މަސްވެރިކަމާއި ގުޅޭ

America

އެމެރިކާގައި ދިވެހި މަސްވެރިންކުރި ތަޖުރިބާ ދަތުރު

މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ އިސްނެގުމުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ބައިވެރިވުމާއިއެކު އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ އެހީތެރިކަމާއެކު ދިވެހި ދެ މަސްވެރިއަކު އެމެރިކާގައި މަސްވެރިކަމާއި ގުޅޭ ތަޖުރިބާ ހޯދުމުގެ ދަތުރެއް ފުރިހަމަކުރީ 2014 ވަނައަހަރުގައެވެ.

މި ދަތުރުގައި ބައިވެރިވެފައިވަނީ ފިޝަމަންސް އެސޯސިއޭޝަނުން މަސްވެރިންނަށް އަމާޒުކޮށްގެން ތަމްރީން ދިނުމަށް ހުޅުވާލެވުނު ޕްރޮގްރާމްގައި ބައިވެރިވެ ކޯސް ފުރިހަމަކުރި މަސްވެރިންގެ ތެރެއިން އެންމެ ފާހަގަކުރެވުނު ބައިވެރިންގެ ތެރެއިން ދެ ބައިވެރިންކަމުގައިވާ މީދޫ، މުޝްތަރީވިލާ، ޝަހުދާން މޫސާއާއި، ލ.ގަން، ގުރުވަ، އަބްދުﷲ އަމާނެވެ. ވަރަށް ޅައިރުންސުރެ މަސްވެރިކަމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ އެސޯސިއޭޝަނުން ފޯރުކޮށްދެވުނު ތަމްރީންތައް ފުރިހަމަ ކުރުމަށްފަހު މަސްވެރިން އެމެރިކާގައި ކުރި ތަޖުރިބާގެ ބައެއް އުސްއަލިތައް މި ރިޕޯޓްގައި ހިމަނާލާފައިވާނެއެވެ.

އެމެރިކާގައި މިދެމަސްވެރިން ތަޖުރިބާ ހޯދާފައިވަނީ އެ ޤައުމުގެ އަލްބަކޯ ފިޝިންގ އެސޯސިއޭޝަނާއި، އަލްބަކޯ އެނޑް ޓްރޯލް ފިޝިން އެސޯސިއެޝަންގެ އެހީތެރިކަމާއިއެކުގައިއެވެ. އެގޮތުން އެޤައުމުގައި ދިވެހި މަސްވެރިން މަސައްކަތްކޮށްފައިވަނީ ދޮށިއަޅައިގެން އަލްބަކޯ (ކަންފަތްދިގު ކަންނެލި) ބޭނުމުގައި ހަރަކާތްތެރިވި އެމްވީ ރޯޔަލް ޑޯން ކިޔާ ބޯޓެއްގައެވެ. އެއީ ގާތްގަނޑަކަށް 85 ފޫޓްގެ ބޯޓެކެވެ. އެބޯޓަކީ މިޒަމާނުގެ ދިވެހި މަސްބޯޓްފަހަރާ އަޅާބަލާއިރު ކުޑަ ބޯޓެއްނަމަވެސް ފުން ބޯޓެކެވެ. އެގޮތުން ފެނުން އަޑިއަށް ގާތްގަނޑަކަށް 11 ފޫޓު ހުރެއެވެ. އެހެންކަމުން މަސްރައްކާކުރުމާއި، އިންޖީންރޫމާއި، މަސްފިނިކުރުމަށް ޤާއިމްކޮށްފައިވާ ރެފްރިޖެރޭޝަން ޖާގައެއްއޮވެއެވެ. އަދި ރައްކާތެރިކަމާއެކު އެކު އެން ގެންގުޅުމަށްވެސް ފަހި މާޙައުލެއް ބޯޓްގައި ޤާއިމްކުރެވިފައިވެއެވެ. މަސްވެރިން އެބޯޓުގައި މަސްދަތުރަށް ދިއުމަށް ނައްޓާލީ އެމެރިކާގެ ސިއަޓަލްގެ ވެސްޓްޕޯޓް ހާބަރއިންނެވެ. އެއީ ތަފާތު މަސްވެރިކަމުގެ ބޮޑު ބަނދަރެކެވެ. އެގޮތުން ވިޔަފާރީގެ މަސްވެރިކަމާއި، ސްޕޯރޓްސް ފިޝިންގ އާއި ގުޅޭ ވަރަށް ގިނަ އުޅަނދުފަހަރާއި، އެ މަސައްކަތައް ބޭނުންވާނޭ އެންމެހާ ވަޞީލަތްތައް އެ ބަނދަރުގައި ޤާއިމްކުރެވިފައިވެއެވެ. އެގޮތުން ތެލާއި، ފދެން އަދި އެހެނިހެން ސާމާނުގެ އިތުރުން އެންގަންނަން ބޭނުންވަފަރާތްތަކަށް އެންލިބޭނޭހެން ކޮށިތައް ހަދާ އެން ރައްކާކޮށްފައި ހުރެއެވެ. އެން ދަތި ދުވަސްވަރުތަކުގައި މި ކޮށިތަކުން ބޯޓު ފަހަރަށް އެންގަނެއެވެ.

