މަސްވެރިކަމާއި ގުޅޭ

Kanneli Masverin

މަސްވެރިކަމަށް ނުކުންނަ މީހުން މަދުވާ ސަބަބުތަކާއި އެކަމުގެ ބައެއް ހައްލު!

ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑުބައެއް ހިއްސާކުރަނީ ކަނޑުގެ ސަރަހައްދެވެ.

އެހެންކަމަށް ވުމާއެކު ރާއްޖެއަކީ ޒަމާނުއްސުރެން މަސްވެރިކަމުން ނަފާ ހޯދަމުން އަންނަ ގައުމެކެވެ. އަދި ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަން ކުރާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ދިވެހިންކުރާ ދިވެހި މަސްވެރިކަމުގެ ވާހަކަ ދައްކާއިރު މިހާރު އެންމެންގެވެސް ބޮޑު ކަންބޮޑުވުމަކީ މި ސިނާއަތަށް ވަންނަ ދިވެހިން މަދުވުމެވެ. މަހަށް ދާނެ ފަޅުވެރިން ނެތިގެން ދޯނިފަހަރު ވިއްކާލަން ޖެހުމެވެ. މިކަން މިގޮތަށް ދިމާވަނީ އެންމެ ސަބަބަކާހެދިއެއް ނޫނެވެ. އެކަމުގެ ފަހަތުގައު އެތައް ސަބަބެއް ވެއެވެ.

ރަށުގައި ތިބެގެން އަދާކުރެވޭ ވަޒީފާ ލިބުން

އަތޮޅުތަކުގައި ފެނަކަ އޮފީސްތަކާއި އާރްޑީސީ އާއި ސްޓެލްކޯ ފަދަ ކުންފުނިތައް އުފެދި، އެ ތަންތަނަށް ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލުމާއެކު، މަސްވެރިކަން ފަދަ ރަށުން ބޭރުގައި އަދާކުރާ ވަޒީފާތަކުގައި އުޅޭމީހުން ހިމެނޭގޮތަށް، ރަށު ވަޒީފާއަށް ބަދަލުވެއެވެ. މަސްވެރިކަމަކީ ޒުވާނުންވެސް ގިނަ އަދަދަކަށް ހަރަކާތްތެރިވާ ސިނާއަތަށް ވެފައި، ޒުވާނުން ރަށު ވަޒީފާއަށް ބަދަލު ވުމަކީ އެ ސިނާއަތަށް މީހުން ނުލިބޭ އެއް ސަބަބެވެ.

މިކަމާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނީ، ޒުވާނުން މަސްވެރިކަމުގެ ސިނާއަތް ދޫކޮށް، ސިޔާސީ ވަޒީފާތަކަށް ބަދަލުވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ ވަޒީފާއައް ދޭއިރު، މަސްވެރިކަމުގެ ސިނާއަތަށް ހީނަރުކަމެއް އަންނަ ފަދައިން ވަޒީފާ ނުދިނުމަށް މިހާރު ބާރު އަޅަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރުން ފެށިގެން މަސްވެރިކަން ދޫކޮށްދާ މީހުން ގިނަވާން ފަށާފައި ވާތީ، މިދިޔަ ރިޔާސީ އިންތިހާބުގައިވެސް އެ ކަންބޮޑުވުން ފާޅުކޮށްފައި ވާނެކަން ވަޒީރު ފާހަގަ ކުރައްވައެވެ.

އެހެންކަމުން މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ވަޒީރު ގެންދަވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުން މަދުވާނެ ފަދައިން ކަންތައް ނުކުރުމަށް ފެނަކަ ފަދަ ކުންފުނިތަކާ މަޝްވަރާ ކުރައްވަމުންނެވެ.

