މަސްވެރިކަމާއި ގުޅޭ

ރާއްޖޭގައި ތުތި ބޯވަދިލަމަސް އުޅޭކަން ކަށަވަރުވީ 2015 ވަނަ އަހަރު

މީގެ ދެ އަހަރެއްހާދުވަސް ކުރިން، ދިވެހިރާއްޖޭގެ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް އަމަލު ކުރަން ފެށި ނަމަވެސް، ތުތިބޯވަދިލަމަހުގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތަޢާރަފުވީ 2018 ވަނަ އަހަރުއެވެ.

އޭގެ ކުރިން، ރާއްޖޭގައި ތުތިބޯވަދިލަމަސް ކުޅޭކަން ކަށަވަރުވީ، 2015 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖޭގައި އާ މަސްވެރިކަމެއް ކުރެވިދާނެތޯ ބެލުމަށް އެ އަހަރު ޖަޕާނު ސަރުކާރާ ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ކުރެވުނު ދިރާސާ އަކުންނެވެ.

މި ދިރާސާގެ އަލީގައި، ރާއްޖޭގައި ތުތިބޯވަދިލަމަސް އުޅޭކަން ކަށަވަރުވެ، ތުތިބޯވަދިލަމަސް ބިސް ދޫކުރާ މޫސުމާއި އެ ދިރުންތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބެހިފައިވާ ގޮތުގެ މައުލޫމާތު ވަނީ ހޯދާފައެވެ.

ދިރާސާ ކުރުމަށް ތަހުލީލު ދަތުރު ތަކެއްވެސް ކުރެވުނެވެ. އެގޮތުން، އަތޮޅުތަކުގެ ބޭރު ދުނިިން ފެށިގެން، ގާތްގަނޑަކަށް ފަސް ނޯޓިކަލް  މޭލާއި 15 ނޯޓިކަލް މޭލު ބޭރުން، 1500 މީޓަރާއި 2000 މީޓަރު އަޑިން 59 ތުތިބޯވަދިލަމަސް ވަނީ ބާނާފައެވެ. އެއީ 500 ކިލޯއެވެ.

ތަހުލީލު ކުރެވުނު ސައިޓުތަކުގެ ތެރެއިން، އެންމެ ގިނައިން ތުތިބޯވަދިލަމަސް ބާނާފައި ވަނީ ޅ. އަތޮޅު ކައިރިންނާއި ރ. އަތޮޅު ކައިރިންނެވެ.

ދިރާސާގެ ނަތީޖާ ލިބުމަށްފަހު، ތުތިބޯވަދިލަމަހުގެ ވިޔަފާރި ތައާރަފު ކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން 2019 ވަނަ އަހަރު އަޖުމަ ބެލުމުގެ މަޝްރޫއުއެއް ފެށިއެވެ. އަދި ތުތިބޯވަދިލަމަހުގެ މަސްވރިކަން ކުރުމަށް ބޭނުންވާ އާލާތްތައް ހިމެނޭ 10 ސެޓު ވިއްކަައި، އެ ގަތް މީހުނަށް ތުތިބޯވަދިލަމަހުގެ މަސްވެރިކަމާ ބެހޭ މައުލޫމާތުދިނެއެވ. އަދި އެ މަސްވެރިކަން ކުރާ އާލާތްތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމް މިނިސްޓްރީގެ ފަރާތުން އެމީހުނަށް ހިންގިއެވެ.

އާންމުގޮތެއްގައި ތުތިބޯވަދިލަމަސް ބާނަނީ އެކަމަށް ހާއްސަ ނަނެއް ފައްތައިގެންނެވެ. މި ނަނުގެ ދިގުމިނުގައި 500 މީޓަރު ހުރެއެވެ. އަދި ނަނު ފައްތާ ކޮޅުގައި ދެ ޖިގު، ނަނު ފެންމަތީގައި ހުންނަ ކޮޅުގައި ބޮޔަކާއެކު ދިދަ ދަނޑިއެއް ހަރުކޮށްފައި ހުރެއެވެ. ނަނަށް ތުތިބޯވަދިލަމަހުގެ ސަމާލުކަން ލިބެނީ، މައި ނަނުގައި ހަރުކޮށްފައި ހުންނަ ފެން ނުވަތަ ބޮކީއަލީގެ ސަބަބުންނެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!