އެމްވީ ޑޯންގައި މަހަށް ނުކުތުމަށް ދަތުރުފެށުމާއިއެކު އެންމެފުރަތަމަވެސް ފާހަގަކުރެވުނު އެއްކަމަކީ އެބޯޓުގައި ޤާއިމްކުރެވިފައިވާ ޒަމާނީ ވަޞީލަތްތަކެވެ. އެގޮތުން، ކޮމިއުނިކޭޝަންއާއި ނެވިގޭޝަންގައި ބޭނުންކުރާ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޯޓްގައި ޤާއިމްކުރެވިފައިހުއްޓެވެ. އޭގެއިތުރުން މަސްވެރިކަން ކުރުމަށްޓަކައި، މަސްއައިން ހޯދުމަށް ފިޝަފައިންޑަރ އާއި، ބަރޑް ރާޑަރގެ އިތުރުން ސޯނާފަދަ ވަޞީލަތްތަކުގެ ބޭނުން ވަރަށް ފުރިހަމަގޮތުގައި އެ މީހުން ހިފައެވެ. އަދި ފެށުމުގެ ކުރިން ސެޓަލައިޓްގެ އެހީގައި މަސްއައިން އަދި އެންހުންނަ ސަރަޙައްދުތައް ދެނެގަނެއެވެ.

އެން ހިފުމުގައިވެސް ފިޝްފައިންޑަރ އަދި ސޯނާގެ ބޭނުން ވަރަށްބޮޑަށް ހިފާކަމުގައި ފާހަގަކުރެވުނެވެ. އެގޮތުން އެންހުންނަކަމަށް ލަފާކުރެވޭ ސަރަހައްދައް ދިއުމަށްފަހު ސޯނަރގެ އެހީގައި އެސަރަހައްދުގައިއުޅޭ އެމުގެ މިންވަރު ދެނެގަނެއެވެ. މިފަދަ ގޮތްގޮތުން މަސްވެރިކަމަކުގެ މަސައްކަތުގައި ގިނަ ލުއިފަސޭހަތަކެއް އެމީހުން ހޯދައެވެ. ޒަމާނީ ޓެކްނޮލޮޖީއަކީ މިއަދު އެއާއި ނުލާ މަސްވެރިކަން ފުރިހަމަ ނުކުރެވޭނޭ އެއްޗެކެވެ. އޭގެ ސަބަބުން މަސްވެރިކަމަށް ހޭދަކުރަންޖެހޭ ވަގުތާއި، އުފުލަންޖެހޭބުރަ ކުޑަކޮށްދިނުމުގެ އިތުރުން ޚަރަދުގެ ގޮތުންވެސް ބޮޑުބައެއް ސަލާމަތްކުރެވިގެންދާނޭކަން ޔަޤީނެވެ.

ޒަމާނީޓެކްނޮލޮޖީއަކީ ހަމައެކަނިމަސްވެރިންނަށް އެމީހުންގެ މަސައްކަތުގައި އެހީތެރިވެދޭ އެއްޗެކެވެ. އެހެންކަމުން ޒަމާނީ ޓެކްނޮލޮޖީއާއިއެކު އިންސާނީ ތަޖުރިބާ ބޭނުންކުރަންޖެހެއެވެ. މިތަޖުރިބާ ދެމެހެއްޓޭނީ މަސްވެރިކަމުގައި ހޭދަކުރާ ދުވަސްތަކާއި، ކުރާ މަސައްކަތްތައް ލޮގުކުރެވި އެ މަޢުލޫމާތު ރައްކާތެރިކުރެވިގެންނެވެ. އެމެރިކާގެ މަސްބޯޓްތަކުގައި މަސްވެރިކަމާއި އެންވެރިކަމުގެ ތަފާސް ހިސާބުރައްކާކުރުމަށް ލޮގްފޮތް ބޭނުންކުރައެވެ. އެގޮތުން ދަތުރުގެ މަޢުލޫމާތުގެ އިތުރުން މަސްބޭނި ސަރަހައްދާއި، މޫސުމީ މަޢުލޫމާތާއި، ކަނޑުގެ ފިނިހޫނުމިންފަދަ މުހިންމު މަޢުލޫމާތުތައް ރެކޯޑްކޮށް ރައްކާކުރެވެއެވެ. މި ފަދަ މަޢުލޫމާތުތަކަކީ ފަހުން އެމަޢުލޫމާތުތައް ވަޒަންކޮށްލަމުން މަސްއައިން ދެނެގަތުމަށާއި، މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް އެހީތެރިވެދޭނޭ މުހިންމު މަޢުލޫމާތުތަކެކެވެ.

