މަސްވެރިކަމާއި ގުޅޭ

މާގުރުވަ - ފޮޓޯ: ޕިކްޗަރ ވޯލް

މާގުރުވަ

މިއީ ކަނޑުގުރުވަ އާއިލާގެ މަހެކެވެ.

މިއީ ރާއްޖެއިން ފެންނަ ކަނޑުކުރުވައިގެ ބާވަތްތަކުގެ ތެރެއިން އެންމެ ބިޔަވާ ބާވަތެވެ. މިއީ ޢާއްމުކޮށް ދިވެހި މަސްވެރިކަމުގައި ބޭނިފައިހުންނަ ބާވަތެއްނޫނެވެ. އަދި މޫދަށްއެރި ފީނާއުޅޭ މީހުންނަށްވެސް މިބާވަތް ރާއްޖެއިން ފެންނަލެއް މަދެވެ. މިއީ މަސްކެއުމަށް ރަގަޅު، ހަރު ހަންގަޑެއް އެކުލެވޭ މަހެކެވެ. މިމަހަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްސަ ނަމެއްކިޔާ އުޅޭކަމަށް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގެ ޢާއްމު ސިފައަށް ވިސްނާ "މާގުރުވަ" ކިޔާ ނަންދީފައިވަނީއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކަށްޓާއެކު 18 ނުވަތަ 19 މުޑުކަރިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 7 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުގައި 10 މަޑުކަށިހުރެއެވެ. މަހުގެ ތުންފަތް ހުންނަނީ އެހެނިހެން ކަނޑުގުރުވައިގެ ބާވަތްތަކެކޭ އެއްފަދައިން ވަރަށް ބޯކޮށެވެ.

މަހުގެ ކުލައަކީ ގަދަ އަޅި ކުލައެވެ. މަހުގައި ފަނޑު ލަގްތަކަކާއި އެކިގޮތްގޮތަށް ދެމިފައިހުންނަ ކުރުރޮނގުބުރިތަކެއް ފެންނަން ހުރެއެވެ. މަހުގެ ކަންފަތްގަޑުގެ ފަހަތުން މަހުގެ ހުރަހަށް ވަރަށް ފުޅާ ބޭންޑެއްގެ ސިފައިގައި ފަނޑު ރޮނގެއް ބަނޑާ ހަމައަށް ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅުތައް ހުންނަނީ ކަޅުކުލައިގައެވެ. އެހެނިހެން ކޮތަރިތައް ނުވަތަ ކޮތަރިތަކުން ބޮޑުބައެއް ހުންނަނީ ކަޅުކުލައިގައެވެ. މިއީ 1 މީޓަރަށް ބޮޑުވާ ކަނޑުގުރުވައިގެ ބާވަތެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Giant sweetlips

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!