މަސްވެރިކަމާއި ގުޅޭ

Hushiyaaru Fishermen

ލޮލުގައި ބުޅިއަކުން ޖެހުނީއެއްނޫން، ފަޅުވެރިއަކު ލޯމަތީގައި އެއްޗަކުންޖެހީ: ވަހީދު

މަހަށް ނުކުމެ އުޅެނިކޮށް ގއ މާމެންދޫ “ހުޝިޔާރު” ދޯނީގެ 55 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރުނުކަމަށް ދެކެވޭ ވާހަކައަކީ ސައްޙާ ވާހަކައެއް ނޫންކަމަށާއި އެ ދޯނިން އެކުގައި މަހަށްދިޔަ ފަޅުވެރިއަކު ލޯމަތީގައި އެއްޗަކުން ޖެހީކަމަށް އެ ހާދިސާގައި އަނިޔާ ލިބުނު ގއ މާމެންދޫ މެހުމާނުސަރާ މުޙައްމަދު ވަހީދު ބުނެފިއެވެ.

މަސްވެިރން އެމްވީއަށް މައުލޫމާތު ދެމުން ވަހީދު ބުނީ ހުވަދޫ ކަނޑު ތިލަމަތީގައި މަސްވެރިކަން ކުރަމުން ދަނިކޮށް ދޮށީގައި ބުޅިލުމުގެ މަސައްކަތުގައި ހުއްޓާ އެހެން ފަޅުވެރިއަކު ބުޅި ކެނޑިގެން ކަންވާރު ނަގަން އަައިކަމަށެވެ. އަދި އޭނާ އެތާގައި އޮތް ކަންވާރު ނެގުމުން، އޭނާއަށް ބޭނުންވާ ވަރަށް ދިގުކޮށް ކަންވާރުން ތަންކޮޅެއް ބުރިކޮށްދީފައި ވަހީދު ދިޔައީ އޭނާ ތައްޔާރުކުރި ދޮށީ ހިފައިގެން ކޮޅުފަސްކޮޅަށެވެ. ދޮށި ހިފައިގެން ފަހަތަށް ދިއުމަށް ހިގައިގަތް ވަގުތު، ކުރިން ކަންވާރުން ތަންކޮޅެއް ބުރިކޮށްދިން ފަޅުވެރިޔާ، އެ ކަންވާރުކޮޅު ދިގުވެގެން ކޮންމެވެސް އެއްޗެކޭ ބުނިއަޑު އެހިކަމަށް ވަހީދު ބުންޏެވެ. އެހެންނަމަވެސް، އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކޮޅުފަސްކޮޅަށް ގޮސް ދޮށިދީފައި އެނބުރުނު ގަޑީގައި ލޯމަތީގައި ވަރަށް ބާރަށް އެއްޗަކުން ޖެހީ ކަމަށާއި އެއާއެކު ވީ ތަދުން ހޭވެރިކަން ނެތުނުކަމަށް އޭނާ ބުންޏެވެ.

"އެއީ ލޮލުގައި ބުޅިއަކުން ޖެހުނީއެއް ނޫން. އެ ދޯނިން މަހަށްދާ "ޝިޔާމް" ކިޔާ މީހެއް އަހަރެންގެ ލޯމަތީގައި އެއްޗަކުންޖެހީ. އޭނަ ދޮށީގައި ބުޅިލާންވެގެން އައި ވަގުތު އަހަރެން ތަންކޮޅެއް ދިގުކޮށް ކަންވާރު ބުރިކޮށްލިޔޭ ކިޔާ ހިތްހަމަ ނުޖެހިގެން އައިސް ޖެހީ. އަހަރެން ތައްޔާރުކުރި ދޮށި ދީފައި އެނބުރުނު ގަޑީގައި ވަރަށް ބާރަށް ލޯމަތީގައި އެއްޗަކުން ޖެހީ. ނޭގޭ ކޯޗެއް ކަމެއް. ދަތުވި ވަރުން ހޭވެރިކަމެއްނެތް" ވަހީދު ބުންޏެވެ.

ވަހީދު އިތުރަށް ބުނީ މި މައްސަލަ މިހާރު ޕޮލިހަށްވެސް ހުށަހަޅާފައިވާކަމަށާއި، ބޭނުންވަނީ އޭނާގެ ލޮލަށް އަނިޔާ ދިން އެ ދޯނީގެ ފަޅުވެރިޔާ ޝީޔާމަށް ހައްގު އަދަބު ލިބުން ކަމަށެވެ.

ގދ. ތިނަދޫ ހޮސްޕިޓަލުގައި މިހާރު ފަރުވާ ހޯދަމުންދާ ވަހީދު ބުނީ އެނާގެ ލޮލުގެ ހުދުބަޔަށް އަނިޔާވެފައި ވާކަމަށާއި، ދިގުމުއްދަތަކަށް ބޭސްކައިގެން ރަގަޅު ކުރެވޭނެކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!