މަސްވެރިކަމާއި ގުޅޭ

މިހާތަނަށް ފެނުނު އެންމެ ދިގު ތުންގަނޑު ހިބަރުގައި ހުންނަނީ ފަސް ފޫޓު

އާއްމު ގޮތެއްގައި ހަތަރު ފޫޓް ހަ އިންޗި ހުންނަ ތުންގަނޑު ހިބަރުގެ، މިހާތަނަށް ފެނުނު އެންމެ ދިގު ހިބަރުގައި ހުންނަނީ ފަސް ފޫޓު ނުވަ އިންޗިއެވެ. އެއީ ތުންގަނޑުން ފެށިގެން ނިގޫ ދެކަފިވާ ހިސާބަކަށް ހުންނަ ދިގުމިން ބެލުމުންނެވެ.

ތުންގަނޑު ހިބަރު ނުވަތަ ކަންނެލި ހިބަރަށް އިނގިރޭސިން ކިޔަނީ 'ސްވޯޑް ފިޝް' އެވެ. އިންޑިޔާ ކަނޑުގެ ތުންގަނޑު ހިބަރުގެ ސްޓޮކަށް ބަލާއިރު، މި ބާވަތުގެ ހިބަރުގެ މަސްވެރިކަން ކުރެވެމުން ދަނީ އާބާދީއަށް ގެއްލުން ނުވާނޭ މިންވަރަކަށެވެ.

ތުންގަނޑު ހިބަރު އުޅެނީ، ދުނިޔޭގެ މައިގަނޑު ތިން ކަނޑު ކަމުގައިވާ އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑުގެ އިތުރުން އިންޑިޔާ ކަނޑުގެ އީކުއޭޓާ ސަރަހައްދުގެ ހޫނު ކަނޑުގައްޔާއި މެދުމިންވަރަކަށް ހޫނު ސަރަހައްދު ތަކުގައެވެ.

ފިނި ކަނޑުތަކުގައި މިފަދަ ހިބަރު އުޅެނީ މަދު ހާލަތްތަކުގައެވެ.

ތުންގަނޑު ހިބަރަށް ކަމުދަނީ، އާއްމު ގޮތެއްގައި ލޮނުގަނޑުގެ ފިިނިހޫނުމިން 18 ޑިގްރީ އާއި 22 ޑިގްރީ ސެލްސިއެސް އާ ދެމެދު ހުންނަ ސަރަހައްދެވެ.

މި ބާވަތުގެ ހިބަރު އާއްމުކޮށް ފެންނަނީ ކަނޑުގެ ސަތަހުން ފެށިގެން 550 މީޓަރުގެ ފުންމިނާ ދެމެދުގައި ކަމަށްވީ ނަމަވެސް، 2878 މީޓަރު ފުންމިނުންވެސް މި ބާވަތުގެ މަސް ފީނާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

ތުންގަނޑު ހިބަރު ކާނާގެ ގޮތުގައި ބޭނުންކުރަނީ މާކަނޑުގައި އުޅޭ ގިނަ ބާވަތްތަކެވެ. އޭގެ ތެރޭގައި ކަރަވެރިމަހާއި ގުންބަޅަ ފަދަ ބާވަތްތަކެވެ. އަދި ތަންކޮޅެއް ފުނުގައި އުޅޭ ބަރަކޫޑާ އާއި ލެންޓަންފިޝް އާއިލާގެ ބާވަތްތަކާއި ކަނޑުގެ ބިންގަނޑާއި ކައިރީގައި އުޅޭ ބާވަތްތަކުގެ އިތުރުން ބޯވަދިލަމަހާއި ކަކުނި ފާޑުގެ ސޫފި ވެސް ހިމެނެއެވެ.

އެންމެ ބަރު ތުންގަނޑު ހިބަރުގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ 650 ކިލޯގެ މަހެކެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!