މަސްވެރިކަމާއި ގުޅޭ

big_5gT2SJKKQbuAiPxisYb8gjrTW

ގައުމު ހުއްޓުނު އިރު ވެސް ވިންދު ޖަހަޖަހައި އޮތީ މަސްވެރިކަން: ރައީސް

ކޯވިޑްގެ ސަބަބުން، ޤައުމުގެ ފަތުރުވެރިކަމާއި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ  ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި، މިދިޔަ އަހަރުވެސް، ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ފާހަގަ ކުރެއްވެވީ މަސް ގަންނަ ކުންފުނިތަކަށް ދީފައި އޮތް [އެކްސްކްލޫސިވިޓީ] މިދިޔަ އަހަރު އުވާލައި، މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުޞަތު، މިހާރުވާނީ ޢާންމުކޮށް ހުޅުވާލުމާއި މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީވެސް މިދިޔަ އަހަރު ކަނޑާލުމެވެ. މީގެ އިތުރުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ވާނީ ދީފައި. މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރު." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު، އިތުރުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ ކަމަށެވެ.

"މިމަސައްކަތް ނިމުމުން މިފްކޯއަށް މަސް ގަނެވޭ މިންވަރު ދުވާލަކަށް 61 އިން ސައްތަ އިތުރުވާނެ. މީގެ އިތުރުން، މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން." ރައީސް ވިދާޅުވިއެވެ.

މަސް ގަނެވޭ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައި ވާއިރު މިހާރު ރާއްޖޭގެ މަސްވެރިން ބާނާ މަސް ގެނެވޭ ވަރުގެ ގާބިލްކަމެއް ރާއްޖޭގެ މަސް ކުންފުނިތަކުގައި ނެތުމުން މަސްވެރިންނަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!