މަސްވެރިކަމާއި ގުޅޭ

ދޮންއޮޅުފާނަ -- ފޮޓޯ/ އަލަމީ

ދޮންއޮޅުފާނަ

މިއީ ދިވެހިންގެ ކެޔޮޅުކަމުގެ މަސްވެރިކަމުގައި މަދުމަދުން ބޭނޭ މަހެކެވެ. ރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ ފަރުމަހުގެ ސާރވޭތަކުން މިބާވަތުން ބޭނިފައިވަނީ ހަމައެކަނި އެންމެ މަހެކެވެ. ރާއްޖެއިން މިބާވަތުގެ މަހެއް މީގެ ކުރިން ރެކޯޑްކުރެވިފައިވަނީ 1986 ވަނަ އަހަރުއެވެ. ނަމަވެސް ފަހަކަށް އައިސް އެތައްފަހަރަކު މާލޭ މަސްމާރުކޭޓަށް މި ފާނަ ގެނެވިފައި ހުއްޓާ ވަނީ ފެނިފައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 7 ނުވަތަ 8 ހަރުކަށްޓާއެކު 10 އާއި 12 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 15 ނުވަތަ 16 މަޑުކަށްހުރެއެވެ. މިބާވަތުގެ މަހުގެ ފަހަތަށް ހުންނަ ނޭފަތުހިނދުރި ކުރިމައްޗަށް ހުންނަ ނޭފަތުހިނދުރިއަށްވުރެ ބޮޑުވާނެއެވެ. މިމަސް ރަތްކަނޑު (ރެޑްސީ) ގައި 1.2 މީޓަރަށް ބޮޑުވިކަމުގައިވިޔަސް އެހެނިހެން ސަރަޙައްދުތަކުގައި މިމަސް އެންމެ ބޮޑުވާކަމަށްވަނީ 63 ސެންޓިމީޓަރަށެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ އެއްވަރަކަށެވެ. މަހުގެ ކުލައަކީ މުށި ރަތްކުލައެކެވެ. މަހުގައި ކުދިކުދި ނޫކުލައިގެ ތިކިތަކެއް ހުރެއެވެ. މަހުގެ ކަންފަތްގަޑުގައިވެސް ނޫކުލައިގެ ތިކިތަކެއްހުރެއެވެ. އަރިމަތީގައި ހުންނަ ތިކިތަކުން ބައެއްތިކި ކައްޗަށްވާގޮތަށް ދިގުވެފައި ހުރެއެވެ. މަހުގެ ބޮލުގައި ހުންނަނީ މަދު ތިކިތަކެކެވެ. މިއީ ކެއުމަށް ވަރަށް މީރު މަހެކެވެ. މިމަސް ޢާއްމުކޮށް އުޅެނީ 15 މީޓަރާއި 150 މީޓަރާ ދެމެދުގެ ފުންމިނުގައެވެ.

އިނގިރޭސި ނަން: Roving coralgrouper

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!