މަސްވެރިކަމާއި ގުޅޭ

maduvvaree

ބައެއް ހިސާބުތަކުގެ މަސްވެރިންނަށް ޕެޓްރޯލް ނުލިބުމުގެ މައްސަލަ ކުރިމަތިވަނީ

ބައެއް ހިސާބުތަކުގެ މަސްވެރިންނަށް ޕެޓްރޯލް ނުލިބުމުގެ މައްސަލަ ކުރިމަތިވާން ފަށައިފިއެވެ.

އެގޮތުން ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްރަށުންވެސް ޕެޓްރޯލް ނުލިބިގެން މަސްވެރިކަން ކުރުމަށް ގޮންޖެހުން ތަކާ ކުރިމަތި ވާކަމަށް  ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު ވިދާޅުވީ މަސްވެރިންނަށާއި ޑިންގީގައި ދަތުރުކުރާ ފަރާތްތަކަށް ދަތިކަމެއް ނެތި، އަގުހެޔޮކޮށް ޕެޓްރޯލް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ކަމަށެވެ.

"މަޑުއްވަރީ ދާއިރާގެ މަސްވެރިންނަށް ޕެޓްރޯލް ނުލިބުމުގެ މައްސަލަ މިވަނީ ވަރަށް ބޮޑުވެފަ" އާދަމް ޝަރީފު އިތުރަށް ވިދާޅުވިއެވެ.

ދޭތެރެ ދޭތެރެއިން މަސްވެރިންނަށް ކުރިމަތިވާ މިފަދަ ގޮންޖެހުން ތަކުގެ ތެރޭގައި، މަސް ކިރުން ވަކި މިންވަރަކަށް ކޮންޓްރޯލް ކުރުމާއި، ކައިރި ހިސާބަކުން އައިސް ލިބުމުގެ ދަތިކަން ކުރިމަތިވުން ހިމެނެއެވެ. އަދި އަގު ދަށްވުމުގެ ސަބަބުން ގިނައިން ބޭނި ނަމަވެސް މަސްވެރިންނަށް ލިބޭ އާމްދަނީ މަދުވާ ފަހަރު ވެސް އާދެއެވެ.

ރ. މަޑުއްވަރީ ބައެއް މަސްވެރިން މިނޫހަށް މައުލޫމާތު ހިއްސާކުރަމުން ބުނީ މަޑުއްވަރީއިން ޕެޓްރޯލް ވިއްކަނީ ލިމިޓް ކޮށްގެން ކަމަށެވެ. އޭގެ ސަބަބުން ދަތިތަކާއި ކުރިމަތިވަމުންދާކަމަށް މަސްވެރިން ބުނެއެވެ. އަދި އެކަށީގެންވާރަށް ޕެޓްރޯލް ނުލިބޭތީ އެހެން ރަށްރަށުންވެސް ޕެޓްރޯލް ހޯދަން މަސައްކަތް ކުރާކަމަށެވެ. އޭގެ ސަބަބުން މަސްވެރިކަމަށް ދިއުމަށް ދަތިވެފައިވާކަމަށް މަސްވެރިން ބުންޏެވެ.

މަސްވެރިންނަށް އާއްމުކޮށް ދިމާވާ ބޮޑެތި މައްސަލަތައް ވަނީ މިދިޔަ މަސްވެރިންގެ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!