މަސްވެރިކަމާއި ގުޅޭ

ހިބަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ފިޔަވަޅުތައް

މަސްވެރިންނާއި މަސްވެރިކަމުގެ ޞިނާޢަތުގެ މަޞްލަޙަތަށް ބަލައި، އަދި ކަމާގުޅޭ އެންމެހާ ފަރާތްތަކާއި މުސްތަޤުބަލުގެ ޖީލުތަކުގެ މަންފާއަށްޓަކައި، މި މުހިންމު ވަސީލަތް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާ އުސޫލުތަކާއި ބެލެހެއްޓުމުގެ އަވަސް ފިޔަވަޅުތަކެއް އެކަށީގެންވާ ވަގުތުގައި ތަޢާރުފުކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން، މިޕްލޭންގައި ކަނޑައަޅައިފައިވާ އަމާޒުތަކާއި އިސްތިރާޖުތައް ހާސިލުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ތިރީގައި އެވަނީއެވެ.

1. މިނިސްޓްރީއަށް ލަފާދޭ ކޮމިޓީއެއް އުފެއްދުން

ހިބަރުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި ބެލެހެއްޓުމާ ގުޅޭ ގޮތުންނާއި، ހިބަރުގެ އާބާދީ މެނޭޖްކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނާއި، ހިބަރުގެ ދިރާސާތައް ކުރުމާ ގުޅޭ ގޮތުންނާއި، ހިބަރުގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި ލަފާދޭ ކޮމިޓީއެއް ޤާއިމުކުރެވޭނެއެވެ. އަދި ކޮމިޓީގެ ޖަލްސާތައް މަދުވެގެން އަހަރަކު އެއް ފަހަރު ބޭއްވޭނެއެވެ.

ކޮމިޓީ އެކުލަވައިލާނީ ތިރީގައިވާ މެންބަރުންގެ މައްޗަށެވެ.

(ހ) މުޤައްރިރު (މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލު ކުރާ މަންދޫބެއް)؛

(ށ) އެމް.އެމް.އާރް.އައި ތަމްސީލު ކުރާ މަންދޫބެއް؛

(ނ) ހިބަރުގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލު ކުރާ 3 (ތިނެއް) މަންދޫބުން؛

(ރ) ހިބަރުގެ ބާވަތްތައް އެކްސްޕޯޓު ކުރާ ފަރާތްތައް ތަމްސީލު ކުރާ 2 (ދޭއް) މަންދޫބުން؛

(ބ) މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ތަމްސީލު ކުރާ މަންދޫބެއް؛

(ޅ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލު ކުރާ މަންދޫބެއް؛

(ކ) ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ތަމްސީލު ކުރާ މަންދޫބެއް؛ އަދި

(އ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާއެއް.

މީގެ ތެރެއިން އަންނަނިވި ފަރާތްތައް ކޮމިޓީއަށް ކުރިމަތިލުމުގެ ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވައިލައި މިނިސްޓްރީން އާންމުކޮށް އަންގައި އިޢުލާން ކުރެވޭނެއެވެ.

(ހ) ހިބަރުގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލު ކުރާ މަންދޫބުން؛

(ށ) ހިބަރުގެ ބާވަތްތައް އެކްސްޕޯޓު ކުރާ ފަރާތްތައް ތަމްސީލު ކުރާ މަންދޫބުން؛

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާ.

ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭނެއެވެ.

(ހ) މި ޕްލޭން ތަންފީޛުކުރެވޭ މިންވަރު ބެލުމާއި ޕްލޭން ތަންފީޛުކުރެވޭ ގޮތުގެ ތަފުސީލު އަހަރަކު އެއް ފަހަރު މިނިސްޓަރަށް އެރުވުން؛

(ށ) ހިބަރުގެ މަސްވެރިކަމާގުޅޭ ފަންނީ އަދި އެހެނިހެން މަޢުލޫމާތު އެކުލެވޭ ރިޕޯޓްތައް މުޠާލިއާކުރުން؛

