މަސްވެރިކަމާއި ގުޅޭ

Diving 2

އެން ހޯދަން ފީނާ ފަޅުވެރިންގެ ސަލާމަތަށް ފިޔަވަޅު އެޅުމަކީ މުހިންމުކަމެއް

2020 ވަނަ އަަހަރު ތަންފީޒު ކުރަން ފެށުނު ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ތެރެއިން އެންމެ ބޮޑަށް ވާހަކަ ދެކެވެމުންދިޔަ އެއް ދާއިރާއަކީ މަސްވެރިކަމުގެ އާންމު ޤާވާއިދުގައި "މަނާ" ކަންތައްތަކުގެ ތެރޭގައި ހުރި ޚިޔާލުތަފާތުވުންތަކާއި، ބޮޑެތި ޖޫރިމަނާތައް ހިމަނާފައިވުމެވެ. ވަކިން ޚާއްސަކޮށް އޮޑިވެރިއާ، ކެޔޮޅު ނުވަތަ މާސްޓަރ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް ހިމަނާފައިވާ މާއްދާތަކަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވިއެވެ.

އޭގެ ތެރެއިންވެސް ވައިފުޅި އަޅައިގެން ފީނާ މަސްވެރިން ރައްކާތެރިކޮށް، އެ މަސްވެރިންގެ ސަލާމަތަށް ޒިންމާވާނެ ފާރާތްތައް ވަނީ ބަޔާންކޮށްފައެވެ. އަދި ގަވާއިދާ ޚިލާފްވުމުން ޒިންމާވާ ފަރާތްތަކަށް ދެވޭނެ އަދަބު ވަނީ ކަނޑައަޅާފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ޖަދުވަލު 5 ގައި ވަކި ޖޫރިމަނާއެއް ކަނޑައެޅިފައި ނުވާ، ގަވާއިދާ ޚިލާފު ހަރަކާތްތަކާއި ފިޔަވަޅުތަކުގެ 1 އަދި 2 ގައި ފާހަގަ ކުރަނީ،  ފީނުމުގެ ސެޓްފިކެޓް ނެތް ފަރާތެއް ފީނުމުގެ ހަރަކާތެއްގައި ބައިވެރިކުރުވުމާއި އަދި މަސްވެރިކަމުގެ ބޭނުމަށް ފީނުމުގައި ބޭނުންކުރާ އާލާތްތަކަކީ ރައްކައުތެރި ނޫން އާލާތްތަކަށް ވެއްޖެނަމަ އަޅާނެ ފިޔަވަޅުތަކެވެ. އެ ގޮތުން މިއިން އެއްވެސް ހާލަތެއްގައި މީހެއްގެ ފުރާނައަށް ގެއްލުމެއް (މަރުވުން ނުވަތަ ދާއިމީ ހާނިއްކަ) ވެއްޖެނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރަން ހިމަނާފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ޑައިވިންގ ކޮށްގެން އެންހިފުން މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޚާއްސަކޮށް ހުވަދު އަތޮޅުގެ ވަރަށް ގިނަ މަސްވެރިންނަކީ ޑައިވް ކޮށްގެން އެންހިފާ މީހުންނެވެ. އެންވެރިކަމަށް އަންނަމުންދާ ބަދަލާއި ގުޅިގެން ޑައިވިންގ ނުކޮށް އެން ހޯދުމަކީ މިހާރު ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން މިއަދުގެ މަސްވެރިކަމުގައި ޑައިވިން ނުކޮށް އެން ލިބުމަކީ ވަރަށް އުދަގޫ ކަމެކެވެ. ވަކިން ޚާއްސަކޮށް އެންވެރިކަން ދަށް ދުވަސްވަރުގައި އެންހޯދަން ފީނާ ނިސްބަތް ގިނަވެ، މަސްވެރިންކުރާ މަސައްކަތް އެތައް ގުނައެއް އިތުރުވެގެން ދެއެވެ.

އެންހޯދަން ކުރާ މަަސައްކަތުގައި ފަޅުވެރިންނާއިއެކު ބައެއް ދޯނިފަހަރުގެ ކެޔޮޅުވެސް ޑައިވްކޮށް ހަދައެވެ. ފާއިތުވި އަހަރުތަކުގައި ޑައިވިންގ ކޮށްގެން ކެޔޮޅުންނާއި ފަޅުވެރިންނަށް ވަރަށް ހިތާމަވެރި ހާދިސާތައްވަނީ ދިމާވެފައެވެ. ދާއިމީ ހާނިއްކަ ލިބުމުގެ އިތުރުން އެތައް ފަޅުވެރިންނެއް ނިޔާވެއްޖެއެވެ. އެންހޯދަން ވައިފުޅި އަޅައިގެން ފީނުމުގެ ސަބަބުން ނުކުޅެދޭ ހާލުގައި ދާއިމީކޮށް ބަލިއެނދުގައި އޮންނަންޖެހިފައި ތިބި ފަޅުވެރިން މިހާރުވެސް އެބަތިއްބެވެ.

މަސްވެރިންތަކެއް ފުޅިއަޅައިގެން އެންހިފަން ފީނަނީ - ފޮޓޯ: މަސްވެރިން

އޮންނަ އުސޫލުން ޑައިވިންގ ކުރުމަކީ ރައްކާތެރި ގޮތެކެވެ. އެހެންނަމަވެސް، ވައިފުޅި އަޅައިގެން އެން ހިފުމަކީ ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ. އެންމެ ފުރަތަމަ ކަމަކީ ޑައިވް ކޯސް ފުރިހަމަކޮށް އެކަމުގެ މައުލޫމާތު ދަސްކޮށް، ނަގަންޖެހޭ ހުއްދަތައް ނަގައިގެން ފީނުމެވެ. ދެވަނަ ކަމަކީ، އެންހޯދަން ފީނުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ.

