މަސްވެރިކަމާއި ގުޅޭ

PSM

މިދިޔަ އަހަރު އަތުލައިގަތް މިޔަރު އުރަހައަށް ވީގޮތެއް ނޭނގޭ!

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކަސްޓަމްސް އާއި އެއަރޕޯޓް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އަތުލައިގަތް ގިނަ އަދަދެއްގެ މިޔަރު އުރަހައަށް ވީގޮތެއް އޭގެ ފަހުން ނޭނގޭ ކަމަށް ބުނެ މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މަސްވެރިން ބުނަމުން ދަނީ، އެފަދައިން ކަންތައް ވާނަމަ، މިޔަރު އުރަހަ އެކްސްޕޯޓު ކުރާ މީހުނަށް އެދެވެނީ ހިތްވަރެއް ކަމަށެވެ. އެހެންކަމުން އެފަދަ މީހުނާ މެދު ފިޔަވަޅު އަޅައި، އެތަކެއްޗަށް ވީގޮތް އާއްމުކުރަން ޖެހޭނެ ކަމަށެވެ.

އޭރު އަތުލައިގަތް މިޔަރު އުރަހަތައް ބޭރުކުރަން މަސައްކަތްކޮށްފައިވަނީ ލޮނު މަހުގެ ގޮތުގައި، ފޮށިގަނޑުތަކެއްގައި ބަންދުކޮށްގެންނެވެ. އެގޮތުން 14 ފޮށިގަނޑެއްގަ 243ކިލޯގެ މިޔަރު އުރަހަ، ވައިގެ މަގުން ފޮނުވާލަން މަސައްކަތްކޮށްފައިވެއެވެ.

އޭރު ކަސްޓަމްސްގެ ފަރާތުން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނީ، އެ ތަކެތި ވައިގެ މަގުން ބޭރަށް ފޮނުވާލަން މަސައްކަތްކޮށްފައިވަނީ، ލޮނުމަހުގެ ގޮތުގަ ލިޔެކިޔުންތައް ތައްޔާރުކޮށްގެންކަމަށެވެ. އަދި އެކަމާ ގުޅޭ ތަހުގީގެއް ކަސްޓަމްސްއިން ފަށާފައި ވާކަމަށެވެ.

ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅުވެސް އަތުލައިގެންފައި ވެއެވެ.

އަދި އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ، ގާނޫނާ ހިލާފަށް ސިއްރުން މުދާ ބޭރުކުރަން އުޅުމާއި އޮޅުވާލުމުގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކޮށްފައެވެ. މީގެ އިތުރުން ރަސްމީ އިދާރާ އަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާވެސް ދެމީހެއްގެ މައްޗަށް ކޯޓުގައި ވަނީ އުފުލާފައެވެ.

2010 ވަނަ އަހަރު ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން ވަނީ މަނާ ކޮށްފައެވެ. އެހެންކަމުން މިޔަރު އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!