މަސްވެރިކަމާއި ގުޅޭ

ދިވެހި މަސްވެރިކަމުގެ އެހާރާއި މިހާރު: މަސްއުޅޭ ހިސާބަށް ނުދެވިގެން އަނބުރާ ރަށަށް އަންނަ އައުން ބަދަލުވިގޮތް

އަލީ ވަހީދު - ހއ ހޯރަފުށި (1982، ރަސްއައިން މަޖައްލާ)

ދިވެހި މަސްވެރި ކަމުގެ އެހާރާއި މިހާރަށް ނަޒަރު ހިންގަލާއިރު ފެންނަނީ ވަރަށްވެސް ހިތްހަމަ ޖެހޭފަދަ މަންޒަރު ތަކެކެވެ.

މީގެކުރިން ހިތައްވެސް ނުގެނެވޭފަދަ ގޮތެއްގައި ، ދިވެހި މަސްވެރިކަން މިހާރު ދަނީ ތަރައްގީ ވަމުންނެވެ. އެއްގޮތަކުން އެކަންޏެއްނޫނެވެ. ތަފާތު އެތައް ގޮތަކުންނެވެ. ދިވެހި މަސްވެރިކަމުގެ އެންމެކުރީގައި މަހަށްގޮސް އުޅުނީ ފަން ރިޔަލުގައެވެ. ދުނިޔެ ތަރައްޤީ ވަމުން އައިގޮތުން ފަންރިޔާ ބަދަލުވެގެންދިޔައީ ފޮތި ރިޔަލަށެވެ. ފޮތި ރިޔަލުގައިވެސް ދިވެހި މަސްވެރިން އެމަސައްކަތްކުރީ ވަރަށްވެސް އެދެވޭ ގޮތެއް ގައެވެ. އެންމެފަހުން ދާދި މިދާކަށްދުވަހު އެފޮތި ރިޔަލުގެ މަސްވެރިކަން ބަދަލުވެ. ގެންދިޔައީ އިންޖީނު ދޯނިގެ މަސްވެރިކަމަށެވެ. މިގޮތަކީ މީގެކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ގޮތެކެވެ. އެއީ ސަރުކާރުން އިންޖީނު އަޅުއްވާ ދެއްވުމާއި ގުޅިގެންނެވެ.

އިންޖީނަކީ ދިވެހި މަސްވެރިން މީގެކުރިން ޚިޔާލަށްވެސް ނުގެންނަ އެއްޗެކެވެ. ފޮތި ރިޔަލުގައި މަހަށްފުރިއިރު ފަލިޖެހުމާއި ރިޔާ ބަދަލު ކުރުމުން ލިބޭ ވަރު ބަލިކަމާއި ހާސްކަން ފިލައިގެން ހިގައްޖެއެވެ. މިހާރު އިންޖީނު ދޯނިތައް އަޅުގަޑުމެންގެ ތެރެއަށްވަނީ ، ވަރަށް އާންމުވެފައެވެ. ދިވެހި މަސްވެރިންނަކަށް މިހާރަކު މަސްވެރިކަންކުރުމުގައި އެހާބޮޑު އުދަގޫތަކެއް އުފުލާކަށް ނުޖެހެއެވެ. މީގެކުރިން މަސްވެރިން މަސް އުޅޭ ހިސާބަށް ނުދެވިގެން އިރުއޮއްސެންހެދީމާ ލޮލުން ކަރުނަ އަޅަމުން ރަށަށް އަންނަ އައުންވަނީ ބަދަލުވެފައެވެ. މީގެކުރިއާ ޚިލާފަށް މިހާރު ދިވެހި މަސްވެރީން މަސް އައިން ފެނުމާއެކު ، އުފަލުން ހެމުން އިންޖީނު ފުލްކޮށްލާފައި މަސްއުޅޭ ހިސާބަށް ގޮސް މަސްބައިގެން ލަފަނީއުފާވެރި މޫނުތަކަކާއި އެކުގައެވެ.

އިންޖީނު އަޅުއްވައި ދެއްވުމުން އަޅުގަޑުމެންގެ ކުރީގެ ދިވެހި މަސް ވެރިކަމުގެ ރިޔަލު ދޯނިފަހަރުގެ މަސްވެރިކަން ފަޅުވަމުން ދިއުމަކީ، ވަރަށްވެސް ހިތާމަވެރި ކަމެކެވެ. މީގެކުރީން މަސްވެރިކަން ކޮށްއުޅުނުގޮތް ހަދާންނެތިކޮށްލާފައި، ތިބުމަކީ " ކުއްޅަވައް ފަލު ރަނިން" ނަށް ވީފަދަ ގޮތެކެވެ. މިހާރު ރިޔަލުދޯނިފަހަރު މަހަށް ފުރާލެއް އަޅުގަޑުމެންގެ ތެރޭގައި ވަރަށް މަދެވެ. ސަބަބަކީ އިންޖީނު ދޯނިފަހަރުގައި މަހަށްދިއުމަށް ފަސޭހަކަމެވެ. މިހާރު ދިވެހި މަސްވެރިން ބުނެލާ ކަހަލައެވެ.

"ދެންރިޔަލުގައި މަހަށް ފުރުވާކަށެއް

އެންމެ ފަހަރަކު ވިއަސް ނުކެރޭނެޔޭ"

މިއީ އެއްގޮތަކަށްވެސް އަޅުގަޑުމެން ބުނެގެން ނުވަތަ ކިޔައިގެން ވާނޭ އެއްޗެއް ނޫނެވެ.

މީގެކުރީން ދިވެހިންދުއް އޮއިވާލި މަސްވެރިކަންވެސްވަނީ ތަރައްގީވެފައެވެ. ވަރަށްވެސް އެދެވޭ ގޮތެއްގަ އެވެ. ސަރުކާރުން ރާއްޖޭގެ ކަޑުތަކުގައި ބަހައްޓާ ދެއްވާ ކަނދުފަތިތަކުގެ ސަބަބުންނެވެ. މާދުރަށް ނުގޮސް މިކަދުފަތި ކައިރިން މަސްބާނަ އެވެ. މިކަދުފައްޗާއި މަސް އަވަލަނީ ، ގާތްގަޑަކަށް ތިންހަފުތާގެ ތެރޭގައެވެ. ދިވެހި މަސް ކެޔޮޅުންނަށް ތަމްރީނު ދެއްވުމުގެ ކޯސްތަކެއް މިހާރު ދަނީ ހިންގަވަމުންނެވެ. މި ކޯސްތަކުގެ ސަބަބުން ކެޔޮޅުންގެ މައުލޫމާތު އިތުރުވެ ބުޅި ކަންވާރު ލުމުގެ އާގޮތް ދަސްވެއެވެ.  އަދި ބޭރުގެ އެކި ޤައުމުތަކުގައި މަސްވެރިކަން ކޮށް އުޅޭގޮތް ފެނެއެވެ. މި ކަންތައްތައް ހިންގަވަނީ ސަރުކަރުން ކަމާބެހޭ މާހިރުން ގެންނަވައި ގެންނެވެ. މިން އެއްވެސް ކަމަކީ މީގެކުރީ ޒަމާނުގައި ހިގިކަމެއް ނޫނެވެ. މުޅިން އަލަށް ކުރާ ކަންތަކެވެ. ދުނިޔެ ތަރައްގީ ވެގެން ދިޔަދިޔަހެންނެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!