މަސްވެރިކަމާއި ގުޅޭ

Waves

ރާޅު

ރާޅަކީ ކަނޑުގައި ނުވަތަ ފެންގަނޑުގައި ހިނގާ ޙަރަކާތްތަކުގެ ތެރެއިން އައްސޭރި ފަށުގެ ސަރަޙައްދުގައި ހިނގާ، ގޮނޑުދޮށްތަކަށް އެންމެ ބޮޑަށް އަސަރު ކުރުވާ އެއް ޙަރަކާތެވެ.

އަދި ރާޅަކީ އޭގެ ބާރުގައި ގޮނޑުދޮށްތަކުގައިވާ އެންމެހާ މާއްދާތައް ތިލަ ހިސާބުން ފުން ހިސާބަށާއި، ކަނޑުތަކުގެ އޮއިވަރުތަކާ ހަމައަށް ފޯރުކޮށް ދިނުމުގެ ޤުދުރަތީ ވަޞީލަތެވެ. އެހެންކަމުން ރާޅަކީ ވެސް ކަނޑުގައިވާ ދިރުމަށްޓަކައި މުހިންމު އެއްޗެކެވެ. ކަނޑުގެ ރާޅަށް ބަލާއިރު ފެންނަނީ ދެ ބާވަތެއްގެ ރާޅެވެ. އެއީ ފެން މަތީގައި އުފެދިފައި ހުންނަ ވައި ރާޅާއި، ފެނުގެ ސަތަޙައަށްވުރެ އަޑިން ދަތުރު ކުރާ ބާނި ރާޅެވެ.

1.ވައިރާޅު

ކަނޑުގައި އުފެދޭ ވައިރާޅަކީ، ވައި ރޯޅި ކަނޑުގެ ސަތަހައިގެ މަސައްކަތް ކުރާ ޖައްވުގެ ޕްރެޝަރަށް އަންނަ ތަފާތުތަކެއްގެ ސަބަބުން ފެންގަނޑުގައި ހިނގާ ޙަރަކާތްތެރި ކަމެކެވެ. ވައި ރޯޅި ބާރުވެ ގަދަވަމުން އަންނަ ވަރަކަށް ފެން މަތީގައި އުފެދޭ ރާޅު ބޮޑެތިވެއެވެ. އެހެންނަމަވެސް ރާޅު ތަކަކީ މުޅީން އެއްވަރެއްގެ އެއްމިނެއްގެ ރާޅެއް ނޫނެވެ. މި ބާވަތުގެ ރާޅު ހުންނާނީ ކުރުކޮށް، ރާޅުގެ ކުރިމައްޗަށް އުފުލިފައެވެ.

2.ބާނި ރާޅު

މާ ކަނޑުގައި އުފެދޭ ރާޅު، އެ އުފެދުނު ހިސާބެއް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދަތުރުކުރެއެވެ. މި ގޮތަށް މާ ކަނޑުގައި ރާޅު އުފެދެނީ އެކި ސަރަޙައްދު ތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި އެކުގައެވެ. އެއް ސަރަޙައްދެއްގައި ޖައްވުގެ ޕްރެޝަރ ދަށްވުމުން އެ ދިމާއިން ކަނޑުގެ ސަޠަޙައަށް އޮންނަ ޖައްވުގެ ފިއްތުން ކުޑަވެއެވެ. އަދި ޖައްވުގެ ތެރެއަށް ކަނޑުގެ ސަޠަޙަ މައްޗަށް ހިއްލިލުމަށް ހިފައެވެ. ހަމައެއާއި އެކު އެ ހިސާބެއްގެ ވަށައިގެންވާ ކަނޑުގެ އެހެނިހެން ތަންތަނުގައިވާ ފެނުގެ ކޮށްފުން، ދޫ ލިބުނު ދިމާލަށް ޙަރަކާތްތެރިވުމުން ފެންގަނޑު އެތަނަކަށް ދާން ހިފައެވެ. މި ކަންކަމުގެ ސަބަބުން ފެންގަނޑުގައި އުފެދޭ ތުރުތުރުތައް ފެންނަން ފަށަނީ ރާޅުގެ ސިފައިގައެވެ. އަދި މި ރާޅުތައް އުފެދުނު ތަނަކުން ދުރަށް ފެތުރިގެން ދާން ފެށުމުން އޭގެ ސިފަ ބަދަލުވެ ބޮޑު ތަނުގައި ފެތުރިލައެވެ. އަދި މީގެ ނަތީޖާއަކީ ރާޅުގެ ކުރޯ ތިރިވެ، ވަށްކޮށް އަދި އޮމާންކޮށް ފެންނަން ހުރުމާއެކު ރާޅުގެދިގުމިން ދިގުވެގެން ދިއުމެވެ. މި ސިފައަށް ބަދަލުވެގެން ދިއުމުން މި ވަނީ ބާނި ރާޅަށެވެ. ނުވަތަ ބާންޏަށެވެ.

