މަސްވެރިކަމާއި ގުޅޭ

277249252_1147400996021805_4467839931905534150_n

މަސްގަތުން ކޮންޓްރޯލްކޮށްފައި އޮތުމުން މަސްވެރިން މަހަށް ނުފުރިފައި

ދެކުނަށް މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައިވާ އިރު، މިފްކޯއިން ވަނީ ދެކުނުގެ ސެންޓަރުތަކުން މަސް ކިރާ މިންވަރު ކޮންޓްރޯލްކޮށްފައެެވެ.

އެގޮތުން ދޯންޏަކުން 5 ޓަނުގެ މަސް ކިރުވަމުންދާއިރު، މިކަމުގެ ސަބަބުން މަސްވެރިންނަށް ގިނަ ގެއްލުންތަކާއި ދަނީ ކުރިމަތިވަމުންނެވެ. މަސްވެރިން އެމްވީ އާއި ވާހަކަދައްކާލި ގދ. ފަރެސްމާތޮޑާ ގެލަރީ މިޝަންގެ ކެޔޮޅު އަޙުމަދު ޒައިން ބުނީ އެ ދޯނިން މިދިޔަ ހަފްތާގެ ދެ ދުވަސްތެރޭ 40 ޓަނުގެ މަސް ބާނައިގެން ކޫއްޑޫއަށް ގޮސް މަސް ކިރާ ނިމުނީ އިއްޔެ ކަމަށެވެ. އަދި އެ ދޯނިން ދެން މަހަށް ދާން ފަށާނީ މިފްކޯއިން ގެންގުޅޭ މަސް ކިރާ މިންވަރުގެ ކޮންޓްރޯލް ދޫކޮށްލުމުން ކަމަށް ޒައިން ބުންޏެވެ.

"މަހަށް ދިޔުން ހުއްޓާލައިގެން މިތިބީ، 5 ޓަނު މަސް ބާނައިގެން ޙަރަދު ދެކޮޅެއް ނުޖެހޭނެ، ތެލަށްވެސް އެހާ ބޮޑު ޚަރަދެއް ކުރަން ޖެހޭ." ޒައިން ބުންޏެވެ.

މަސްވެރިން އެމްވީ އަށް މައުލޫމާތު ލިބިފައިވާގޮތުގައި މަސް ނުކިރި ކިއުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުުގެ ސަބަބުން އެކި ދޯނިތަކުން 70 ވަރަކަށް ޓަނުގެ މަސް އުކާލަން ޖެހުނެވެ. މިއީވެސް މަސްވެރިންނަށް ލިބުނު ބޮޑު ގެއްލުމެކެވެ.

މިފްކޯގެ އިތުރުން ހޮރައިޒަން ފިޝަރީޒުންވެސް ވަނީ މަސްވެރިންގެ އަތުން މަސް ގަންނަ މިންވަރު ކޮންޓްރޯލްކޮށްފައެވެ. އެގޮތުން އެކުންފުނިން ކޮންމެ ދޯންޏަކުންވެސް ކިރާނީ 7 ޓަނު މަހެވެ.

ކޮންމެ މަސްވެރި މޫސުމެއްގައި މަސްވެރިން މިހާލުގައި އުޅެންޖެހޭތީ ރާއްޖޭގެ ހުރިހާ މަސްވެރިންދަނީ ނުރުހުން ފާޅުކޮށް މަސްކިރުމުގެ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުތަކަށް ގޮވާލަމުންނެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މަސްކިރުމާއި އަދި މަސްވެރިކަމުގެ ސިނާއަތުގައި ހުރި އެހެނިހެން މައްސަލަތަކަށްވެސް އެެއްވެސް ކުރިއެރުމެއް އައިސްފައިނުވެއެވެ.

މަސްކިރުމުގެ ދަތިތައް ހައްލުކުރުމަށް ސަރުކާރުންވަނީ ކޫއްޑޫ ތަރައްގީކުރުމުގެ މަޝްރޫއެއް އިއުލާނުކޮށްފައެވެ. މި މަޝްރޫއު ނިމިގެންދާއިރު، ކޫއްޑޫގެ ޖެޓީ ބޮޑުކުރެވި، މަސް ރައްކާ ކުރާނެ ޖާގެ ބޮޑުކުރެވިގެން ދާނެކަމަށާއި މިވަގުތު މަސްވެރިންނަށް މަސްކިރުމަށް ދިމާވާ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ދާނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!