ދިވެހި މަސްވެރިން އެމެރިކާގައި ކުރި ތަޖުރިބާތަކުން ލިބުނު މުހިންމު އެއް ފިލާވަޅަކީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށްޓަކައި މަސްވެރިންގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމެވެ. އެގޮތުން ކަނޑުތަކުގެ ދިރުމަކީވެސް އަދި ކަނޑުތަކުގެ ރިސޯސަސްއަކީވެސް އެއަށް ނިމުމެއްނުވާ އެއްޗެއްނޫނެވެ. މިއަދު ދުނިޔެއިން ނެތި ހުސްވެގެންގޮސްފައިވާ ބައެއް ޖަނަވާރުތައްފަދައިން ކަނޑުގައި ދިރިއުޅޭ މަސްމަހާމެހިވެސް ނެތިވެ ހިނގައިދާނެއެވެ. ކޮންމެ އެއްޗެއްވެސް އޭގެ ތަބީއަތުގައި ހެދި ބޮޑުވުމަށާއި އާލާވުމަށް ވަގުތު ބޭނުންވެއެވެ. އަދި ރިޕްރޮޑަކްޝަންގައި ދިރުމެއްގެވެސް އުމުރަކީ މުހިންމު އެއްޗެކެވެ.

މި ދަތުރުގައި ދިވެހި މަސްވެރިން އެމެރިކާގެ މަސްވެރިންގެ ފަރާތުން ހޯދި އެންމެބޮޑު ފިލާވަޅަކީ މިއެވެ. އެންޙިފުމުގައާއި، މަސްވެރިކަން ކުރުމުގައި އެ ރިސޯސް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް ކުރާ މަސައްކަތާއި، ދޭ އަހައްމިޔަތުކަމެވެ. އެގޮތުން އެންޙިފުމުގައިވެސް ކަނޑުފަޅުތަށް އަދި ކޯރުތަކުގެ ދިރުމަށް ގެއްލުންނުވާނޭގޮތަށް މަސައްކަތްރުމަށް އިސްކަންދެއެވެ. ކަނޑައެޅިފައިވާ ވަކި އަދަދަކަށް މިނެގެން އެންނެގުމަށްފަހު ދަލުގައި ބާކީ ހުންނަ ބައި ދޫކޮށްލައެވެ. އަދި އެއްވެސްވަރަކަށް ދަލުގެ ފުލުގައި ހުންނަ އެން ނުނަގައެވެ. އެއީ އެން ދެރަވެފައި ހުރެދާނެކަމަށްބަލައެވެ. ބޯޓުގައި އެން ރައްކާކުރުމަށް ތައްޔާރުކުރެވިފައިވާ ވަޅުތައް ހުންނަނީ ގިނަ ދުވަހު އެން ބަލިނުވެ ދިރުވޭނޭގޮތުގެމަތިން ތައްޔާރުކުރެވިފައެވެ. އެގޮތުން ގޮޅީގެ ބައްޓަން އޮޑީގެ ބައްޓަން ވީހާވެސް ތެދެއްވާނޭހޭ ހަތަރެސްކަން ހަމަކޮށްފައިހުރެއެވެ. އަދި ބޯޓުގެ ޑެކުންފެށިގެން 1.5 ފޫޓް ނުވަތަ 2 ފޫޓްގެ
އުސްމިނަށް ވަޅުތަކުގެ އަނގަ އުސްކޮށްފައި ހުރެއެވެ. އޭގެ ބޭނުމަކީ ފެންގަނޑުގެ ލޮޅުން ކުޑަކޮށް ބޭރަށް އޮހިގެންދިއުން ކޮންޓްރޯލްކުރުމެވެ. އަދި އެން އެޅުމަށްފަހު ހުރިހާ ވަޅުތަކެއްގައިވެސް ބަރާބަރަށް އޮކްސިޖަން ލިބޭނޭހެން ޕަމްޕްތައް ގުޅާ ހިންގާފައިހުރެވެ.

