މަސްވެރިކަމާއި ގުޅޭ

yq-indonesiafishing-213001

ޤަވައިދާއި ހިލާފަށް މަސްވެރިކަންކުރާ ޗައިނާ އުޅަނދުތައް ނުހުއްޓުވާތީ އިންޑޮނޭޝިއާ މަސްވެރިން ރަތައް 

އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދަށް ޤަވައިދާއި ހިލާފަށް ޗައިނާގެ މަސްވެރިން ވަދެ، އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ގެންދާއިރު ވެސް އެކަން ހުއްޓުވަން އިންޑޮނޭޝިއާ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ އިންޑޮނޭޝިއާގެ މަސްވެރިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން އެބަގެންދެއެވެ.

އިންޑޮނޭޝިއާގެ މަސްވެރިންނާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި ނަތޫނާ ކަނޑުގެ އުތުރު ސަރަހައްދުން އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދަށް ޗައިނާގެ މަސްވެރިން ވަދެ މަސްވެރިކަން ކުރުން ވަނީ ވަރަށް އާއްމު ކަމަކަށް ވެފައެވެ.

"ޗައިނާގެ މަސްބޯޓުތައް މިސަރަހައްދުން ފެނުން މިއީ ވަރަށް އާއްމު ކަމަކަށް ވަނީ ވެފައި. މިކަން ހުއްޓުވައި ދިނުމަށް މިސަރަހައްދުގައި ކޯސްޓްގާޑުން ޕެޓްރޯލް ކުރުން އިތުރު ކުރަން ޖެހޭ." އިންޑޮނޭޝިއާގެ މަސްވެރިންގެ ޔޫނިއަން އިން ބުންޏެވެ.

މަސްވެރިންގެ ޔޫނިއަން އިން ބުނީ ގަވައިދާއި ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް ހުއްޓުވައި އެމީހުން އިންޑޮނޭޝިއާގެ ސަރަހައްދުން ބޭރުކުރުން އެއީ ހައްލެއް ނޫން ކަމަށާއި މައްސަލައަށް އޮތް ހައްލަކީ އެފަދަ އުޅަނދުތައް ކަނޑަށް ފައްތާލުން ނުވަތަ އުޅަނދުތަކުގައި ތިބި މީހުން ހައްޔަރު ކުރުން ކަމަށެވެ.

އިންޑޮނޭޝިއާގެ މަސްވެރިން ވަނީ އެގައުމުގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ މަސްވެރިން ގަވައިދާއި ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާނަމަ ދިގު ދެމިގެންދާ އިހްތިޖާޖްތަކެއް ކުރާނެ ކަމުުގެ އިންޒާރު ވެސް ދީފައެވެ.

މިހާރު އިންޑޮނޭޝިއާގައި އަމަލު ކުރާ އުސޫލަކީ އެހެން ގައުމެއްގެ އުޅަނދެއް އެގައުމުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަނިކޮށް ފެނިއްޖެނަމަ ސިފައިންގެ ބެލުމުގެ ދަށުން އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުން ބޭރަށް ނެރުމެވެ. އެއުޅަނދަކާއި މެދުވެސް އަދި އޭގައި ތިބި މަސްވެރިންނާއި މެދުވެސް އެއްވެސް ފިޔަވަޅެއް ނާޅައެވެ.

އިންޑޮނޭޝިއާގެ މަސްވެރިންގެ ޝަކުވާތަކާއި ގުޅިގެން އެގައުމުގެ ސަރުކާރުން އަދި ވަކިއެއްޗެއް ނުބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!