މަސްވެރިކަމާއި ގުޅޭ

ކަޅަހަނދި

ކަޅަހަންޖަކީ ދިވެހި މަސްވެރިން ދަންނަ އަދި ފައްތައިގެން ކުރާ ކެޔޮޅުކަމުގައި ގިނައިން ބޭނޭ ބާވަތެކެވެ.

ކަޅަހަނދި ޢާއްމުގޮތެއްގައި އުޅެނީ އަތޮޅުގެ ބޭރުދުނީގެ ފަރުފަރުގެ ބޭރުގައި 25 އާއި 65 މީޓަރާ ދެމެދުގެ ފުންމިންހުންނަ ސަރަޙައްދުތަކުގައެވެ. މަހުގެ ޢާއްމު ކާނާއަކީ މަސްމަހާމެއްސެވެ. މިއީ ކެއުމަށް މީރުމަހެކެވެ. ބަލާބެލުމަށް ކަޅަހަނދި އެންމެ އެއްގޮތީ މުޑަހަންޖާއެވެ. ނަމަވެސް ކަލާހަނދީގެ ހުންނަ ކަޅުކުލަޔަކުންނާއި، ބޮލުގެ ބައްޓަމުން އަދި މަހުގެ ކަރުގަޑުގެ ފުރަތަމަ ބުރުގައި ހުންނަ ކަށީގެ ޢަދަދުންނާއި، މަހުގެ ކަރުތާފަތްގަޑާއި ދިމާއިން މަހުގެ ބަނޑުދޮށުގައި ހުޅުނބު ހުންނަގޮތުން މިދެބާވަތް ވަކިކުރުމަކީ އުދަގޫކަމެއްނޫނެވެ. މަހުގެ އަނގައިގެ މަތީތަލީގައި ދެބުރިއަކަށް ދަތްހުރެއެވެ.

މިމަސް އެންމެ ބޮޑުވަނީ 85 ސެންޓިމީޓަރަށެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށިހުރެއެވެ. އަދި ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 20 އާއި 22 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބުރަކަށިމަތީ ދެވަނަ ކޮތަރިބައި ފެށޭ ހިސާބުގައި ހުންނަ މަޑުކަށިތައް ހުންނަނީ މަހުގެ ފަހަތަށް ދިގުކޮށް ދަމާލެވިފައެވެ. މަހުގެ ބަނޑުދަށްފަރާތުގައި ވަކިވަކިން ހުންނަ 2 ހަރުކަށްޓަށްފަހު އިތުރު 1 ހަރުކަށްޓާއެކު 16 އާއި 19 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތްގަޑާ ދިމާލުން ބަނޑުދަށްފަރާތުގައި ހުޅުނބުހުރެއެވެ. މަހުގެ ކުލައަކީ ވަރަށް ގަދަ އަޅިކުލައަކަށްދާ ކަޅުކުލައެކެވެ. މަހުގެ ކަރުތާފަތްގަޑުގެ މަތީކައިރީގައި ކަޅުކުލައިގެ ލަފެއްހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Black trevally

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!