މަސްވެރިކަމާއި ގުޅޭ

620f1abba310cdd3d82e795f

ދުނިޔޭގެ ފުރަތަމަ ރޮބަޓު ފެހުރިހި ޗައިނާއިން އުފައްދައިފި

ދުނިޔޭގެ ފުރަތަމަ ރޮބަޓު ފެހުރިހި، ޗައިނާ އެރޯސްޕޭސް ސައިންސް އެންޑް އިންޑަސްޓްރީ ކޯރޕުން އުފައްދައިފިއެވެ.

މި ފެހުރިހި މިހާރުވަނީ އާއްމުންނަށް ދައްކާލުމަށްޓަކައި ޗައިނާގެ ޝެންގްހާއީގެ ހައިޗަންގު އޯޝަން ޕާކުގެ އެކުއޭރިއަމްގެ ޓޭންކަކަށް ލާފައެވެ. މި ފެހުރިއްސަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

ފެހުރިއްސަކީ މޫދުގައި އުޅޭ އެންމެ ބޮޑު މަހެވެ. ޗައިނާގެ ކުންފުނިން އުފައްދާފައިވާ ރޮބަޓު ފެހުރިހީގެ ދިގުމިނުގައި 4.7 މީޓަރު ހުންނައިރު، ބަރުދަނުގައި 350 ކިލޯހުރެއެވެ. އަދި މިނެޓަކު 42 މީޓަރަށް ދުވެއެވެ.

މި ފެހުރިހި ރޮބަޓުގައި ބޭނުންކުރަނީ ލިތިއަމް ބެޓަރިއެވެ. މި ރޮބަޓަށް ފަތަން އެނގުމާއި، ފްލޯޓު ކުރުމާއި، ފީނުމުގެ ޤާބިލްކަން ހުރެއެވެ. އަދި އަނގަ ހުޅުވާ ލައްޕާވެސް ހަދައެވެ.

10 މީޓަރުގެ ފުންމިނަށް ފީނުމުގެ ޤާބިލްކަން ހުންނަ އިރު، 10 ގަޑިއިރު ވަންދެން މި ރޮބަޓަށް ފެނުގައި އުޅެވެއެވެ.

މި ފެހުރިހި ރޮބަޓު އުފެއްދި ކުންފުނިން މިހާރު މަސައްކަތްކުރަމުންދަނީ، މޫދުގައި ގެންގުޅެވޭ މިފަދަ އިތުރު ރޮބަޓުތައް އުފެއްދުމަށެވެ. މިއީ ސްކޫލްތަކުގައާއި ޕާކުތަކުގައި ޑިސްޕްލޭއަށް ބެހެއްޓުމުގެ މަޤްސަދުގައި އުފައްދާ ރޮބަޓްތަކެއް ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!