މަސްވެރިކަމާއި ގުޅޭ

މަތި ދޮންބުރެކި

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ ދޮންބުރެކީގެ އެންމެ ޢާއްމު ވައްތަރެވެ.

މިއީ ފަރުމަތީގައި އައިންހަދައިގެން މުރަކަތަކުގެ ނިވަލުގައި އުޅޭ ކުޑަމަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 13 ސެންޓިމީޓަރަށެވެ. މިބާވަތުގެ ދޮންބުރެކި އެހެނިހެން ބާވަތްތަކާއެކު އައިން ހަދައިގެން އުޅެއެވެ. ދޮންބުރެކިއަކީ ދިވެހިން އެންވެރިކަމުގައި ބުރެތްކާއި މުގުރާމާއެކު މަދުމަދުން ދެމޭމަހެކެވެ. ރާއްޖެއިން ދިރޭކުދިމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެމަސް ގިނަޢަދަދަކަށް ރާއްޖެއިން ބޭރަށް ފޮނުވައެވެ. މިއީ އަޅައިގަންނަ ކުލައެއްގައި ހުންނަ ރީތިމަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ނުވަތަ 11 ހަރުކަށްޓާއެކު 16 އާއި 18 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށްހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ބުރަކަށިމައްޗާއި، މަތީކޮތަރިއާއި ނިގޫފަތުގައި ހުންނަނީ ދޮންރީނދޫކުލައެވެ. މަހުގެ ދެއަރިމައްޗާއި ބޮލުގައި ހުންނަނީ ދަނބުކުލައެކެވެ. މަހުގެ ތުނބުން ފެށިގެން ލޯހުރަސްކޮށް ކަރުތާފަތުގެ ކައިރިފަށަށް އޮރެންޖުކުލައިގެ ރޮނގެއް ހުރެއެވެ. މަހުގެ ކާނާއަކީ ކުދިފަނިފަކުސައެވެ. މިދަރިކޮޅުގެ ގިނަމަސްތަކަށް ދިވެހިން ކިޔާއުޅެނީ ދޮންބުރަތްކެވެ. އެކަހެރި މަސްމަހަށް ވަކިވަކި ނަންތަކެއް ކިޔައެއްނޫޅެއެވެ. ވުމާއެކު މިމަހަށް ވަކި ޚާއްޞަނަމެއް ދިނުމުގެ ގޮތުން މަހުގެ އެންމެ ފާހަގަކުރެވޭ ސިފައަށާއި މަހަށްކިޔާ އިގިރޭސިނަމާއި ގުޅުވައިގެން "މަތި ދޮންބުރެކި" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: Yellowback anthias
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!