(ނ) ހިބަރުގެ މަސްވެރިކަމާގުޅޭ ފަންނީ މަޢުލޫމާތު އެކުލެވޭ ރިޕޯޓުތަކުންނާއި ކަމާ ގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުން އަދި މަޝްވަރާ ބައްދަލުވުންތަކުން ނެރެވޭ ނަތީޖާތަކާއި ހުށަހެޅުންތަކާ ގުޅިގެން، އަޅަންޖެހޭ މެނޭޖްކުރުމުގެ ފިޔަވަޅުތަކާބެހޭ ގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛

(ރ) ސަރަޙައްދީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ހިބަރުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ޤައުމީ ފެންވަރުގައި ތަންފީޛުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛ އަދި

(ބ) މި ޕްލޭން ތަންފީޛުކޮށް، މުޠާލިޢާކޮށް މުރާޖަޢާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

2. ލައިސަންސް ކުރުން

މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމުގައި ލައިސަންސްކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިޤުތިޞާދީގޮތުން މަސްވެރިކަމުގެ ވަސީލަތްތަކަށް ބަރޯސާވާ ފަރާތްތައް ދެނެގަތުމާއި، މަސްވެރިކަމުގެ ތަފާސްހިސާބު އެއްކޮށް، ބެލެހެއްޓުމެވެ. އަދި މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމަށާއި މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މަޢުލޫމާތު މިނިސްޓްރީއަށް ލިއްބައިދިނުމުގައި ލައިސަންސްގެ ނިޒާމު އިސް ދައުރެއް އަދާކުރެއެވެ.

މީގެ އިތުރުން މިފަދަ ލައިސަންސް ނިޒާމެއް ޤާއިމުކޮށް، މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް އެނިޒާމުގެ ތެރެއިން ރަސްމީކޮށް ރިކޯޑުކޮށް ބެލެހެއްޓުމަކީ މަސްވެރިންނާއި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކައުތެރިކޮށްދީ އެފަރާތްތަކަށް ޙައްޤުވެގެންވާ އިޖުތިމާޢީ އަދި އިޤުތިޞާދީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. އަދި މިފަދަ ނިޒާމެއްގެ ތެރެއިން މަސްވެރިކަންކުރާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ކެޔޮޅުންނާއި ފަޅުވެރިންގެ މަޢުލޫމާތު އަދި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަނުގެ މަޢުލޫމާތު ބެލެހެއްޓުމަކީ ދިވެހިރާއްޖޭގައި ކުރެވޭ މަސްވެރިކަމަކީ އެކަށީގެންވާ ގޮތެއްގައި ރާވައި، ހިންގައި،ބަލަހައްޓަމުންގެންދާ މަސްވެރިކަމަކަށް ހެދުމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ މަސްވެރިކަމަކަށްވުމަށް ވެސް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމެކެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައިވެސް މިފަދަ ނިޒާމަކުން އެއްކުރެވޭ މަޢުލޫމާތުގެ ބޭނުން ކުރެވޭނެއެވެ. މިގޮތުން، ހިބަރުގެ މަސްވެރިކަމާއި ހިބަރުގެ މަސްވެރިކަމުގެ ވިޔަފާރީގެ ހަރަކާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ހިބަރުގެ މަސްވެރިކަމުގައްޔާއި ހިބަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ އަންނަނިވި ފަރާތްތައް ލައިސަންސްކުރެވޭނެއެވެ.

(ހ) ވިޔަފާރި ބޭނުމަށް ހިބަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛
(ށ) ވިޔަފާރި ބޭނުމަށް ހިބަރު ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް.

ލައިސަންސަށް އެދުމާއި، ދޫކުރުމާއި، އައުކުރުމާއި އަދި ބާޠިލުކުރުމުގައި ޢަމަލުކުރާނެ ގޮތާއި، ލައިސަންސްގެ މުއްދަތާއި ފީ އަދި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ ގޮތް ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުގައި ބަޔާންކުރެވޭނެއެވެ. މީގެ އިތުރުން، ހިބަރުގެ މަސްވެރިކަންކުރުމަށް ލައިސަންސް ދޫކުރެވޭ އެންމެހައި އުޅަނދުފަހަރާއި އުޅަނދުފަހަރުތަކުގެ ކެޔޮޅުންނާއި ފަޅުވެރީންގެ މަޢުލޫމާތު ހިމެނޭ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލައި ބެލެހެއްޓޭނެއެވެ.