ރަނގަޅު ކެޔޮޅުން ނެތުން

ވަޒީރު ޝިޔާމް ދެކިލައްވާ ގޮތުގައި، އޮޑިފަހަރު ދޫކޮށް ފަޅުވެރިން ދާ އެއް ސަބަބަކީ ދޯނީގެ ކެޔޮޅެވެ. އެގޮތުން، ވަރަށް ޒިންމާދާރުކަމާއެކު، ބަރާބަރަށް ފައިސާގެ މުއާމަލާތްތައް ނިންމާ، ފަޅުވެރިންގެ ކަންކަން ރަނގަޅަށް ބަލަހައްޓާ، އިންތިޒާމުތަކެއްގެ މަތިން ކަންކަން ކުރިއަށް ގެންދާ ކެޔޮޅުން މި ރާއްޖޭގައި ވަރަށް މަދެވެ.

މަސްވެރިކަމަށް ނުކުންނަ އޮޑިވެރިޔާ، އެކަމުގައި ކުރު މުއްދަތެއް ހޭދަ ކުރުމަށްފަހު ދެވަނަ އޮޑިއެއް ބަންނަނީ، އެކަމުން އެހާވެސް ފައިދާ ވާތީތާއެވެ. ނަމަވެސް އެއީ ރަނގަޅަށް މަސްވެރިކަން ކުރާ ކެޔޮޅުންނާއެކު ދުއްވާ އޮޑިފަހަރެވެ. އެހެންކަމުން ރާއްޖޭގެ މަސްވެރި ސިނާއަތް ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުން އަންނަ މި ދަނޑުވަޅުގައި، މި ސިނާއަތުގައި މީހުން ހަރުލެއްވޭނީ ރަނގަޅު ކެޔޮޅުން ތިބެގެންނެވެ.

އެކަމަށްޓަކައި މި ސަރުކާރުން ކުރަމުން އަންނަ ކަމަކީ، މަސްވެރި ކޮލެޖެއް ގާއިމު ކުރުމުގެ މަސައްކަތެވެ.

ވަޒީރު ޝިޔާމް ވިދާޅުވާ ގޮތުގައި، އެ ކޮލެޖުގެ ކޯސްތަކުގެ ތެރޭގައި މާސްޓަރ ފިޝަމެންއާ ހިސާބަށް ކިޔަވައިދޭނެއެވެ. އެހެންކަމުން ފިޝަރީޒް މެނޭޖްމަންޓާއި، އިދާރީ މަސައްކަތްތަކާއި ފައިނޭންޝަލް މެނޭޖްމަންޓް ހިމެނޭނެހެން ކޯސްތަކުގެ ކައިކިރުލަމް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އޭގެ ސަބަބުން ކެޔޮޅަށް ހަވާލުލެވެނީ ކިހާބޮޑު ޒިންމާއެއް ކަމާއި، މި މަސައްކަތުން ގައުމަށް ކުރާނެ އެދެވޭ ފައިދާތައް އެނގި، ސިނާއަތް ކުރިއަރަން މަގުފަހިވާނެއެވެ.

މީގެކުރިން މަސްވެރިކަން ކުރަނީ އާއިލީގޮތުން ދަސްވާ އެއްޗަކުން

ވަޒިރު ޝިޔާމް ފާހަގަ ކުރައްވާ ގޮތުގައި، ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތަށް އާއްމުގޮތެއްގައި މީހުން ނުކުމެފައި ވަނީ އާއިލީގޮތުން ކުރާ ކަމެއްގެ ގޮތުގައެވެ. އެގޮތުން އާއިލާގައި ކެޔޮޅެއް ހުރުމުން ނުވަތަ ބައްޕައަކީ މަސްވެރިއަކަށް ވުމުން، ދަރިންނަށް ނުވަތަ އާއިލާގެ އެހެން މެމްބަރުންނަށް މަސްވެރިކަން ކުރަން ދަސްވެއެވެ. އެކަމުގެ ތެރެއިން މަސްވެރިކަމަށް ނުކުމެވެއެވެ. އެކަން އެގޮތަށް އޮތް ދުވަސްވަރު ފާއިތުވެ، މަސްވެރި ކެޔޮޅުންގެ ދަރިން މަސްވެރިކަމަށް ނުކުންނަ ނުކުތުން މާޒީވުމާއެކު، މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުން މަދުވަނީއެވެ. ކަން މިހެން ވުމާއެކު އޮޑިން ދާނެ ފަޅުވެރިން ނުލިބި، ބިދޭސީން ހޯދަން ޖެހެނީއެވެ. އެހެންކަމުން މަސްވެރިކަން ރަނގަޅަށް ދަސްކޮށްދެވޭނަމަ ސިނާއަތަށް މީހުން ނުކުންނާނެކަމަށް ވަޒީރު ގަބޫލު ކުރައްވައެވެ.

