މަސްވެރިކަމާއި ގުޅޭ

Tuna

ހިތާމައިގެ ކޮޅެއްނެތް! ދިވެހިންގެ ލޭނާރުވެސް ބިދޭސީންގެ އަތްދަށަށް

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެކި ދާއިރާތަކުގައި ބިދޭސީން ހަރަކާތްތެރި ވެއެވެ. ބައެއް ދާއިރާތަކަށް ދިވެހިންނަށް ވުރެ ބޮޑަށް ބިދޭސީން އިސްކުރެވެއެވެ. ނަމަވެސް އަނެއްބައި މަސައްކަތް ތަކަކީ، އެކަމުގައި މުޅީން ދިވެހިން އުޅެން ޖެހޭނެކަމަށް އަހަރެމެންގެ ޟަމީރު ޤަބޫލުކުރާ ސިނާއަތްތަކެވެ.

އެފަދަ ލިސްޓެއް ހަދައިފިނަމަ އެންމެ ކުރީގައި ކިޔޭނީ ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ވާހަކައެވެ. ދިވެހި މަސްދޯނިފަހަރު ތަކުގައި ބިދޭސީން މަހަށް ގެންދިއުމަކީ ގާނޫނާ ހިލާފު ކަމެކެވެ. ނަމަވެސް ގާނޫނާއި ގަވާއިދަށް ބޯނުލަނބާ ބައެއް ދިވެހިން ދަނީ މަސްވެރިކަން ކުރުމަށް ވެސް ބިދޭސީން ގެންދައުންނެވެ. ދިވެހިންގެ ލޭނާރު ދިވެހިންގެ އަތުން ބުރިވަމުންދާތަން ބަލަންތިބެއެވެ.

ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ 18 ވަރަކަށް ދޯނި އަދި ފަރުމަހުގެ މަސްވެރިކަން ކުރާ 12 ވަރަކަށް ޑިންގީ އޮންނަ ގއ. ވިލިނގިލީގައި މަސްވެރިކަމަށް ޒުވާނުން ނުކުތުމަށް އޮތް އެއް ގޮންޖެހުމަކީ، މަސްވެރިކަމުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބިދޭސީންނެވެ.

އެހެނިހެން މަސައްކަތް ކުރުމަށް ރަށުގައި އުޅޭ ބިދޭސީން ވެސް މަހަށް ދާތީ، ޒުވާނުން މަސްވެރިކަމަށް ނުކުންނަ މިންވަރު މަދެވެ. އެކަމުގެ ހައްލާމެދު ކައުންސިލުން ދަނީ ވިސްނައި، އޮޑިވެރިންނާ ވާހަކަ ދައްކަމުންނެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު މި ނޫހަށް ވިދާޅުވި ގޮތުގައި، އެރަށުގައި ކޮންމެ ގެއަކުވެސް މަސްވެރިކަމުގައި ހިއްސާވާ މީހުން އުޅޭނެއެވެ. މުޅި ރަށުގެ އާބާދީގެ 75 ޕަސެންޓަށްވުރެ މަތީ އަދަދަކަށް މަސްވެރިކަމުގައި ހިއްސާ ވާނެކަމަށް ވިޝާލް ވިދާޅުވިއެވެ.

ކޮންމެވެސް ވަރަކަށް މަސް ކެއްކުމާއި ރިހާކުރު ކެއްކުން ވެސް ކުރިއަށް ދާ ވިލިނގިލީގައި މަސް ބޭނުމުގައި ގިނައިން ހަރަކާތްތެރި ވަނީ ހަރު އުމުރުގެ މީހުންނާއި ބިދޭސީން ކަމަށް ވިޝާލް ވިދާޅުވިއެވެ.

މަސްވެރިކަމުގައި މަސައްކަތް ކުރާ ބިދޭސީން ގިނަވުމަކީ ވިޝާލްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. މިއީ މުޅި ރާއްޖޭގައި ވެސް އޮތް މައްސަލައެއް ކަމަށް ވިޝާލް ފާހަގަ ކުރެއްވިއެވެ.

ވިޝާލް ސިފަކުރައްވާ ގޮތުގައި، މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބިދޭސީން ދަނީ ހިސޯރު ކުރަމުންނެވެ. އަދި ސަރުކާރުން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ނުކުރާނަމަ، ދިވެހިންގެ އަތުން މި ސިނާއަތުގެ ބާރު ކެނޑޭނެކަމުގެ ބިރު އެބަ އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތުން ބިދޭސީންގެ ދައުރު އެކީ ފުހެލައި، އެއީ 100 ޕަސެންޓް ދިވެހިން މަސައްކަތް ކުރާ ދާއިރާއަކަށް ހަދައިދިނުމަށް ވިޝާލް ސަރުކާރަށް ގޮވާލިއެވެ. ސަބަބަކީ ތަންފީޒީ އިދާރާތަކުގެ އެއްބާރުލުން ނުލިބި، އެފަދަ ކަންކަމަށް ހައްލެއް ނުގެވެނޭނެތީ ކަމަށް ވިޝާލް ވިދާޅުވިއެވެ.

އެކަމަށްޓަކައި ސަރުކާރުން  މަސައްކަތްތަކެއް ނުކޮށް، ބިދޭސީންގެ އަތްދަށުން މަސްވެރިކަމުގެ ސިނާއަތް ސަލާމަތް ވާނެ ކަމަކަށް ވިޝާލް ގަބޫލެއް ނުކުރައްވައެވެ.

"މީ ހަވަ ވަރަށް ބޮޑަށް ސީރިއަސް ވާންވީ އިޝޫއެއް،" ބިދޭސީން މަސްވެރިކަމުގައި އުޅޭ އުޅުމަށް އިޝާރާތްކޮށް ވިސާލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!