މަސްވެރިކަމާއި ގުޅޭ

ފާނަ އާލާކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: މެރިން ރިސާރޗް ސެންޓަރ

160 އަށްވުރެ ގިނަ ބާވަތުގެ ފާނައިގެ ތެރެއިން ރާއްޖޭގައި އުޅެނީ 41 ބާވަތް

ފާނައިގެ ބާވަވްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެއެވެ.

އެއީީ އިގްތިސޯދީ ގޮތުންނާއި ހަޔަވީ ގޮތުންވެސް ތަފާތު ބާވަތްތަކުގެ މައްޗަށް އެކުލެވޭ އާއިލާއެކެވެ. ދުނިޔޭގައި 16 ޖީނަސް އަކަށް ނިސްބަތްވާ 160 އަށްވުރެ ގިނަ ބާވަތުގެ ފާނަ އުޅެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި އުޅޭކަމަށް ފާހަގަ ކުރެވިފައި ވަނީ 41 ބާވަތެވެ.

އާއްމުގޮތެއްގައި ކުދި ފާނަ އުޅެނީ ގޮނޑުދޮށާ ކައިރީގައި ހުންނަ މޫދު ވިނަ އާއި އަކިރިފަދަ ތަންތަނުގައެވެ. އަދި ބޮޑެތި ފާނަ އުޅޭކަމަށް ފާހަގަ ކުރެވިފައި ވަނީ އީކުއޭޓަރ ކަނޑުގެ ސަރަހައްދުގެ ހޫނު ކަނޑުތަކާއި ސަބްޓްރޮޕިކަލް ހިސާބު ފަދަ މެދުމިންވަރަކަށް ހޫނުކަން ހުންނަ ކަނޑުތަކުގައެވެ.

އާއްމުގޮތެއްގައި 200 މީޓަރުގެ ފުންމިނުގައި ފާނަ އުޅޭއިރު، މުރަކަ ފަރުތަކުންވެސް ފާނަ ފެނެއެވެ. މީގެ އިތުރުން 500 މީޓަރު ފުނުގައިވެސް ބައެއް ފާނަ އުޅެއެވެ.

ފާނައިގެ އެކި ބާވަތްތައް، ދަރިމައިވެ އާލާވާ ގޮތް ވެސް ތަފާތެވެ. ނަމަވެސް ގިނަ ބާވަތުގެ ފާނަ، ދަރިމައިވުމުގައި އެއްގޮތެވެ.

ގިނަ ބާވަތްތަކުގެ ފާނަ، އަންހެން މަހެއްގެ ގޮތުގައި ފުރާވަރަށް އެރި ނަމަވެސް އުމުރުގެ ވަކި ހިސާބަކުން ފިރިހެން މަހަށް ޖިންސު ބަދަލުވެއެވެ. ފާނައިގެ ގިނަ ބާވަތްތައް ލަހުން ބޮޑުވެ، ލަހުން ފުރާވަރަށް އެރި ނަމަވެސް އުމުރު ދިގެވެ.

ފާނައަކީ އައިން ހަދައިގެން އުޅޭ މަހަކަށް ނުވި ނަމަވެސް ގިނަ ބާވަތްތަކުގެ ފާނަ، ބިސް ދޫކުރުމަށް އެއް ހިސާބަކަށް އެއްވެއެވެ. އާއްމުގޮތެއްގައި ބިސް ދޫކުރުމަށް ފާނަ ޖަމާވާނީ ހަނދުފޮއި ދުވަސްވަރާއި ކަޅުފޮއި ދުވަސްވަރުއެވެ. އެފަދަ އެއްވުންތައް މަދު ދުވަސްކޮޅަކަށްވެސް އަދި ހަފްތާއަށް ވެސް ދެމިގެން ދެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!