މަސްވެރިކަމާއި ގުޅޭ

266162432_6954606704579253_2145499343350354131_n

މަރިޔަމްގެ ބޮލި ކަލެކްޝަން، ބޭނުންވަނީ މާކެޓު ކުރެވޭނެ ގޮތެއް

ބޮލި ހޮވުމުގެ މަސައްކަތަކީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެކެވެ. މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގައި ފައިސާގެ ގޮތުގައިވެސް ބޮލި ބޭނުންކޮށްފައިވެއެވެ.

އެހެން ނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި އެކު ބޮއްޔަށް އޮންނަ ޑިމާންޑުވެސްވަނީ ދަށްވެފައެވެ. އެހެން ނަމަވެސް ބޮލި ހޮވުމުގައި އުޅޭ މީހުން މިހާރު ރާއްޖޭގައި މަދު ނަމަވެސް މިކަމަށް އޮންނަ ޝައުގުވެރިކަމެއްގެ ސަބަބުން މި މަސައްކަތް ކުރާ ފަރާތްތައް ރާއްޖޭގައި އުޅެއެވެ. އެގޮތުން ލ. ފޮނަދޫ، މަރިޔަމް ހަސަންއަކީ ބޮލި ހޮވުމުގައި ތަޖުރިބާ ހުރި ފަރާތެކެވެ.

މަސްވެރިން އެމްވީ އާއި ވާހަކަދައްކަމުން މަރިޔަމް ބުނީ ބޮލި ހޮވަނީ ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި ކަމަށެވެ.

"ހަވީރު ގަޑީގައި ދިޔަ ހިކުނީމަ، ތޮށި މައްޗަށް އެރެނީ، ހަވީރު ގަޑީގައި އަރާނެ ހޫފަތްތަކަށް ބޮލި، ދެން ފުޅި އެއް ކަހަލަ އެއްޗަކަށް އަޅައިގެން ގެއަށް ގެންނަނީ، ދެން ގެއަށް ގެނެސް ވިދެ ތޮރުފާފަ އިންނަ ޓައްޕަކަށް އަޅާފަ، ދެން އޭގެ ހުނި ފިޔައީމަ ގޯންޏަށް އަޅަނީ،" މަރިޔަމް ބުންޏެވެ.

މަރިޔަމް ބުނީ ކުރިން ބޮލި ގަންނަން އެރަށް މީހުން އަންނަ ކަމަށެވެ. އެގޮތުން ތ. އަތޮޅުން އެރަށަށް ބޮލި ގަންނަން މީހުން އަންނަ ކަމަށާއި، މަރިޔަމްވެސް އޭރު ބޮލި ވިއްކީ އެރަށުން އަންނަ މީހުންނަށް ކަމަށް މަރިޔަމް ވިދާޅުވިއެވެ.

މިހާރު ބޮލި ވިއްކޭނެ ގޮތެއް ނެތުމުން ގިނަ އަދަދަކަށް ބޮލި އަތުގައި އެބަހުރި ކަމަށް މަރިޔަމް ބުންޏެވެ. އެގޮތުން ގާތްގަނޑަށް 20 ކިލޯގެ ބޮލި އެބަހުރި ކަމަށް އޭނާ ބުންޏެވެ.

މަރިޔަމް ބުނީ ފޫހި ފިލުވުމަށް ބޮލި ހޮވާ ގިނަ އަދަދެއްގެ ބަޔަކު އެރަށުގައި އުޅޭ ކަމަށެވެ.

" އުޅޭ ބައިވަރު މީހުން ބޮލި ހޮވަން އެރި، މަޖަލަކަށް އެކަން ކުރާ މީހުންވެސް މަދެއް ނޫން، ސްކޫލުގެ އެކި ބޭނުންތަކަށްވެސް މީހުން ބޮލި ހޮވާ،" މަރިޔަމް ބުންޏެވެ.

ބޮލި ފަދަ ތަކެއްޗަކީ ރަނގަޅަށް މާކެޓު ކުރެވިއްޖެނަމަ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެކެވެ. ސަބަބަކީ ސްވެނިއަރ ފިހާރަތަކާއި، ރިސޯޓުތަކުގައިވެސް ބޮލިން ތައްޔާރުކޮށްފައި ހުންނަ ގަހަނާ އާއި އެކި ކަހަލަ ސާމާނު ވިއްކަން ހުންނާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!