3.މަޢުލޫމާތު އެއްކުރުމާއި ބެލެހެއްޓުން

މަސްވެރިކަމުގައި ހިފާ މަހުގެ އާބާދީއަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، އާބާދީގެ މިންވަރު ހިސާބުކޮށް، އެ މަސްވެރިކަމެއް ކުރެވެނީ އާބާދީއަށް ގެއްލުން ނުވާ ، ދެމެހެއްޓެނިވި މިންވަރެއްގައިކަން ކަށަވަރުކުރުމަށްޓަކައި މަސްވެރިކަމުގައި ބާނާ ބާވަތްތަކާއި އެބާވަތްތައް ބާނާ މިންވަރާއި، އެބާވްތައް ހިފުމަށް ކުރެވުނު ހޭދަ (އެފަރޓް) އާ ގުޅޭ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެކެވެ. މަސްވެރިކަމުގެ ތަފާސްހިސާބު ނެގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މަސްވެރިކަމުގެ ލޮގްފޮތް ނުވަތަ މަސްރިޕޯޓެވެ. މަސްރިޕޯޓަކީ މަސްވެރިކަމުގެ ކޮންމެ ދަތުރެއް ނިންމުމަށްފަހު އެ ދަތުރުގައި ހިފި ބާވަތްތަކާއި އެ ބާވަތްތައް ހިފުމަށް ކުރެވުނު ހޭދައިގެ (އެފަރޓް) މަޢުލޫމާތު މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭ ނިޒާމެވެ. މީގެ އިތުރުން މަސްވެރިކަމުގައި ހޭދަ ކުރެވުނު ތެލުގެ މިންވަރު އަދި މަސް ބޭނި ސަރަޙައްދުތައް ފަދަ އިތުރު މަޢުލޫމާތުވެސް ލޮގްފޮތް މެދުވެރިކޮށް ނެގެއެވެ. މީގެ އިތުރުން މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުންނާއި މިފަދަ އުފެއްދުންތަކުގެ ވިޔަފާރިއާ ގުޅޭ ގޮތުން ވެސް ތަފާތު މަޢުލޫމާތު އެއްކުރެވެއެވެ. މި އެންމެހައި މަޢުލޫމާތަކީވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށްޓަކައި އަދި މަސްވެރިކަމުގެ ނަފާ ދިގު މުއްދަތަކަށް ލިބިދިނުމަށްޓަކައި، މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމަށް ބޭނުންކުރެވޭ މަޢުލޫމާތެވެ.

މީގެ އިތުރުން މަސްވެރިކަމާ ގުޅޭ ގޮތުން ނަގާ ތަފާސްހިސާބާއި މަޢުލޫމާތުތަކުގެ ތެރެއިން ބައެއް މަޢުލޫމާތުތަކަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ސަރަޙައްދީ އަދި ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކާ ހިއްސާކުރެވޭ މަޢުލޫމާތެވެ. މިފަދަ ޖަމްޢިއްޔާތަކަކީ ދުނިޔޭގެ ޤައުމުތަކުގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމާގުޅޭ ތަފާސްހިސާބު ބަލަހައްޓާ ޖަމްޢިއްޔާތައް ނުވަތަ ސަރަޙައްދީ ފެންވަރުގައި މަސްވެރިކަން ރާވައި، ހިންގައި، ބަލަހައްޓާ ޖަމްޢިއްޔާތަކެވެ. މިގޮތުން، އިންޑިއާ ކަނޑުގައި އުޅޭ ބާވަތްތަކުގެ ތެރެއިން އެއް ޤައުމަށްވުރެ ގިނަ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދަށް ފެތުރިފައިވާ (ސްޓްރެޑްލިންގ ފިޝް ސްޓޮކްސް)، އަދި ދުރު ސަރަޙައްދުތަކަށް ދަތުރުކުރާ ނުވަތަ ހިޖުރަކުރާ މަހުގެ ބާވަތް (ހައިލީ މައިގްރޭޓަރީ ސްޕީޝީޒް) ތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމަށް އުފައްދައިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް ހިބަރުގެ މަސްވެރިކަމުގެ ތަފާސްހިސާބުތައް ހިއްސާކުރެވެއެވެ. މީގެ ސަބަބުން އިންޑިއާ ކަނޑުގެ ހިބަރުގެ މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ހިއްސާ އެނގި، އިންޑިއާ ކަނޑުން މަސްވެރިކަން ކުރުމުގައި ދިވެހި މަސްވެރިންނަށް ހައްޤުވާ މިންވަރު ކަށަވަރުކޮށްދިނުމަށް މިފަދަ ތަފާސްހިސާބާއި މަޢުލޫމާތުގެ ބޭނުންކުރެވެއެވެ.