އެން ހިފުމުގައި ދިވެހިން މި ބޭނުންކުރާފަދައިން ޢަލިބޭނުންކޮށްގެން ރޭނގަނޑު އެން ނުހިފަނީ ކީއްވެތޯ ސުވާލުކުރުމުން އޭގެ ޖަވާބުގައި އެމީހުންބުނީ އަލިކޮށްގެން އެން ހިފުމުގެ ސަބަބުން އެން މަރުވާ މިންވަރު އިތުރުވާކަމަށާއި، އެން އަވަހަށް ބަލިވެ، މަސްވެރިކަމުގެ ދިގު ދަތުރުތަކުގައި އެން އިސްރާފްވެގެންދާ މިންވަރު އިތުރުވެގެންދާކަމުގައެވެ. އެމީހުން އެން ހިފަނީ ދުވާލު މާކަނޑުން ނުވަތަ ކޯރުތަކުންނެވެ. އެން ހިފުމަށްޓަކައި ޑިންގީއެއްގައި ފައިބާ ސޯނާއިން އެންއުޅޭކަމަށް ފާހަގަކުރެވޭ ސަރަހައްދުގެ މެދުގައި ބޮއެއްއަޅާ އެސަރަހައްދުވަށައިގެން ބޮޑު ދަލެއް ވައްކޮށް އެޅުމަށްފަހު ދެކޮޅުން އެއްވަރަކަށް ދަމާ ކުޑަކޮށް އެން އައިން ކައިރިކުރެއެވެ. އަދި ދަލުން އެން ނަގަނީ ކޮންމެ އެންވަށްޓެއްގެ އެހީގައި މިނަމުންނެވެ.

ކަނޑުގެ ވެއްޓަކީ އެމީހުންގެ މުޅި ދިރިއުޅުމާއި ގުޅިފައިވާ ވެއްޓެއްކަން ޔަޤީންކޮށްދޭ އެއް ދަލީލަކީ ކަނޑުގެ މާހައުލު ރައްކާތެރިކުރުމަށް އެމީހުން ދޭ ސަމާލުކަމެވެ. ކުޑަނަމަވެސް ކުނިކޮޅެއް ކަނޑަށް އެޅުނަ ނުދިނުމަށްޓަކައި ބޯޓްމަތީގައި ކަންކަން އިންތިޒާމްކުރެވިފައިހުރެއެވެ. ތަފާތުބާވުތަކުގެ ކުނި ވަކިކޮށް އުކާލެވޭނޭހެން ޑަސްބިންތައް ބެހެއްޓިފައިވާއިރު، އެނބުރި ބަނދަރަށް ދެވުމުން އެ ޑަސްބިންތައް ހުސްކުރަނީ އެއްގަމުގައި އެކަމަށް ޚާއްޞަކުރެވިފައިވާ ތަނަކަށެވެ.

ފިޝަމަންސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލެވުނު ފުރުޞަތުގައި މަސްވެރިންގެ ފަރާތުން މި ޕްރޮގްރާމަށް ލިބިގެން ދިޔައީ ވަރަށް ފިނި ތަރުޚީބެކެވެ. އެގޮތުން މިކޯހުގެ ބައެއް ބައިވެރިން ތަމްރީން ހޯދުމަށް މާލެއަށް އަނަން ދަތުރު ހަދަމުންދިޔައިރު އެކުވެރި މަސްވެރިންނާއި، ރަށުގެ ބައެއް ޒުވާނުންގެ ފަރާތުން މަލާމާތުގެ ބަސްތައް ކުރިމަތިވަމުން ދިޔައެވެ. މަސްވެރިކަމުގައި ދެން ދަސްކުރަން އޮންނާނީ ކޯޗެއްތޯ އާއި، ކިޔަވަން ޖެހޭ ވަކި އާކަމެއް ނޯންނާނެކަމުގައި ބުނެ ސުވާލު ކުރިމަތިކުރުވަމުން ދިޔައެވެ. ނަމަވެސް ކޯހުގެ ބައިވެރިން ހިތްވަރާއެކު ކުރި ބުރަމަސައްކަތުގެ ސަބަބުން މަސްވެރިކަމުގައިވެސް ތަޢުލީމާއި، ހުނަރާއި ތަޖުރިބާގެ މުހިންމުކަން މިވަނީ ސްވެރިންނަށް ސާބިތުކޮށްދީފައެވެ.

މަސްދަރު: އަސްދަނޑި، ސެޕޓެމްބަރ 2014
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!