މަސްވެރިކަމާއި ގުޅޭ

ކަޅުކޮތަރި ރައިވެރިމަސް

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގެ މުރަކަތަކުގެ މާޙައުލުގައި 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭ ރައިވެރިމަހުގެ ބާވަތެކެވެ. މިބާވަތުގެ މަސް ދުވާލުގެ ވަގުތުތަކުގައި ޢާއްމުގޮތެއްގައި އުޅެނީ ފަރުފަރުގެ ގުންޑޮޅިތަކުގެ ދަށުގައްޔާއި ހޮހަޅަތަކާއި ބޮޑެތި ގާގަލާއި ހަތާތަކުގެ ދަށުގައި ބައިބަޔަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 8 ނުވަތަ 9 މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތުގެ ކުރީބަޔާއި ފަހަތުބައިގެ ކައިރިފަށް ހުންނަނީ ވަރަށް ފާޅުކޮށެވެ. ކަރުތާފަތުގެ ކުރީބައިގެ ތިރީގައި ވަރަށް ހަރު ކަށްޓެއް ހުރެއެވެ. ތިރީ ތުން، މަތީ ތުނބަށްވުރެ ދިގުކޮށް ހުރެއެވެ. މަހުގެ ކުލައަކީ ރިހި ފިޔާތޮށިކުލައެކެވެ. މަހުގެ ހުޅުނބުތަކުގެ މެދު ހުންނަނީ ފަނޑު ރަތްކުލައެއްގައެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތަކުގެ މަތީބަޔާއި ތިރީބައިފިޔަވާ މުޅިކޮތަރިބައި ހުންނަނީ ކަޅުކުލައެއްގައެވެ. ރައިވެރިމަހުގެ ގިނަބާވަތްތަކަށް ވަކި ނަމެއް ދިވެހިންގެތެރޭގައި ކިޔާ ނޫޅޭތީ މިމަހުގެ އިގިރޭސިނަމާ ގުޅޭގޮތުން މަހުގެ ސިފައަށް ވިސްނާ "ކަޅުކޮތަރި ރައިވެރިމަސް" ކިޔާ ނަންދީފައިވަނީއެވެ. މި މަސް އެންމެ ބޮޑުވާކަމަށްވާނީ ގާތްގަޑަކަށް 32 ސެންޓިމީޓަރަށެވެ.

އިނގިރޭސި ނަން: Blackfin squirrelfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!