އޭގެ ތެރޭގައި އެއްދުވަހެއްގައި ގިނަ ޑައިވްތައް ނުކުރުމާއި، އެއްވެސް ފަޅުވެރިއަކު، އެކަނި ޑައިވިންއަށް ނުދިއުމާއި، ޑައިވިނަށް ދާން ބޭނުންކުރާ ސާމާނުގެ އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމާއި، ޤަވާއިދުން ޑައިވިން ސާމާނު ސާވިސް ކޮށްފައި ހުރިތޯ ބަލަންޖެހޭނެއެވެ. އަދި މިއާއެކު ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުން، ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ދޯނިން އަވަސް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމާއި، ކުއްލި ޙާލަތުގައި ފަރުވާދެވޭނެ ފަޅުވެރިއަކު ތަމްރީނުވެފައި ހުރުމަކީ އިތުރަށް ވާހަކަ ދެއްކިދާނެ ކަންކަމެވެ.

މަސްވެރިކަމުގައި ނުރައްކާތެރި ޑައިވިންގ ހާދިސާތައް މަދުކުރުމުގައި ފަޅުވެރިއާގެވެސް ޒިންމާއެއް އެބައޮތެވެ. އެއީ އަމިއްލަ ރައްކާތެރިކަމަށްޓަކައި ޑައިވްކޯސް ފުރިހަމަކޮށް ލައިސަންސް ލިބިގެން ޑައިވް ކުރުމެވެ. ކޮންމެފަދަ ހާލަތެއްގައިވެސް އަމިއްލަ ރައްކާތެރިކަމާއި ސަލާމަތަށް އިސްކަންދިނުމެވެ. ހަމަ އެއާއެކު، އޮޑިވެރިއާއި ކެޔޮޅުގެ ޒިންމާ ވަކިން ބޮޑެވެ. ސަބަބަކީ ދޯނި މަހަށް ނުކުތުމަށްފަހު ދޯނީގެ އެންމެ އިސް ފަރާތަކީ ކެޔޮޅުކަމަށް ވުމުން، ހުރިހާ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުުކުރުމަކީ ކެޔޮޅުގެ ޒިންމާއެކެވެ. ފަޅުވެރިން ބޭނުންކުރާ ޑައިވިން ސާމާނުތަކަކީ ރައްކާތެރި އެއްޗެހިތޯ ކެޔޮޅު ނުވަތަ އޮޑިވެރިއާ ޔަގީން ކުރަންވާނެއެވެ. އަދި ޑައިވިން ސާމާނު ސާވިސްކޮށް ބެލެހެއްޓުމުގެ ޒިންމާދާރު ފަރާތަކީ އޮޑިވެރިއާ ނުވަތަ ދޯނީގެ ކެޔޮޅެވެ.

މަސްވެރިކަމުގެ އާންމު ގަވާއިދުގައި އޮޑިވެރިއާ ޒިންމާ ކުރުވާ ދެ ކަމަކީ ލައިސަންސްނެތި ފަޅުވެރިން ފީނުވުން ހުއްޓުވުމާއި އަދި ޑައިވިންގ ކުރުމަށް ބޭނުންކުރާ ސާމާނުގެ ރައްކާތެރިކަން ކަށަވަރުކުމެވެ. މި ދެ ކަމަކީވެސް ފަޅުވެރިންގެ ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން، މަސްވެރިކަމުގެ ގަވާއިދުގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެ، ވައިފުޅި އަޅައިގެން އެންހިފަން ފީނުމުގެ ތެރޭގައި ފަޅުވެރިއަކަށް ގެއްލުމެއް ވެއްޖިއްޔާ ޒިންމާވާނެ ފަރާތެއް ހުންނަންވާނެއެވެ. އެފަދަ ހާދިސާއެއް ތަހުގީގުކޮށް، މައްސަލަ ދެނެގަނެ، ފިޔަވަޅު އަޅަންޖެހޭ ހާލަތުގައި ފިޔަވަޅު އެޅުމަކީ މައްސަލައެއް ނޫނެވެ. ޖޫރިމަނާކުރުމަކީ މައްސަލައެއް ނޫނެވެ. ޖޫރީމަނާ ކޮށްގެން ލިބޭ މާލީ ދެރައަކަށްވުރެ މަސްވެރިންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ލިބޭ ދެރަ މާ ބޮޑުވާނެއެވެ.

ފުޅިއަޅައިގެން އެން ހޯދަން މަސައްކަތްކުރާ ފަޅުވެރިންގެ ސަލާމަތަށް ފިޔަވަޅުއެޅުމުގައި ޒިންމާވާންޖެހޭ އިތުރު ފަރާތެއް އެބަވެއެވެ. އެއީ މަސްވެރިންގެ ކަންކަން އިންތިޒާމްކޮށް ބަލަހައްޓާ ވުޒާރާއެވެ. ޤަވާއިދެއްހަދާ ފިޔަވަޅުތަކެއް އެޅުމަކީ ހައްލެއްނޫނެވެ. މަސްވެރިންގެ ތެރެއިން ފީނައިގެން އެންހިފުމަށް މަސައްކަތްކުރާ މަސްވެރިން ތަމްރީނުކުރުމަށް އެހީތެރިކަން ފޯރުކޮށްދީ އެފަދަ އިންތިޒާމްތައް ހަމަޖެއްސުމަކީ މަސްވެރިންގެ ވުޒާރާއިން ކޮށްދެވިދާނެކަމެކެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!