މަސްވެރިކަމާއި ގުޅޭ

މަސްވެރިކަމުގެ މައުލޫމާތު: އިހީގެ ޙަޔަވިއްޔާތާއި ޠަބީޢަތް އަދި ދިރިއުޅޭ މާޙައުލު

އިހީގެ ބާވަތްތަކަކީ ޢުމުރު ދިގު، ފުދޭވަރަކަށް ލަހުން ފުރާވަރަށް އަރާ ބާވަތްތަކެކެވެ.

އިހި ބޮޑުވަމުން އަންނައިރު، އޭގެ ތޮށިގަނޑަކީ އޭގެ ހަށިގަނޑާ އެއްކޮށް ބޮޑުވާ އެއްޗެއް ނޫނެވެ. އެހެންކަމުން، އިހީގެ ހަށިގަނޑު އޭގެ ތޮށިގަނޑަށް ވުރެ ނިސްބަތުން މާބޮޑުވުމުން، އެ ތޮށިގަނޑު ދޫކޮށްލައި، އައު ތޮށިގަނޑެއް އޭގައި އުފެދެއެވެ. މިގޮތުން، ދަރިމައިވުމަށް ތައްޔާރުވުމުގެ ގޮތުން ވެސް އަންހެން އިހި ތޮށިގަނޑު ދޫކޮށްލައެވެ. އަދި މިގޮތަށް ކަންތައް ކުރުމުން، އެއިގެ ބަނޑުދަށުގައި ހުންނަ ޚާއްޞަ ގުނަވަނެއްގައި ފިރިހެން އިހީގެ ފަނި ހަރުލައްވައެވެ. މިގޮތަށް ހަރުލައްވާ ފަނި، އަންހެން އިހި ބިސް ދޫކުރުމަށް ތައްޔާރުވަންދެން ރައްކައުކޮށްފައި ބަހައްޓައެވެ.

މިގޮތުން ބައެއް ހާލަތްތަކުގައި އެތަކެއް މަހެއް ވަންދެންވެސް އެ ފަނިތައް ރައްކައުކޮށްފައި ބަހައްޓައެވެ. އަދި ވަގުތު ޖެހުމުން ފަންޏާއި ބިސް ގުޅެނީ (ފަރޓިލައިޒްވަނީ) ހަށިގަނޑުން ބޭރުގައެވެ. އެއަށްފަހު، އަންހެން އިހީގެ ނިގޫފަތުގެ ދަށުގައި ބަހައްޓައި ބިސް ފީކުރެއެވެ. ދެން، ބަނޑު ދަށުގައިވާ ކުދި ފައިތަކެއްގެ ބޭނުންކޮށްގެން ފެންގަނޑުތެރެއަށް އެ ބިސްތައް ދޫކޮށްލައެވެ. މިގޮތަށް ދޫކޮށްލާ ބިސްތަކުން ވިހާ ޅަ ފަނި (ލާވާ) އެތައް މަހެއް ވަންދެން އޮޔާއެކު ދަތުރުކުރެއެވެ. މި މުއްދަތުގައި ޅަ ފަނި ހެދިބޮޑުވުމުގެ ތިން މަރުޙަލާއެއް ކަޑައްތުކުރެއެވެ. އަދި އެއަށްފަހު، ޅަ އިއްސަށް ބަދަލުވެ، ކަނޑުގެ އަޑީގެ ފަސްގަނޑުގައި ނުވަތަ ފަރުމަތީގައި ވަޒަންވެރިވެއެވެ. ޅަ އިއްސަކަށް ބަދަލުވުމަށްފަހު، ޢުމުރުގެ ކުރީކޮޅު އެސޮރުމެން ހޭދަކުރަނީ، ޝިކާރަކުރާ ސޫފާ ސޫތްޕަށް ފިލުމަށްޓަކައި މުރަކަ ގަލާއި މޫދުވަނަ ފަދަ ތަންތަނުގެ ނިވަލުގައެވެ.

އިހީގެ ޙަޔާތުގެ ބުރުގައި ހިމެނޭ ތަފާތު މަރުޙަލާތައް ކުރެހުން 1 ގައި ދައްކައިދީފައި އެވަނީ އެވެ.

އިހީގެ ކާނާގެ ގޮތުގައި ގޮޅާ، ރިނދަލި، ކަކުނި ފާޑުގެ މައިކަށި ނުހުންނަ ސޫތްޕާއި، މޫދުފެހި ހިމެނެއެވެ. މީގެ އިތުރުން، ލޮނުގަނޑުގެ ތެރޭގައި އޮޔާއެކު ދަތުރުކުރާ ކުދި ސޫފި ވެސް ކާނާގެ ގޮތުގައި ޅަފުރައިގެ އިހި ބޭނުންކުރެއެވެ. އިހީގެ ވަކިވަކި ބާވަތްތަކުގެ ޙަޔަވިއްޔާތާއި ހެދިބޮޑުވާ ގޮތް ވަރަށް ތަފާތެވެ. މީގެ ސަބަބުތަކުގެ ތެރޭގައި، ކާނާ ލިބޭ މިންވަރާއި، ލޮނުގަނޑުގެ ފިނިހޫނުމިނާއި އޮއިދެވޭ މިންވަރު ބަދަލުވުން ހިމެނެއެވެ.

އިހީގެ ބައެއް ބާވަތްތަކަކީ (ސްޕައިނީ ލޮބްސްޓަރގެ ބާވަތްތަކަކީ) އޭގެ ޠަބީޢަތުގައި އެކުގައި ބައިހަދައިގެން އުޅުމުގެ ސިފަ ހުންނަ ބާވަތްތަކެކެވެ. މިގޮތަށް ގިނަ އަދަދެއްގެ އިހި އެއް ސަރަޙައްދެއްގައި ޖަމާވެ އުޅެނީ އެހެން ސޫފީގެ ފަރާތުން ކުރިމަތިވާ ނުރައްކާ ކުޑަ ކުރުމަށް ކަމަށް ބެލެވެއެވެ. އިހީގެ ބާވަތްތަކަކީ އެއިގެ ޙަޔާތުގެ ބުރުގެ އެކި މަރުޙަލާތަކުގައި، ތަފާތު މަސްމަހުގެ ކާނާގެ ގޮތުގައި ހިމެނޭ ބާވަތްތަކެކެވެ. މިގޮތުން ފާނަ، މިޔަރު، ރޮނޑު، މަޑި އަދި ބޯވަ އަކީ އިހި ޝިކާރަކޮށް، ކާނާގެ ގޮތުގައި ބޭނުންކޮށް އުޅޭ ބާވަތްތަކެވެ.

މަސްދަރު: ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!