މަސްވެރިކަމާއި ގުޅޭ

Ihavandhoo Jetty 2

ރާއްޖޭގެ ގިނަ ރަށްރަށަށް ނަންދީފައި ވަނީ މަސްވެރިންނާއި ދަތުރުވެރިން

ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ ދުނިޔޭގެ ކޮން ހިސާބަކުން އައި ބައެއްކަން ޔަގީންކޮށް ހޯދިފައެއް ނުވެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި، އެކި ނަސްލުން އައިސްފައިވާ މީހުން އުޅޭކަމަށް ތާރީޚީ ލިޔުންތަކުން އެނގެއެވެ.

ދިވެހިރާއްޖޭގެ ރަށްރަށަށް ކިޔާ ނަންތަކަށް ވިސްނުން ހިންގާލުމުން އުފެދޭނެ ސުވާލަކީ، ރަށްރަށަށް މި ނަންތައް ދިނީ ކޮން ގޮތަކަށް ވިސްނާފައި، ކޮން ބައެއްތޯއެވެ.

'ދޫ' ، 'ފަރު' ، 'ފުށި'، ފަދަ ލަފުޒުތަކަށް ނިންމޭގޮތަށް، ރާއްޖޭގެ ގިނަ ރަށްރަށަށް ނަން ކިޔާފައި ވަނީ، އެދުވަސްވަރު ރާއްޖެއާ ހިސާބުން ދަތުރުކުރި މަސްވެރިންނާއި ދަތުރުވެރިން ކަމަށް، ރަށްރަށުގެ ނަންތައް ދިރާސާ ކުރުމުން ދޭހަވެއެވެ.

އެ ނަންތައް ދީފައިވާ ގޮތަށް ބަލާއިރު، އެއީ ރާއްޖޭގެ ރަށްރަށް ކައިރިން ދަތުރުކޮށްފައި ދާއިރު، ރަށް ފާހަގަ ކުރުމަށް އެކި ކަންކަމާ ގުޅުވައިގެން ދީފައިވާ ނަންތައްކަން ފާހަގަ ކުރެވެއެވެ.

ރަށްރަށަށް ދީފައިވާ ނަންތަކަށް ނަޒަރު ހިންގާލައި ދިރާސާ ކޮށްލުމުން، އެ ނަންތައް ދީފައި ވަނީ، އަތޮޅުގައި އެރަށެއް އޮންނަ ހިސާބާއި، ރަށުގައި ގިނައިން ހެދޭ ގަސްގަހާ ގުޅުވައިގެންނާއި، ބައެއް ރަށްރަށުގެ ސިފައަށްވެސް ބަލައިގެންކަން ދޭހަވެއެވެ. ބައެއް ރަށްރަށަށް ދީފައިވާ ނަން ގުޅުވާފައި ވަނީ ރަށް ކައިރީގައި އުޅޭ މަސްމަހާ ގުޅުވާފައެވެ. ނުވަތަ ރަށުގައި ހިނގި ހާދިސާއަކާ ގުޅުވައިގެންނެވެ.

މިފަދަ މިސާލަކަށް ބަލައިލާއިރު، ވަކި ވައްތަރެއްގެ އެއްޗެއް ގިނައިން އުފައްދާ ތަންތަނަށް 'މުލަކު' އޭ ކިޔައެވެ. ކުރީޒަމާނުގައި ވަރަށް ގިނައިން ފެންފޯއް ހައްދާފައިވާތީ، އެރަށަށް ނިސްބަތްކޮށް 'ފުވައްމުލައް' ކީ ސަބަބަށް ވެދާނެ ކަމަށް ތާރީޚު ލިޔުއްވާ ބޭފުޅުން ވިދާޅުވެއެވެ.

މީގެ އިތުރު މިސާލަކަށް ބަލައިލާއިރު، 'އުތުރު ހުރާ' ކިޔާ ރަށެއް ޅ އަތޮޅުގައި އޮވެއެވެ. ބުނެވޭ ގޮތުގައި އެރަށަށް އެނަން ކިޔާފައި ވަނީ ރަށް އޮންނަ ހިސާބާ ގުޅުވާފައެވެ. މާނައަކީ އަތޮޅުގެ އުތުރުގައި އޮންނަ ހުރާއެކެވެ.

މި ނޫނަސް، ދިވެހިރާއްޖޭގެ ރަށްރަށަށް ނަން ދެވުނު ގޮތާބެހޭގޮތުން ވަރަށް ޝައުޤުވެރި ލިޔުއްވުންތައް، ތާރީޚު ލިޔުއްވާ ލިޔުންތެރިންގެ ގަލަން ހިންގާފައި އެބަހުއްޓެވެ. ދިވެހިންނަށް ވީތީ، ދިވެހި ތާރީޚުގެ މިފަދަ ކޮންމެވެސް ވަރެއްގެ މަޢުލޫމާތު ހޯދާ ބެލުން މުހިންމުކަމަށް ފެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!