މަސްވެރިކަމާއި ގުޅޭ

F Feeali

ފ އަތޮޅުގެ އެންމެ މަސްވެރި ރަށް، ފީއަލީގައި މަސްވެރިކަމުގައި ގިނައީ ޒުވާނުން

ފ. ފީއަލީގައި އާއްމުގޮތެއްގައި ކުރަނީ ދެ ބާވަތުގެ މަސްވެރިކަމެވެ. އެއީ ކަންނެލީގެ މަސްވެރިކަމާއި ފާނަ މަސްވެރިކަމެވެ. ފަރު މަހުގެ މަސްވެރިކަން ކުރާ ދެތިން ދޯންޏެއްވެސް އޮވެއެވެ.

އޭގެ ތެރެއިން ކަންނެލީގެ މަސްވެރިކަން ކުރާ 10 ވަރަކަށް ދޯނި އެރަށުގައި އޮވެއެވެ. ފާނަ  މަސްވެރިކަން ކުރާ ވެސް 10 ވަރަކަށް ދޯނި އެރަށުގައި އޮންނަ ކަމަށް ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު މަސްވެރިން އެމްވީއަށް މައުލޫމާތު ދެއްވިއެވެ.

ފ އަތޮޅުގައިވެސް އެންމެ މަސްވެރި ރަށް ކަމުގައިވާ ފީއަލީގައި މަސްވެރިކަމުގައި ގިނައިން އުޅެނީ ޒުވާނުންނެވެ. މޫސަ ވިދާޅުވީ ރަށުގެ ޒުވާން އާބާދީގެ ބޮޑު ބައެއް އުޅެނީ މަސްވެރިކަމުގައެވެ.

ފީއައްޔަކީ ރިހާކުރު ކައްކާ ރަށެއް ނޫނެވެ. އަދި މަސް ކައްކައެއް ވެސް ނޫޅެއެވެ. މީގެ ކުރިން ކޮންމެވެސް ވަރަކަށް ރިހާކުރު ކެއްކި ނަމަވެސް މިހާރު އެކަން ނުކުރާ ކަމަށް މޫސަ ވިދާޅުވިއެވެ.

ރަށަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާ ކުރަނީވެސް މަސްވެރިކަމުންނެވެ. އެރަށުގައި މަސްވެރިކަން ކުރިއެރުވުމަށްޓަކައި ދޯނިފަހަރު ބޮޑުކުރުމާއި ދޯނިބަނުން ފަދަ ކަންކަން ކޮށް އުޅެއެވެ. އަދި ދޯނި ފައިބަރު ކުރުން ފަދަ ކަންކަން ވެސް ކުރެއެވެ.

ފީއަލި ފަޅު ތެރެއިން މުށިމަސް ބާނަނީ - ފޮޓޯ ފީއަލި ފޭސްބުކް ޕޭޖް

އެހެން ހިސާބުތަކުގެ މަސް ދޯނިތައްވެސް ބައެއް ޚިދުމަތްތައް ހޯދުމަށް ފީއައްޔާ ގާތްކުރެއެވެ. އެގޮތުން ފެން ހޯދުމާއި މަސް ވިއްކުން ފަދަ ބޭނުން ތަކުގައި އެހެން ހިސާބުތަކުގެ ދޯނި ފީއައްޔަށް ދެއެވެ.

މަސްވެރިކަން ކުރާ ފީއަލީގައި އެންމެ ދައްޗަކަށް ދިމާވަނީ އައިސް އެޅުމެވެ. ނަމަވެސް އެރަށުގައި މިހާރު ޤާއިމު ކުރަމުންދާ އައިސްޕްލާންޓް ނިމުމުން، އެކަމަށް ހައްލެއް ލިބޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވާ ގޮތުން، މަސްވެރިކަން ރަނގަޅު ދުވަސްވަރު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް 30 ހާސް ވަރު ލިބޭނެއެވެ. އަދި މަސްވެރިކަން ދަށް ނަމަވެސް މަހެއްގެ މައްޗަށް 15 ހާސް ނުވަތަ 20 ހާސް، އެވްރެޖްކޮށް މަސްވެރިންނަށް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!