މަސްވެރިން ތަމްރީނުކުރަން މީގެ ކުރީގެ ސަރުކާރުތަކުން މަސައްކަތެއް ނުކުރޭ!

ރާއްޖެއަށް ބޭނުން ވާ ވަރަށްވުރެ އިތުރަށް ބައެއް ދާއިރާތަކުގައި މަތީ ތައުލީމު ހާސިލު ކުރަން ފުރުސަތު ދީފައިވާ ކަމަށާއި، ނަމަވެސް މަސްވެރިން ތަމްރީނު ކުރަން މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވުމަކީ ވަޒީރު ޝިޔާމުގެ ޝަކުވާއެކެވެ. ޝިޔާމް ދެކިލައްވާ ގޮތުގައި ވަޒީފާ އަދާ ކުރެވެން ހުރި، މަސްވެރިކަން ފަދަ ސިނާއަތްތަކުން މީހުންނަށް މަތީ ތައުލީމު ހާސިލުކުރަން ފުރުސަތު ދީފިނަމަ ނަތީޖާ ރަނގަޅުވާނެއެވެ.

ޒަމާނަށް އައިސްފައިވާ ބަދަލާއެކު މަސްވެރިކަން ކުރުމަށްވެސް ތައުލީމު މުހިންމެވެ. ޖީޕީއެސްއާއި ފިޝް ފައިންޑަރ އަދި ބަރޑް ފައިންޑަރ ފަދަ އާލާތްތައް ބޭނުންކުރަން ދަސްކުރުމާއި، ރާއްޖޭގެ އޮޔާއި ވައި ހުންނަ ގޮތާއި، ޒަމާނީ އޮޑިފަހަރަށް އަންނަ ބަދަލު އެނގުމަކީ، މަސްވެރިކަމަށްވެސް ޒަމާނީ ތައުލީމު ބޭނުންވާ ކަމުގެ ހެއްކެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވިި ދަތުރުފުޅުގައި މަސްވެރިކަމާ ގުޅޭ 4 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރެއިން އެއް ދއެއްބަސްވުމުގެ ދަށުން، މީހުން ބިނާކުރުމަށް އެއްބަސްވެފައި ވެއެވެ. އެހެންކަމުން އޭގެ ފައިދާ މަސްވެރިކަމަށްވެސް ކުރާނެއެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުން މަދުވެ، އޮޑިފަހަރު މަދުވުމަކީ މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެވެސް ކަންބޮޑުވުމެކެވެ. ނަމަވެސް ސަރުކާރަށް އިތުބާރުކޮށް، މަޖިލިސް މެޖޯރިޓީވެސް ދީގެން މަސްވެރިން ބަލަހައްޓައިގެން ތިބީ މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހައިދޭނެތަން ބަލާށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކުންފުނި އުސޫލުން ދޯނިން މަހަށްދާ އެންމެނަށް މުސާރައެއްދީ ފުރާކޮންމެ ދުވަހަކަށް އެލަވަންސަކާއި، ބޭނޭމަހުގެ ޕަސެންޓްއެއް ދީ، ލޯނާއި، ހައުސިންގް އަދި އެނިހެން ސްކީމްތަކުގައި ބައިވެރިވެބޭނެ ގޮތްހަދައިދެވިއްޖެނަމަ މަހަށްދާނެ މީހުން ނުވެނުދާނެ.

Leave a Reply

Your email address will not be published.