މަސްވެރިކަމާއި ގުޅޭ

269989911_5039508556081303_924782244427257600_n

ޒިންމާ ކުޑަ، ރަނގަޅު އާމްދަނީއެއް ހޯދަން ފިޔޯރީ މަސްވެރިން ފަރެސްމާތޮޑާ ދޯނިތަކަށް

މީގެ 15 ވަރަކަށް އަހަރު ކުރިއަށް ބަލައިލާއިރު، ގދ. ފިޔޯރީގައި މަސްވެރިކަން ކުރާ 8-10 ދޯނިފަހަރު އޮތެވެ. ނަމަވެސް މިއަދު މިވަނީ އެ މަންޒަރު ބަދަލު ވެފައެވެ. އޭރު ގދ އަތޮޅުގެ ތިނަދޫއަށްފަހު އެންމެ ގިނަ އޮޑިދޯނިފަހަރު އޮންނާނީވެސް ފިޔޯރީގައެވެ.

ގދ. ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު މި ނޫހާ ވާހަކަ ދައްކަމުން ވިދާޅުވީ، މިހާރު އެ ރަށުގެ މަހަށްދާ ދެ ދޯނި ރަޖިސްޓްރީ ކުރެވިފައި އޮތް ނަމަވެސް، ދެ ދޯނިވެސް ދުއްވަނީ ރަށުން ބޭރުގައި ކަމަށެވެ.

މަސްވެރިންގެ ތެރެއިން ކަޅުބިލަ މަހުގެ މަސްވެރިކަން ކުރަން ދާ ފަރާތްތައް މަހަށް ދަނީ ފަރެސްމާތޮޑާ ދޯނިތަކުންނެވެ. ނަމަވެސް ފަރުމަސްވެރިކަމުގައި ޑިންގީތައް، ހައެއްކަ އަށެއްކަ މީހުން ފަރުމަހުގެ މަސްވެރިކަން ކުރެއެވެ.

ރަށަށް މަސްވެރިކަމުން މިހާރު އާމްދަނީ ލިބެނީ ފަރެސްމާތޮޑާއިން މަހަށްދާ ދޯނިތަކާއި ފަރުމަހަށްދާ މީހުންގެ ފަރާތުން ކަމަށް ފައިޒަރު ވިދާޅުވިއެވެ.

ކަންނެލީގެ މަސްވެރިން ނުކުރާ އަދި މަސްކެއްކުމާއި ރިހާކުރު ކެއްކުންވެސް ނޯންނަ ފިޔޮރީގައި ކެޔޮޅުން ނުއުފެއްދުމުގެ ސަބަބުން ދޯނިފަހަރު ދުއްވާނެ މީހަކު ނެތުމުން، އެކަން ނުކުރެވުނީ ކަމަށް ފައިޒަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކައިރި ރަށްރަށުގެ ދޯނިތަކުން މަސްވެރިން މަހަށް ދަނީއެވެ.

30-40 އާ ދޭތެރޭގެ އަދަދަކަށް ފިޔޯރީއަށް ނިސްބަތްވާ މަސްވެރިން ފަރެސްމާތޮޑާ ދޯނިތަކުން މަހަށްދެއެވެ.

ރަށުގައި މަސްވެރިކަން ކުރިއެރުވުމަށް ކައުންސިލްގެ ފަރާތުން މަސްވެރިންގެ މަހާސިންތާއެއް ވެސް ވަނީ ބާއްވާފައެވެ. އަދި މިދިޔަ އަހަރު ފިޔޯރީއަށް އައްޑޫ އިން 95 ފޫޓުގެ ދޯންޏެއް ގެންގޮސްގެން ޒުވާނުން މަހަށް ނުކުންނަން ފެށިއެވެ. ނަމަވެސް އެކި ސަބަބުތަކާއެކު އެކަން ވެސް ހުއްޓުނީއެވެ.

ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރިއަށް ނުދިޔައީ، ރަށުގައި ޒިންމާދާރު ކެޔޮޅުން ނެތުމުން ކަމަށް ފައިޒަރު ލަފާކުރައްވައެވެ.

ފަރެސްމާތޮޑާ ދޯނިތަކުން މަހަށް ދާ ދޯނިފަހަރުގައި މަހަށް ދިއުން ފަސޭހަވުން އެއީ ވެސް ސަބަބެއް ކަމަށް ބެލެވިދާނެއެވެ. އެގޮތުން، ބުރާސްފަތި ދުވަހު ފަރެސްމާތޮޑާ ދޯނިތައް ރަށަށް ދަމުން ފިޔޯރީއަށް ޖައްސާފައި މަސްވެރިން ބޭލުމަށްފަހު އަމިއްލަ ރަށަށް ދެއެވެ. އަދި އެރަށުގައި އޮންނަ އިރު ދޯނީގައި ކުރަންޖެހޭ މަސައްކަތްތައް ކުރަނީވެސް ހަމައެކަނި ފަރެސްމާތޮޑާ މަސްވެރިންނެވެ. އަދި މަހަށް ފުރަން ވުމުން ފިޔޯރީއަށް ޖައްސާފައި ފިޔޯރީ މަސްވެރިން ނަގައިގެން މަހަށް ދަނީއެވެ. ޒިންމާ ކުޑަވެ، ރަނގަޅު އާއްމަނީއެއް ލިބޭތީ، ރަށުގައި ދޯނިފަހަރު ގެންގުޅުމުގެ ބަދަލުގައި ފަރެސްމާތޮޑާ ދޯނިތަކުން މަހަށް ދިއުން ޚިޔާރު ކުރަނީ ކަމަށް ވެދާނެ ކަމަށް ފައިޒަރު ވިދާޅުވިއެވެ.

ފަރުމަސްވެރިކަން ރަނގަޅަށް ކުރާ ދެތިން ހަތަރު ދޯންޏެއް ފިޔޯރީގައި އޮވެއެވެ. އަދި ބައެއް މީހުން އަމިއްލައަށް، ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދާ ވަސީލަތެއްގެ ގޮތުން މަސްވެރިކަން ކޮށް އުޅެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!