މިބާވަތުގެ ދެ ރާޅުގެ ދެމެދުގައިވާ ދުރުމިން ހުންނާނީ ދާދި އެއްވަރެއްގައެވެ. އަދި މިފަދަ ބާނިތަކަކީ އެ އުފެދުނު ތަނަކާއި އެތަކެއް ހާސް މޭލު ދުރަށް ދަތުރުކުރާ އެއްޗެކެވެ. ހަމައެހެންމެ މިފަދަ ބާނި ރާޅުތައް، އެ ރާޅު އުފެދުނު ތަނެއްގައި ހުންނަ ވައިގެ ކުރިއަށް ދަތުރުކޮށްދެއެވެ. އެހެންކަމުން ވިއްސާރައެއް ވާން ގާތްވެގެން އަންނައިރު އެ ވިއްސާރައެއް ޖެހުމުގެ ކޮންމެވެސް މުއްދަތެއްގެ ކުރިން ބާނި ރާޅު ފެނުމަކީ އާދައެކެވެ. އެހެނީ މި ބާވަތުގެ ބާނި ރާޅުތައް އުފެދެނީ ވިއްސާރައެއް އުފެދިގެން އަންނައިރު އެތަނެއްގައި ކަމުގައިވިއަސް، އެ ވިއްސާރަ ދަތުރުކޮށް ދިއުމުގެ ކުރިއަށް ރާޅު ދަތުރުކޮށްދެއެވެ. އަދި މިބާނިތައް ދަތުރުކޮށްގެން ފަރުފަރަށާއި ގޮނޑުދޮށްތަކަށް، ބީހި މުގުރައެވެ. އަދި މިޙާލަތު މެދުވެރިވުމުން “އުދަ“ އެރީ ކަމުގައި ބެލެވެއެވެ. އެހެންކަމުން އުދަ އެރުމަކީ ވިއްސާރަ ގާތް ވެއްޖެ ކަމުގެ އިންޒާރުކަމުގައި ވެއެވެ.

ކޮންމެ ބާވަތެއްގެ ރާޅެއްނަމަވެސް ތިލަވަމުން ދާވަރަކަށް ރާޅުގެ ފުޅާ މިން ކުޑަވެ، ހަނި ވަމުން މައްޗަށް އުފުލި އުސްވަމުންދެއެވެ. އަދި ރާޅުގެ ބާރު ގަދަވެއެވެ. އެންމެ ފަހުން ރާޅު ދަތުރުކުރެވޭ ވަރަށްވުރެ ބޮޑަށް ތިލަވުމުގެ ސަބަބުން ރާޅު ބީހިގެން ހުޅިލައި މުގުރަނީއެވެ. އަދި މުގުރުމަށްފަހު ގޮސް ކޮންމެވެސް ތަނެއްގައި ޖެހި މުޅިން ކުރިއަށް ނުދެވެންދެން ދަތުރުކުރެއެވެ. ނަމަވެސް ތިލަ ތަނެއްގައި ދުރަށް ދަތުރު ކުރަން ޖެހިފައި، ކުރިއަށް ދިޔަވަރަކަށް ތިލަވަމުން ދާނަމަ، ރާޅުގެ ބާރު ކެނޑެމުން ކުޑަވަމުން ދެއެވެ. އެންމެ ފަހުންގޮސް ކޮންމެވެސް ތަނެއްގައި ޖެހުމުން އެ ހިސާބަކަށް އެ އައި ބާރު މިނެއްގެ ނިސްބަތުން ކުޑަވެގެން އެނބުރިދެއެވެ. ރާޅުގެ ސަބަބުން މުޅި އެ ހިސާބެއްގެ ފެންގަނޑުގައި ހަލަބޮލިކަމެއް އުފައްދާއިރު ފެންގަނޑުގެ އެއްބައި އަނެއްބައާއި އެކުވުމުން އެއްތަނުން އަނެއްތަނަށް ޕްލެންކްޓަންސް އާއި އެހެނިހެން މައްދާތައް ބަދަލުވެއެވެ. އަދި ފެންގަނޑުގެ ބޮޑުބައެއްގައި އޮކްސިޖެން ދައުރުވުމާއިއެކު ފިނި ހޫނުމިނުގެ ތަފާތުކަން ހަމަހަމަ ވުމަށްވެސް ބާރު ލިބެެއެވެ. މި ކަންކަމަކީ އެތަނެއްގައިވާ ދިރޭ އެއްޗިއްސަށް އެކަމުން ސީދާ އަސަރު ކުރުވާ ކަންކަމެވެ.

ގޮށްރާޅު އުފެދެނީ ތަފާތު މިޞްރާބުތަކަށް ދަތުރުކުރާ ރާޅުތައް، އެކަތި އަނެކެއްޗާ ބައްދަލުވުމުންނެވެ. މި ގޮތަށް އުފެދޭ ގޮށްރާޅު މާބޮޑަށް ބިޔަވުމުން ދަތުރުކުރުމަށް ނުރައްކާވެއެވެ.

މަސްދަރު: އަސްދަނޑި - ކަނޑުވައި މުޙައްމަދު މަނިކު-
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!