މަސްވެރިކަމާއި ގުޅޭ

ހުއިފި ލަނޑާ - ފޮޓޯ: މޫސާ ނަސީމް

މާޙައުލީ ނިޒާމުގައި ހުއިފިލަނޑާގެ ދައުރު

ހުއިފިލަނޑާއަކީ މާޙައުލީ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ދިރުމެކެވެ.

މިގޮތުން، ކަނޑުގެ ފަސްގަނޑު އަދި ފަރުތަކުގެ މާޙައުލީ ނިޒާމްތަކުގެ ޖިސްމާނީ އަދި ކެމިކަލް ޕްރޮސެސްތައް ދެމެހެއްޓުމުގައި ހުއިފިލަނޑާ މުހިންމު ދައުރެއް އަދާކުރެއެވެ. ކަނޑުގެ ފަސްގަނޑުން ކައިއުޅޭ ހުއިފިލަނޑާ ފަސްގަނޑުގެ މަތީ ފަށަލައިގައިވާ ވެއްޔާއި ޗަކައާ އެކުވެފައިވާ އޯގެނިކް މެޓީރިއަލް ކެއުމަށްޓަކައި މޫދުގެ ފަސްގަނޑު ކޮނެ ހެދުމުގެ ސަބަބުން ބިމުގެ ފަށަލަތައް އެތުރިފައިވާ ގޮތަށް އަސަރުކުރުވައެވެ. އަދި މިގޮތުން، ބިންގަނޑުގެ ފަށަލަތައް ވަކި ގޮތަކަށް ހަމަޖެހި، އެގޮތުގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. ހަމަ އެފަދައިން، ލޮނުގަނޑުގެ ތެރޭގައި އޮޔާއެކު ދައުރުވާ ކުދި ސޫފި ކައި އުޅޭ (ސަސްޕެންޝަން-ފީޑިންގް) ހުއިފިލަނޑާ، ފެނުގައި ހިމެނޭ ކާބޮނޭޓްގެ މިންވަރު އަދި ޕީއެޗް ބަދަލުކޮށް، ފެނުގެ ކޮލިޓީ ހިފަހައްޓައެވެ. މީގެ އިތުރުން، ބެކްޓީރިއާ އަދި އޯގެނިކް މެޓީރިއަލް ކެއުމުގެ ސަބަބުން، އޯގެނިކް ހަކަތައިން މަދުވާ މިނަރަލްގެ ނިސްބަތް އަލުން އިއާދަކޮށްދިނުމުގައި އެސޮރުމެން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ހުއިފިލަނޑާ ވެފައިވަނީ ފަރުތަކުގެ އަދި ކަނޑުގެ ބިންގަނޑުގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ މުހިންމު ދިރުމެއް ކަމުގައެވެ.

ކޮޕެޕޮޑްސް، ކަކުނި އަދި ޑިނގާ ފަދަ އެހެން ދިރުމެއްގެ ހަށިގަނޑުގެ ބޭރުފުށުގައި ތަތްކޮށްލައިގެން އޮވެ، އެދިރުމަކަށް ގެއްލުމެއް ނުވާނޭހެން ކޮންމެވެސް ގޮތަކުން އެދަރުމަކުން ފައިދާއެއް ލިބިގަންނަ ބާވަތްތަ
މި ބާވަތްތަކަށް (އެކްޓޮކޮމެންސަލް ސްޕީޝީޒް) އަދި ޕްރޮ ފަދަ އެހެން ދިރުމެއްގެ ހަށިގަނޑުގެ އެތެރޭގައި އޮވެ އެދިރުމަކަށް ގެއްލުމެއް ނުވާނޭހެން އެޚިރުމަކުން ކޮންމެވެސް ފައިދާއެއް ލިބިގަންނަ ބާވަތްތަކަށްވެސް (އެންޑޮކޮމެންސަލް ސްޕީޝީޒް ހުއިފިލަނޑާއަކީ މުހިންމު ދިރުމެކެވެ. އަދި މީގެ އިތުރުންވެސް އެހެނިހެން މަސްމަހާމެއްސަށް ހުއިފިލަނޑާގެ ފަރާތުން ގިނަގުނަ ފައިދާތައް ލިބެއެވެ.

ހުއިފިލަނޑާއަކީ ކަނޑުގެ މާޙައުލުގެ ފުޑް ޗެއިން (އެއް ދިރުމުން އަނެއް ދިރުމަށް ހަކަތަ ދަތުރުކުރާ މަގު) ދެމެހެއްޓުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ދިރުމެކެވެ. މިގޮތުން ޒައްރާފެހި (މައިކްރޯ އަލްގޭ) އަދި މަރުވެފައިވާ ދިރުންތަކުން އުފެދޭ އޯގެނިކް މެޓީރިއަލްތަކުން ހަކަތަ ހޯދައި، ކަނޑުގައި އުޅޭ ކަކުންޏާއި އިއްސާއި ޑިނގާ ފަދަ ދިރުންތަކަށް އެހަކަތަ ފޯރުކޮށްދެއެވެ. މިކަމުގެ ސަބަބުން، ފުޑް ޗެއިނަށް އިތުރު މުއްސަނދިކަން ގެނެސްދެއެވެ. މިފަދަ ގިނަގުނަ ފައިދާތަކެއް ހުއިފިލަނޑާގެ ފަރާތުން މާޙައުލީ ނިޒާމަށް ލިއްބައިދޭއިރު، އެކަށީގެންވާ ގޮތަކަށް ބެލެހެއްޓުމެއް ނެތި، ހުއިފިލަނޑާ ނެގުމުގެ ސަބަބުން މާޙައުލީ ނިޒާމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުތައް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!