މަސްވެރިކަމާއި ގުޅޭ

Baits

މިހާރަށްވުރެ ފައިދާހުރިގޮތުގައި ދިރޭއެން ބޭނުންކުރުން

ދިވެހިކަނޑުމަހުގެ މަސްވެރިންނަކީ މުޅިދުނިޔެއަށް ބަލާއިރު ކަނޑުމަސްބޭނުމުގައި އެންމެގިނައިން ދިރޭއެން ހޭދަކުރާ މީހުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި ދިވެހި ކަނޑުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކުން ދިރޭއެން ކިލޯއެއް ބޭނުންކޮށްގެން ހިފެނީ 7 ކިލޯ އާއި 10 ކިލޯ އާދެމެދުގެ ކަނޑުމަހެވެ. މީގ އެއްސަބަބެއް ކަމުގައި ބެލެވެނީ ދިވެހިރާއްޖޭގެ ގިނަ އެތެރެވަރިތަކާއި ފަރުތަކުގައި އެންތިޔާގިވުމެވެ. އަނެއްސަބަބަކީ ދިރޭއެމުގެ ގިނަބާވަތްތައް ދޯނިފަހަރުގެ ވަތުގައި ފަސޭހައިން ގިނަދުވަހު ދިރުވާފައި ބަހައްޓަން އުދަގޫވުމެވެ. އަދި ފަސޭހައިން މަރުވުމެވެ. އެހެންކަމުން މަހަށްފުރާ ކޮންމެ ދުވަހަކު އެން ހޯދަންޖެހެއެވެ. އަދިހަމަ ދިވެހި މަސްވެރިންނަކީ ދިރޭއެން ހޯދައި ހިފުމަށް ކުޅަދާނަބަޔަކަށްވުމެވެ.

ކޮންމެހެންވިޔަސް ދިވެހި ކަނޑުމަހުގެ މަސްވެރިކަމުގައި ހޭދަވާ އެމުގެ މިންވަރު ދަށްކުރުމަކީ މުހިންމުކަމެކެވެ. މިގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި:

  • ދިރޭއެން އިސްރާފުނުކުރުމަށް މަސްވެރިން ހޭލުންތެރި ކުރުވަން.
  • އެހެންގައުމުތަކުގައި ދިރޭއެން ބޭނުންކުރާގޮތުގެ މައުލޫމާތު މަސްވެރިންނަށް ފޯރުވައިދިނުން.
  • މަސްއޮޑިފަހަރާއި މަސްއިން އަވަލައްވައިގެން (އޮއިވާއްޔެހެން) މަސްބާނާނެ ގޮތުގެ މައުލޫމާތު މަސްވެރިންނަށް ފޯރުވައިދިނުން (މިފަހަކަށް އައިސް މަސްވެރިން ބޭނުންކުރަމުންދާ ބޮޑެތި އުޅަނދުފަހަރަކީ މިގޮތަށް މަސްވެރިކަންކުރުމަށް ބޭނިންކުރެވިދާނެ އުޅަނދުފަހަރެވެ. މިގޮތަށް މަސްވެރިކަން ކުރަނީ އާންމުކޮށް އެޓުލާންޓިކް ކަނޑުގައެވެ.)
  • އެންވަތަށް ވައިފޮނުވައިގެން އެންވަތުގައި އޮކްސިޖަން ހުންނަމިންވަރު އިތުރުކުރުން.
  • ދަލުން ވަތަށް އެންބަދަލުކުރުމުގައި އެމަށް ގެއްލުންކުޑަވާނެ ފަދައިން އަމަލުކުރުން.

ރާއްޖޭން އެންމެގިނައިން ބޭރުކުރެވޭ އަދި ރާއްޖޭގެ އުފެއްދުމަކުން އެންމެގިނަ ދިވެހިންނަށް ފައިދާކުރަނިވި ކަނޑުމަހާއި ކަންނެލީގެ މަސްވެރިކަން ބިނާވެފައިވަނީ ދިރޭއެމުގެ މަސްވެރިކަމަށެވެ. ދާދިފަހުން ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިކަންވަނީ ދުނިޔޭގެ ފެންވަރުގައި، ތިމާވެއްޓާރައްޓެހި އަދި ގެއްލުންކުޑަ މަސްވެރިކަމެއް ކަމުގައި ކަނޑައަޅާފައެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރުކުރާ ކަޅުބިލަމަހަށް ދުނިޔޭގެބާޒާރުގައި ލިބޭއަގުވެސް ވަނީމަތިވެފައެވެ. މި ސެޓްފިކެޓް ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިކަމަށް ދިނުމުގައި ވަޒަންކުރި ފަރާތްތަކުން ބެއްލެވީ ހަމައެކިނި ދޮށީގެ މަސްވެރިކަމެއްނޫނެވެ. ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމާ ގުޅިފައިވާ ހުރިހާކަމެއް ބެއްލެވިއެވެ. އޭގެތެރޭގައި ދިރޭއެމުގެ މަސްވެރިކަން ކުރާގޮތް އަދި އެމަސްވެރިކަމާގުޅޭ ތަފާސްހިސާ (މައުލޫމާތު) ކަމާބެހޭ ދިވެހިސަރުކާރުގެ ކަމާބެހޭފަރާތްތަކުން އެއްކޮށްދިރޭ އެމުގެ މަސްވެރިކަމަށް ވަމުންދާގޮތްބަލާ މިންވަރުވެސް ފާހަގަކުރިއެވެ.

އަދިހަމައެހެންމެ ދިރޭއެމުގެ ހާލަތު މިހާރަށްވުރެ ހަރުދަނާކޮށް ބެލުމަށް ސަރުކާރަށްވަނީ އިރުޝާދު ދެއްވާފައެވެ. އެހެންކަމުން މަސްވެރިކަމަށް އަޅުގަނޑުމެންގެ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް ލިބިފައިވާ މިކުރިއެރުން ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވާ ހުރިހާ ފަރާތތަކުގެ އެއްބާރުލުން ނިހާޔަތަށް ބޭނުންވެއެވެ. ހާއްސަކޮށް މަސްވެރިން މަސްވެރިކަމާ އަދި އެންވެރިކަމުގެ ތަފާސްހިސާބުގެ މައުލޫމާތު ޒިންމާދާރު ގޮތެއްގައި ފޯރުވައިދިނުން ވަރަށް މުހިންމެވެ. ނޫންނަމަ އަޅުގަނޑުމެންނަށް މި ލިބިފައިވާ ރަނުގެ ފުރުސަތު އަޅުގަނޑުމެންގެ އަތުން ބީވެގެން ހިގައިދާނެއެވެ. އަޅުގަނޑުމެންގެ އަތުން އަޅުގަނޑުމެންގެ މަސްވެރިކަން ހަލާކުގެތެރެޔަށް އެއްލާނުލަމާތޯއެވެ.

މަސްދަރު: އަސްދަނޑި މަސްވެރިންގެ ނޫސް، ނޮވެމްބަރ 2014 / އަޙްމަދު ރިޔާޒް ޖައުހަރީ
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!