މަސްވެރިކަމާއި ގުޅޭ

Laam Masverin Forum 4

ލާމު އަތޮޅަށް ޚާއްސަ "ލާމު މަސްވެރިންގެ ފޯރަމް" ފަށައިފި

ލ. އަތޮޅުގެ މަސްވެރިންނަށް ޚާއްސަކޮށްގެން ބާއްވާ "ލާމު މަސްވެރިންގެ ފޯރަމް 2021" ފަށައިފިއެވެ.

މިއީ ބްލޫ މެރިން ފައުންޑޭޝަނާއި، މޯލްޑިވްސް ރެސީލިއަންޓް ރީފްގެ ފަރާތުން ލާމު އަތޮޅު ކައުންސިލާއި ގުޅިގެން ބާއްވާ ފޯރަމެކެވެ.

މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ ލާމު އަތޮޅުގައި ކުރެވޭ އެކިއެކި މަސްވެރިކަމާއި ގުޅޭ ގޮތުން މަސްވެރިންނާއި ޚިޔާލު ބަދަލުކުރެވި، މަސްވެރިންގެ ބައިވެރިވުމާއިއެކު، ލ. އަތޮޅުގެ މަސްވެރިކަމުގެ ހާލަތު ރަގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން އަތޮޅު ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ދެނެގަތުމެވެ. މި ފޯރަމްގައި ބުލޫ މެރިން ފައުންޑާޝަންގެ ފަރާތުން އެއްކުރެވިފައިވާ މަސްވެރިކަމުގެ މައުލޫމާތު ބައިވެރިންނާއި ހިއްސާކުރެވިގެންދާނެކަމަށް ބުލޫ މެރިން ފައުންޑޭޝަންގެ ޕްރޮޖެކްޓް މެނޭޖަރި ޝާހާ ހާޝިމް ވިދާޅުވިއެވެ.

"މިފަދަ ފޯރަމެއްގެ ބޭނުންމަކީ މަސްވެރިންނާއި ބައްދަލުވެ، މަސްވެރިންގެ މަޝްވަރާއާ ޚިޔާލު ހޯދާ، މި އަތޮޅުގެ މަސްވެރިކަމުގެ ހާލަތު ރަގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުން. ފޯރަމްގައި ބުލޫ މެރިން ފައުންޑޭޝަންއިން އެއްކޮށްފައިވާ މަސްވެރިކަމުގެ މައުލޫމާތު މަސްވެރިންނާއި ހިއްސާކުރެވިގެން ދާނެ". ޝާހާ ހާޝިމް ވިދާޅުވިއެވެ.

މި ފޯރަމްގައި ކަނޑުމަހާއި ފަރުމަސް އަދި ފަރުމަތީގައި ކުރާ މަސްވެރިކަމަށް އަމާޒުކޮށް ގްރޫޕް މަޝްވަރާތަކެއް ކުރިއަށް ދާނެއެވެ. ކުދި ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ސެޝަންތަކުގައި މަހުގެ ސްޓޮކާއި، މާހައުލީ ނިޒާމާއި، މަސްވެރިކަމުގައި ހޭދަކުރެވޭ ވަގުތާއި ބާނާ މަހަށް ލިބޭ އަގާއި ގުޅޭ ގޮތުން ހިޔާލު ބަދަލުކުރުވޭނެއެވެ. މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް އަތޮޅު ފެންފަރުގައާއި ރަށުފެންވަރުގައި ކުރެވިދާނެ މަސައްކައްތަކާއި ގުޅޭގޮތުން ބައިވެރިންގެ ހިޔާލު ހޯދިގެންދާނެކަމަށްވެސް ޝާހާ ވިދާޅުވިއެވެ.

ލާމު އަތޮޅުގެ 11 ރަށުން 30ށް ވުރެ ގިނަ މަސްވެރިން މި ފޯރަމްގައި ބައިވެރިވެއެވެ. މި ފޯރަމް ބާއްވަނީ މިއަދު 09:00ން 16:30ށް ލ. ގަމު ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!