މަސްވެރިކަމާއި ގުޅޭ

Maaniya mas

ފަރުމަހުގެ ތެރެއިން ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ، ލޮނުއަޅައި ހިއްކާ މާނިޔާ މަސް

ފަރުމަހަކީ، ދިވެހިންގެ ކެއުމުގައިވެސް ބޭނުން ކުރާ ބައެކެވެ. އޭގެ އިތުރުން ރިސޯޓުތަކަށް ވިއްކުމާއި، ބޭރަށް އެކްސްޕޯޓު ކުރުމަށްވެސް ފަރުމަހުގެ މަސްވެރިކަން ކުރެއެވެ.

ތަފާސްހިސާބަށް ބަލައިފިނަމަ، 2012 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް، ފަރުމަސް އެކްސްޕޯޓް ކުރެވޭ ވަރު ވަނީ އެއްހަމައެއްގައި ހިފެހެއްޓިފައެވެ. އެގޮތުން އެކްސްްޕޯޓު ކުރެވިފައިވާ ބާވަތްތަކުގެ ބަރުދަން 267 ޓަނާއި 559 ޓަނާ ދެމެދު ހިފެހެއްޓިފައިވެއެވެ. ނަމަވެސް 2019 ވަނަ އަހަރު ފަރުމަސް އެކްސްޕޯޓް ކުރި މިންވަރު ވަނީ ދަށްވެފައެވެ.

ދިވެހިރާއްޖެއިން އެންމެ ގިނައިން ފަރުމަސް އެކްސްޕޯޓު ކޮށްފައި ވަނީ ސްރީލަންކާއަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައި ވަނީ ލޮނުއަޅައި ހިއްކާފައިވާ ފަރުމަހެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ މާނިޔާމަހެވެ. 2012 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާ ފަރުމަހުގެ 36 ޕަސެންޓަކީ ލޮނުއަޅައި ހިއްކާފައިވާ މާނިޔާމަހެވެ.

އެ ހަތް އަހަރުގެ ތެރޭގައި، ލޮނުއަޅައި ހިއްކައިގެން ހަނދި، ގިއުޅު އަދި ތާޒާ ފިނިކުރި ބާވަތްތަކުގެ ފަރުމަހުގެ ބާވަތްތައްވެސް ވަނީ ރާއްޖެއިން އެކްސްޕޯޓް ކޮށްފައެވެ. އެއީ ރާއްޖެއިން ބޭރުކޮށްފައިވާ އެންމެ މުހިންމު ފަރުމަހުގެ ބާވަތްތަކެވެ.

ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރާ ތަކެތީގެ ބަރުދަނާއި އަގު ފަދަ މައުލޫމާތު، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބަލަހައްޓައެވެ. އަދި ކޮންމެ އަހަރަކުވެސް ކަސްޓަމްސް އިން މިފަދަ މައުލޫމާތު ފިޝަރީޒް މިނިސްޓްރީއާ ހިއްސާ ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.