އިސްވެ ދެންނެވުނު ކަންކަމަށް ރިޢާޔަތްކޮށް، ހިބަރުގެ މަސްވެރިކަމާއި ހިބަރުގެ މަސްވެރިކަމުގެ ވިޔަފާރީގެ މަޢުލޫމާތު އެއްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، އަންނަނިވި ފަރާތްތަކުން މަސްވެރިކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ފޮނުވުން ލާޒިމުކުރެވޭނެއެވެ.

• މި ޕްލޭންގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިގެން މަސްވެރިކަންކުރާ އުޅަނދުފަހަރުން މަސް ރިޕޯޓު ނުވަތަ ލޮގް ފޮތުގެ މަޢުލޫމާތު ފޮނުވުން؛
• ހިބަރު ގަނެ ޕްރޮސެސްކުރާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕަރޗޭސް ރިޕޯޓު) ފޮނުވުން؛ އަދި
• ހިބަރާއި ހިބަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕަރޗޭސް ރިޕޯޓު) ފޮނުވުން.

4. ސައިޒް ލިމިޓް

ހިބަރުގެ ބާވަތްތަކާއި އެ ބާވަތްތަކުގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި އިންޑިއާ ކަނޑުގައި ކުރެވޭ ހިބަރުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމެއްކަން ޔަޤީންކުރުމަށްޓަކައި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އިން ވަނީ ހިބަރުގެ މަސްވެރިކަން ކުރުމުގެ އުސޫލުތަކެއް ކަނޑައަޅައިފައެވެ. މި އުސޫލުތަކުގެ ތެރެއިން ހިބަރުގެ ބާވަތްތަކަށް ކަނޑައަޅައިފައިވާ ސައިޒް ލިމިޓް ދިވެހިރާއްޖޭގައިވެސް ތަންފީޛުކޮށް، ހިބަރުގެ ތިރީ ތުންގަނޑު ފެށޭ ހިސާބުން ފެށިގެން ނިގޫފަތްގަނޑު ދެކަފިވާ ހިސާބަށް 60 (ފަސްދޮޅަސް) ސެންޓިމީޓަރު ހަމަނުވާ ހިބަރު ބޭނުން މަނާކުރެވޭނެއެވެ. އަދި އެ ސައިޒް ލިމިޓާ ޚިލާފަށް ހިބަރުގެ ބާވަތެއް އެއްވެސް ގޮތަކަށް އުޅަނދުގައި ބެހެއްޓުމާއި، ރައްކައުކުރުމާއި، ކަނޑުގައި ދުއްވާ އެހެން އުޅަނދަކަށް ގެންދިއުމާއި (ޓްރާންޝިޕްކުރުން)، ލޭންޑިންގް ފެސިލިޓީއަކަށް ނުވަތަ އެއްގަމަށް ގެންދިއުމާއި، ވިޔަފާރި ކުރުމާއި، ޕްރޮސެސްކުރާ ތަނެއްގައި ބެހެއްޓުން އަދި ޕްރޮސެސްކުރުން ވެސް މަނާކުރެވޭނެއެވެ. ހިބަރުގެ ދިގުމިން ބަލާނެ ގޮތް ތިރީގައިވާ ކުރެހުމުން ދައްކައިދީފައި އެވަނީއެވެ.

5.ކެޗް ސެޓުފިކެޓު ދޫކުރުން

ޤާނޫނާ ޚިލާފަށް ރިޕޯޓުކުރުމެއް، އަދި ބެލެހެއްޓުމެއް ނެތި ކުރާ (އިލީގަލް، އަންރެގިއުލޭޓަޑް އެންޑް އަންރިޕޯޓެޑް - އައި.ޔޫ.ޔޫ) މަސްވެރިކަން ހުއްޓުވުމަށާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ވިޔަފާރީގައި ބަދަލުކުރެވޭ މަހާއި މަހުގެ އެންމެހައި އުފެއްދުންތަކަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓިފައިވާ މަސްވެރިކަމަކުން ބާނައި، ތައްޔާރުކޮށްފައިވާ އުފެއްދުންތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު ފިޔަވަޅެކެވެ.

