ބަތްޕެން ހިކާއަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ ކުޑަހިކައެކެވެ.
މިހިކާގެ ކާނާއަކީ މޫދުގައިއުޅޭ ކުދިކުދި ފަނިފަކުސައެވެ. ގިނައިން ފެނިފައި ހުންނަނީ ބައި ހަދައިގެން އުޅޭތަނެވެ. މިބާވަތުގެ ހިކައަކީ ދިވެހިން ކައިއުޅޭ ހިކައެއްނޫނެވެ. ދިވެހިންގެ ތެރޭގައި މިބާވަތުގެ ހިކާ ހިފާއުޅެނީ ދިރޭމަސް ބޭރުކުރާ މީހުން އެކަންޏެވެ. އެބައިމީހުން ވަރަށް މަދުމަދުން މިބާވަތުގެ ހިކާ ބޭރުކުރެއެވެ. މިބާވަތުގެ ހިކާ އެންމެ ބޮޑުވާކަމަށްވަނީ ގާތްގަނޑަކަށް 17 ސެންޓިމީޓަރަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 8 ހަރުކަށްޓާއެކު 13 މަޑުކަށްހުރެއެވެ. މަހުގެ ބޮލުގައި ހުޅުނބެއް ނުހުރެއެވެ. މޭދަށުގައި ހުންނަ ހުޅުނބުތައް ހަށިގަނޑުގެ އެހެން ހިސާބުތަކުގައި ހުންނަ ހުޅުނބަށްވުރެ ކުދިވާނެއެވެ. އަނގައިގައި ހުންނަނީ ކޮޅަށް އޫކޮށް ހުންނަ ކުދި ދަތްތަކެކެވެ. މަހުގެ މަތީބައިގެ ކުލައަކީ މުށިކުލައެކެވެ. ބޮލުން ފެށިގެން މަހުގެ ދިގަށް ފުޅާ ގަދަމުށިކުލައިގެ ބޭންޑެއްހުރެއެވެ. ތިރީބައިގެ ކުލައަކީ ދޮންކުލައެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ކުލައަކީ މުށިކުލައެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގެ ކުލައަކީ ފަނޑުރީނދޫކުލައެވެ. މިމަހަށް ދިވެހިންގެ ތެރޭގައި ވަކިނަމެއް ކިޔަމުންދާކަމަށް ރެކޯޑްކުރެވިފައެއްނެތެވެ. ނަމަވެސް މަލިކުމީހުން މިމަހަށް ބަތްޕެންހިކާ ކިޔާކަމަށް ރެކޯޑްތަކުން ދައްކާތީ، މިއީ ދިވެހިނަމަކަށްވާތީ އެގޮތުގެމަތިން ނަންކިޔާފައިވަނީއެވެ
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003