މަސްވެރިކަމާއި ގުޅޭ

Funadhoo Farumas 2

ފަރުމަސްވެރިކަމަކީވެސް އާމްދަނީ ހޯދަން ރަނގަޅު މަސައްކަތެއް

ފަރުމަސްވެރިކަމަކީވެސް ގިނަ އަދަދެއްގެ ދިވެހިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެކެވެ.

ށ. ފޮނަދޫ އަކީ ފަރުމަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ފަރުމަސްވެރިކަމެވެ.

ފޮނަދޫ ހަސަން އާދަމް އަކީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މި ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހުރި މީހެކެވެ. ހާއްސަކޮށް ފަރުމަސްވެރިކަމުގެ ދާއިރާގައި އުޅޭތާ މިހާރު ގިނަ ދުވަސްތަކެއްވަނީ ވެފައެވެ.

ކެޔޮޅެއްގެ ގޮތުގައި މަސައްކަތްކުރާ ހަސަން، މަސްވެރިންގެ އެމްވީ އާއި ވާހަކަދައްކަމުންވަނީ މި ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަށް ފާހަގަކޮށްފައެވެ. އެގޮތުން މިހާރު ފަރުމަސްވެރިކަމަށް މިހާރު ދަނީ ލޯންޗު ފަހަރުގައި ކަމަށެވެ.

" ދުރު ހިސާބުތަކަށް ގޮސް މަސް ބާނާލައިގެން، އައިސް އަޅައިގެން މި އަންނަނީ، މަސްތަށް ތާޒާ ކޮށް ހުންނަނީ، ވަގުތުން މަސްތަށް ވިއްކުމުގައި އުޅޭކަށް ނުޖެހޭ،" ހަސަން ބުންޏެވެ.

ހަސަން ބުނީ ބާނާ ފަރުމަސްތަށް ވިއްކަނީ އެރަށުގެ މީހުންނަށް ކަމަށެވެ. އެގޮތުން މަސް ނުވިކިގެން އުޅެން ނުޖެހޭ ކަމަށްވެސް ހަސަން ބުންޏެވެ.

ހަސަންގެ އުމުރުން މިހާރު 59 އަހަރު ފުރިފައިވާއިރު، އޭނާ މަސްވެރިކަމުގެ ދާއިރާ އާއި ގުޅުނީ އުމުރުން 16 އަހަރުގައެވެ. މި ފާއިތުވީ މުއްދަތުގައި ހަސަންވަނީ ތަފާތު އެކި ކަހަލަ މަސްވެރިކަމުގެ ތަޖުރިބާތަށްކޮށްފައެވެ.

މަސްވެރިކަމާއި ގުޅޭ ތަފާތު އެކި މަސައްކަތްތައްވެސް ހަސަން ކުރެއެވެ. ބުޅި ހެދުން ފަދަ މަސައްކަތްތަށްވެސް ހަސަން ކުރެއެވެ.

ފަރުމަސްވެރިކަން ކުރުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން ހަސަން ބުނީ ތަކެތީގެ އަގުބޮޑުވުމަކީ ދިމާވާ ދައްޗެއް ކަމަށެވެ. ހަސަން ބުނީ ރަށުގައި ދިރިއުޅެމުން އާމްދަނީއެއް ހޯދުމަށް ކުރަން މިއީ ރަނގަޅު މަސައްކަތެއް ކަމަށެވެ. އެގޮތުން އެވްރެޖްކޮށް މަހެއްގެ މައްޗަށް 6000 ރުފިޔާ ލިބޭ ކަމަށް ހަސަން ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ރިސޯޓުތަކަށް ފަރުމަސް ވިއްކުމުގައިވެސް ދަތިތަކެއް ހުރިކަން ހަސަން ފާހަގަކުރިއެވެ. އަދި ރިސޯޓުތަކަށް ރަނގަޅު އަގެއްގައި ފަރުމަސް ވިއްކޭ ނަމަ މިހާރަށްވުރެ ރަނގަޅު އާމްދަނީއެއް ލިބޭނެކަން ހަސަން ފާހަގަކުރެއެވެ.

ރާއްޖޭގައި ތަފާތު އެކި ކަހަލަ މަސްވެރިކަން ކުރަމުންދާއިރު، މި ބާވަތްތަކުގެ މަސްވެރިކަމަކީވެސް ކުރިއެރުވިދާނެ ދާއިރާތަކެވެ. ރައްޔިތުންގެނަށް ރަނގަޅު ނަފާއެއް ލިބި، ވަޒީފާގެ ގިނަ ފުރުސަތުތަކެއް މި ދާއިރާތަކުންވެސް ހުޅުވިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!