މަސްވެރިކަމާއި ގުޅޭ

Guraidhoo Council President

ގުރައިދޫ ކައުންސިލްގެ ރައީސްވެސް ޗުއްޓީގައި މަހަށް، ބުނަނީ މިއީ 'ނަންބަރ ވަން' މަސައްކަތް ކަމަށް

ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ ބައެއް މީހުންނެކޭ އެއްގޮތަށް، ތ.ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދުވެސް ޗުއްތީގައި މަސްވެރިކަމުގައި މަޝްއޫލު ވެއްޖެއެވެ.

މި ނޫހާ ވާހަކަ ދައްކަމުން ރަޝީދު ވިދާޅުވީ، މަސްވެރިކަމަކީ ކުޑައިރުން ފެށިގެން ވަރަށް ކުރާހިތްވާ ކަމެއް ކަމަށާއި އެއީ 'ނަންބަރ ވަން' މަސައްކަތް ކަމަށެވެ.

ޗުއްޓީ ދުވަސްތަކު މަހަށް ދަނީ  އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކަމަށް ރަޝީދު ވިދާޅުވިއެވެ. ރަޝީދުގެ އާއިލާއަކީވެސް މަސްވެރި އާއިލާއެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ރަޝީދު ވިދާޅުވީ އާއްމުކޮށް މަހަށް ދަނީ ހުކުރު ދުވަހު މަހަށް ދާ ދޯނިތަކުން ކަމަށެވެ. ފަރުމަހަށް ވެސް ވަރަށް ގިނައިން ގޮސް އުޅޭ ރަޝީދު އެ މަސައްކަތް ކުރަނީ ހޮބީއެއްގެ ގޮތަށެވެ.

"އާމްދަނީ ހޯދަންވެސް ވަރަށް ރަނގަޅު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވެނީ. ދެން އޭގެ އިތުރުން ހޮބީއެއްގެ ގޮތުގަވެސް ވަރަށް ރަނގަޅު މަސައްކަތެއް. އަޅުގަނޑު ބުނާނީ ރާއްޖޭގަ އޮތް ނަންބަރ ވަން މަސައްކަތޭ މިއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި" ރަޝީދު ވިދާޅުވިއެވެ.

ގުރައިދޫގައިވެސް މަސްވެރިކަމުގައި އުޅޭ ޒުވާނުން މަދު ނޫންކަން ރަޝީދު ފާހަގަ ކުރެއްވިއެވެ. ޒުވާނުން މިހާރު މިދާއިރާގައި ނޫޅެއޭ ނުބުނެވޭނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ނަމަވެސް ޒުވާނުން މި ދާއިރާއަށް ނުކުންނަން ފަސް ޖެހޭ ކަމަށް ރަޝީދަށް ލަފާ ކުރެވޭ ސަބަބަކީ، ސަރުކާރުގެ ވަޒީފާތައް ފަދައިން މަހުން މަހަށް ބަރާބަރަށް މުސާރަ ލިބުމުގައި އުޅޭ ތަފާތު ތަކެވެ.

ގިނަ ވަޒީފާތަކުގައި މަސް ނިމޭއިރު މުސާރަ ލިބޭނެކަން ޔަގީންވާއިރު، އާއްމުކޮށް ގިނަ ޒުވާނުންނަކީ ގަވާއިދުން ބިލުތައް ދައްކަން ޖެހޭ މީހުންކަން ފާހަގަ ކުރަމުން ރަޝީދު ވިދާޅުވީ، މަސްވެރިކަމުގެ އާމްދަނީ އެއާ ތަފާތުވުމުން ބައެއް މީހުން މަސްވެރިކަމަށް ނުކުންނަން ފަސްޖެހޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!