މިގޮތުން މިނިސްޓްރީން ޤާއިމުކޮށްފައިވާ ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމު ފުޅާކޮށް، އެކްސްޕޯޓު ކުރެވޭ ކޮންމެ ހިބަރާއި ހިބަރުގެ އުފެއްދުންތަކުގެ ޝިޕްމަންޓަކާ އެކު މިނިސްޓްރީން ދޫކޮށްފައިވާ ކެޗް ސެޓުފިކެޓެއް އޮތުން ލާޒިމުކުރެވޭނެއެވެ. ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމު މެދުވެރިކޮށް އެކްސްޕޯޓުކުރާ ހިބަރު ބާނައިފައިވާ އުޅަނދުގެ މަޢުލޫމާތާއި، މަސް ބޭނި ތާރީޚު އަދި މަސް ޕްރޮސެސްކުރި ފަރާތުގެ މަޢުލޫމާތު އެއްކުރެވޭނެއެވެ. އަދި މި މަޢުލޫމާތުގެ އަލީގައި މަސް ބޭނީއްސުރެ މަހާއި މަހުގެ އުފެއްދުންތައް ގަންނަ ފަރާތްތަކަށް ފޯރުކޮށްދެވެންދެން އެއުފެއްދުންތައް ކަޑައްތުކޮށްފައިވާ އެންމެހައި މަރުހަލާތައް ދެނެގަތުމަށް (ޓްރޭސަބިލިޓީ ޔަޤީންކުރުމަށް) މަގުފަހިވެގެންދާނެއެވެ.

6. ޕްރިކޯޝަނަރީ ފިޔަވަޅުތައް

ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ހޯދައިފައިވާ ފުރިހަމަ މަޢުލޫމާތު ނެތް ހާލަތުގައި ނުވަތަ ވަކި ކަމެއް ޔަޤީންކުރެވިފައިނެތް ހިނދުގައި ވެސް، ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކޮށް އަދި މޫސުމީ ބަދަލުގެ ސަބަބުން މާޙައުލީ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތަކަށް ރިޢާޔަތްކޮށް، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ހަމަތަކުގެ ތެރެއިން ބެލެހެއްޓުމަށްޓަކައި ފިޔަވަޅު އެޅުމަކީ ގިނަ ސައިންސްވެރިންނާއި ޤުދުރަތީ ވަސީލަތްތައް މެނޭޖްކުރާ ފަރާތްތަކުން ބާރުއަޅައި ކަމެކެވެ. މިގޮތުން މި ޕްލޭންގެ މުއްދަތުގައި ހިބަރުގެ ސްޓޮކް މެނޭޖްކުރުމަށް މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން އެހެނިހެން ފިޔަވަޅުތަކެއް އެޅުމަށް ފެނިއްޖެ ހާލަތުގައި އެފަދަ ފިޔަވަޅުތަކެއް އެޅުމަށް ނިންމިދާނެއެވެ. މީގެ ތެރޭގައި އަންނަނިވި ފިޔަވަޅުތައް ހިމެނެއެވެ.
(ހ) ދިވެހިރާއްޖޭގެ ވަކި ސަރަޙައްދަކުން ހިބަރު ހިފުން މަނާކުރުން ؛
(ށ) ހިބަރުގެ ވަކި ބާވަތެއް ހިފުން، ޕްރޮސެސްކުރުން ނުވަތަ އެކްސްޕޯޓު ކުރުން މަނާކުރުން؛
(ނ) ކަނޑައަޅައިފައިވާ ސައިޒް ލިމިޓްތަކަށް ބަދަލު ގެނައުން؛
(ރ) އެކްސްޕޯޓު ކުރެވޭނެ ނުވަތަ ނެގޭނެ ހިބަރުގެ ބާވަތްތަކުގެ ކޯޓާއެއް ކަނޑައަޅައި ތަންފީޛުކުރުން؛ އަދި
(ބ) ހިބަރުގެ ސްޓޮކަށް އަސަރުކޮށްފާނެ ހަރަކާތްތަކާގުޅޭ ގޮތުން އެހެނިހެން ފިޔަވަޅުތައް އެޅުން.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!