މަސްވެރިކަމާއި ގުޅޭ

152515115_461980411834590_7915632686237091267_n

ކަނދުފަތި ކައިރިއަށް ރޯލު ދޫކުރަން ހުއްދަދީފިނަމަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ބޮޑު އަސަރެއް ކުރާނެ: ފިޝަރީޒް މިނިސްޓްރީ

ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކަނދުފަތިކައިރީ ކުރަން ހުއްދަ ދީފި ނަމަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީއާއި ރާއްޖެޓީވީ ގުޅިގެން ގެނެސްދޭ "މަސްވެރިންގެ ސައްލާ" ޕްރޮގްރާމްގައި ބައިވެރިވި ބޮޑުކަންނެލީގެ މަސްވެރިޔަކު ވަނީ ކަނދުފަތިތައް ހަމައެކަނި ދޮށީގެ މަސްވެރިނަށް ޚާއްޞަ ކުރަނީ ކީއްވެތޯއާއި ބޮޑުކަންނެލީގެ މަސްވެރިންނަށް ކަނދުފަތި ކައިރިން ރޯލު ދޫކޮށްގެން ކަންނެލި ބޭނުން މަނާ ކުރަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވަނީ ދެ ކަމެއް ފާހަގަކުރައްވާފައެވެ. ފުރަތަމަ ކަމަށް ފާހަގަ ކުރެއްވީ ކަނދުފަތި ކައިރިޔަށް ރޯލު ދޫކޮށްގެން ކަންނެލި ބާނާ ނަމަ އޭގެ ނޭދެވޭ އަސަރު ބޮއި ކައިރީ އުޅޭ ކަޅުބިލަ މަހަށް ކުރާނެ ކަމެވެ. ދެވަނައަށް ފާހަކަ ކުރެއްވީ ރާއްޖޭގެ ކަންނެލި ގަންނަ ބޮޑެތި މާރކެޓްތަކުން ކަނދުފައްޗާ ދެކޮޅަށް ކުރާ މަސައްކަތް ތަކެވެ.

"މައިގަނޑު 2 ވައްތަރެެއްގެ މަސްވެރިކަން ރާއްޖޭގައި މިއޮތީ. ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމާއި، އަތުނަގުގެ ބޮޑުކަންނެލީގެ މަސްވެރިކަން. ކަނދުފަތީގެ ސަރަހައްދުގައި ކަޅުބިލަމަސް ހިފާފަ އޮއްވާ، އާލާވެފަ އޮއްވާ އެތަނަށް ނަނު ފައްތައިގެން ބޮޑުކަންނެލި ބާނަން ފެށީމަ ކަޅުބިލަމަހުގެ އައިން އެތަނުން ނެތިގެންދޭ. ފުނައް ދޭ. ހަލާކުވެގެންދޭ. ބުޅީގައި ކަންނެލި ގަނެގެން އެ ހިސާބުގައި ދެކޮޅަށް ދުވަން އެ ނަގާ ވަގުތުގައި އެސިގްނަލް އެހެން މަސްތަކަށް ފޯރާ. ގޯހެއް ހިނގާކަމަށް ފާހަގަކުރެވި އެސަރަހައްދުން ދުރައްދޭ. އެހެންވީމަ ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން އެސަރަހައްދުގައި ކުރަން ހުއްދަ ދީފިކަމުގައި ވަނީ ނަމަ އަނެއް މަސްވެރިކަމަށް މީގެން ބޮޑު އަސަރެއް އެބަކުރޭ." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ރާއްޖެއިން ބޭރުކުރާ ކަންނެއްޔަކީ ކަނޑުހިނގާ އައިންތަކުން ބާނާ ކަންނެލި ކަމަށް ދުނިޔޭގެ މާރކެޓް ތަކުން ގަބޫލު ކުރާ ކަމަށެވެ. މީގެ ސަބަބުން ކަންނެއްޔަށް ރަނގަޅު އަގު ލިބޭ ކަމަށް ޒިޔާދު ވިދާޅުވިއެވެ. ނަމަވެސް ކަންނެއްޔަކީ ކަނދުފަތި ކައިރިން ބާނާ ކަންނެލި ނަމަ އެއަށް ލިބޭ އަގު ބޭރުގެ މާރކެޓްތަކުގައި ދައްވެ ރާއްޖޭގައި ކުރާ ތިމާވެއްޓާ ރައްޓެރި ބޮޑުކަންނެލީގެ މަސްވެރިކަމަށް ނުބައި ތަސައްވަރެއް އުފެދުމުގެ ފުރުޞަތު އެބައޮތް ކަން ޒިޔާދު ފާހަގަކުރެއްވިއެވެ.

"އަނެއް ކަމަކީ ދުނިޔޭގެ ހުރިހާ ބޮޑެތި މާކެޓްތަކުގައި ކަނދުފައްޗާ ދެކޮޅަށް އޮތް ބޮޑު އޮއިވަރެއް އެބަ އޮވޭ. ކަނދުފަތީގެ މަސްވެރިކަމަކީ ތިމާވެއްޓަށް ގެއްލުންހުރި މަސްވެރިކަމެއް ކަމާ އޭގެ ސަބަބަން ސްޓޮކް ހަލާކުވާކަމަށް ބުނެ ވަރަށް ބޮޑު އޮއިވަރެއް އެބައޮތް. އަޅުގަނޑުމެންގެ ބޮޑުކަންނެލި މަސްވެރިކަމަކީ ކަނދުފަތިނެތް ފެޑް ފްރީ ކަނދުފަތިން މަސް ނުބާނާ މަސްވެރިކަމެއްގެ ގޮތުގައި މިއޮތް އޮތުން ވަރަށް މުހިންމު ދިވެހި ރާއްޖެއަށް." ޒިޔާދު ވިދާޅުވިއެވެ.

ރާއްޖެއިން އެންމެ ގިނައިން ކަންނެލި ބޭރުކުރާ އެންސިސް ކުންފުނިންވެސް ވަނީ ޒިޔާދުގެ ވާހަކައަށް ތާއީދުކޮށް ކަނދުފަތި ކައިރިން ކަންނެލި ބޭނުމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!