މަސްވެރިކަމާއި ގުޅޭ

251300848_436269607845785_6371488014492193177_n

އެކްސިޑެންޓްގައި ދޯނިން 4 ފޫޓު ފަޅައިގެންދިޔަ: ކަރަވައްތާ ދޯނީގެ ކެޔޮޅު

ކޫއްޑޫ ޖެޓީއަށް އެރި ކަރަވައްތާ ދޯނިއަށް ލިބުނު ގެއްލުންތަކުގެ މަރާމާތުގެ މަސައްކަތަށް 50000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއް ހޭދަވާނެ ކަމަށް އެދޯނިން ހާމަކޮށްފިއެވެ.

ގއ. ވިލިނގިލިގައި ދުއްވާ ކަރަވައްތާ ދޯނި މިދިޔަ ހޮނިހިރު ދުވަހު މަސް ކިރުވުމަށް ކޫއްޑޫއަށް މަސް ކިރުމަށް ޖެޓީއަށް ކައިރި ކުރަން އުޅުމުގެ ތެރޭގައި ދޯނިގެ ކޮންޓްރޯލުން ނެއްޓި ޖެޓީ ތޮށިގަނޑަށްވަނީ އަރާފައެވެ.

މި ހާދިސާ ހިނގިގޮތް މަސްވެރިން އެމްވީއަށް ކިޔައިދެމުން އެދޯނީގެ ކެޔޮޅު މުޙައްމަދު ރަމީޒު، ބުނީ އެކްސިޑެންޓުވާން މެދުވެރިވީ ގިއަރު މަސައްކަތް ނުކުރުމުން ކަމަށެވެ.

"ނެރުންވަދެ ގިއަރު ކަނޑާލަން އުޅުނީ، ގިއަރު ކަނޑާލަން އުޅުނީމަ، ގިއަރު ނުއެއް ކެނޑުނު، ދެން ފަހަތަށް ދުއްވަން ހިފީ، އެކަމް އެހެން ހެދީމަވެސް ދަނީ ކުރިއަށް، ގާތްގަނޑަކަށް 4 މޭލު ބާރު މިނުގައި ގޮސް ޖެޓީގައި ޖެހުނީ،" ރަމީޒު ކިޔައިދިނެވެ.

ރަމީޒްވަނީ މި ހާދިސާއާއި ގުޅިގެން ދޯންޏަށް ލިބުން ގެއްލުންތަކުގެ ތަފްސީލްވެސް ހިއްސާކޮށްފައެވެ.

"ރަޖިސްޓްރީ ނަމްބަރާ ދިމާއިން ގާތްގަނޑަކަށް 4 ފޫޓު ދިގުމިނުގައި ފުޅާ މިނުގައި 1 ފޫޓު ހުންނަވަރު ތަކެއް ފަޅައިގެން ދިޔަ، މައްޔާ މަތިން ގާތްގަނޑަކަށް 1 ފޫޓުވަރުދިޔަ ހަލާކުވެގެން، މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ރަމީޒު ބުންޏެވެ.

ރަމީޒު ބުނީ ވާނެ އެންމެ ބޮޑު ގެއްލުމަކީ މަހަށް ނުނިކުމެވި ދުވަސްތަކެއް ހޭދަވުން ކަމަށެވެ. އެހެން ނަމަވެސް އަންނަ ބުރާސްފަތި ދުވަހު ދޯނި މަހަށް ނިކުުމެވޭވަރުވާނެ ކަމަށް ރަމީޒު ބުންޏެވެ.

މަސްވެރިކަމުގައި ބޭނުންކުރާތާ 13 އަހަރުވެފައިވާ ކަރަވައްތާ ދޯނީ ފެށުނީއްސުރެ ކެޔޮޅުކަން ކުރަމުން އައީ ރަމީޒެވެ. މިއީ މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!