މަސްވެރިކަމާއި ގުޅޭ

ފާނައިގެ ތައާރަފާއި މާޙައުލު

ފާނައިގެ އާއިލާއަކީ ޙަޔަވީގޮތުންނާއި އިޤުތިޞާދީ ގޮތުން މުހިންމު ތަފާތު އެކި ބާވަތްތަކެއްގެ މައްޗަށް އެކުލެވޭ އާއިލާއެކެވެ.

ފާނައިގެ ބާވަތްތައް ނިސްބަތްވަނީ، ސެރަނިޑޭ (Serranidae) އާއިލާގެ އެޕިނެފެލިނޭ (Epinephelinae) ސަބްފެމިލީއަށެވެ. އަދި މީގެތެރެއިން އިޤުތިޞާދީގޮތުން އެންމެ މުހިންމު ފާނައިގެ ބާވަތްތައް ނިސްބަތްވަނީ އެޕިނެފެލަސް (Epinephelus) އަދި ސެފަލޮފޯލިސް (Cephalopholis)، މި ދެ ޖީނަސްއަށެވެ. މުޅި ދުނިޔޭގައި 16 ޖީނަސް އަކަށް ނިސްބަތްވާ 160 އަށްވުރެ ގިނަ ފާނައިގެ ބާވަތް ރިކޯޑުކުރެވިފައިވެއެވެ (ޒުއާންގް އެޓް އަލް. 2013). މީގެތެރެއިން ދިވެހިރާއްޖޭގައި އުޅޭކަމަށް ރިކޯޑު ކުރެވިފައިވަނީ 41 ބާވަތެވެ.

ފާނައިގެ ބާވަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ބާވަތްތަކެކެވެ. ނަމަވެސް، ފާނައިގެ ޙަޔާތުގެ ބުރުގެ އެކި މަރުޙަލާތަކަށާއި އެހެނިހެން ކަންކަމަށް ބިނާކޮށް، ފާނައިގެ ވަކިވަކި ބާވަތްތައް އުޅޭ މާޙައުލު ތަފާތުވެއެވެ. މިގޮތުން، ކުދި ފާނަ އާންމުގޮތެއްގައި އުޅެނީ ގޮނޑުދޮށާ ކައިރީގައި ހުންނަ މޫދުވިނަ އާއި، އަކިރިތަކުގެ ތެރޭގައްޔާއި، މިނޫންވެސް މިފަދަ ޅަ ފާނަ އާލާވުމަށް މަގުފަހި ކޮށްދޭ މާޙައުލުތަކުގައެވެ.

ބޮޑެތި ފާނަ އާންމުގޮތެއްގައި އުޅޭކަމަށް ފާހަގަކުރެވިފައިވަނީ، ދުނިޔޭގެ ދެބައިހަމަ (އިކުއޭޓަރ) ސަރަޙައްދުގެ ހޫނު (ޓްރޮޕިކަލް) ކަނޑުތަކުގައްޔާއި، މެދުމިންވަރަކަށް ހޫނު (ސަބްޓްރޮޕިކަލް) ހިސާބުތަކުގައި، ކަނޑުގެ ބިންގަނޑާ ކައިރީގައެވެ. އަދި، ފާނައަކީ އާންމުކޮށް މުރަކަ ފަރުތަކުންވެސް ފެންނަ މަހެކެވެ. ފާނައިގެ ބާވަތްތައް އާންމުކޮށް އުޅޭ އެންމެ ފުންމިނަކީ 200 މީޓަރެވެ. އެހެންނަމަވެސް، ފާނައިގެ ބައެއް ބާވަތްތަކަކީ 500 މީޓަރު ފުނުގައިވެސް އުޅޭ ބާވަތްތަކެކެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ފާނަ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!