހާކަމަށްވެއެވެ. އަދި ވިހާ ޅަމިޔަރުގައި 51 ސެންޓިމީޓަރާއި 16 ސެންޓިމީޓަރާ ދެމެދުގެ ދިގުމިން ހުންނަ ސެންޓިމީޓަރާ ދެމެދުގެ ދިގުމިން ހުންނަކަމަށްވެއެވެ. ފެމުނުގެ ބުރަކަށިމަތީގެ ކުލައަކީ ގަދައަޑިމުށިކުލައެކެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ހުދު ކުލައެކެވެ. އަދި ހަށިގަޑުގައި ހުރަހަށް ކަޅުކުލައެއްގެ ފުޅާރޮނގުތަކެއް ފަނޑުކޮށްހުރެއެވެ. ނިގުލުގެ މަތީބައިގައި ކަޅުކުލައިގެ ލައްތަކެއްހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Tiger shark

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!