މަސްވެރިކަމާއި ގުޅޭ

]
]

ވެލައަކަށް އެކުއަރޕަންޗާ ޓްރީޓްމަންޓު ދެނީ

އެމެރިކާގެ ނޭޝަނަލް އެކުއޭރިއަމްއަށް ހާލުދެރަވެގެން ގެނައި ވެލައަކަށް އެކުއަރޕަންޗާ ޓްރީޓްމަންޓު ދީފިއެވެ.

ބައްސޮންގެ ނަން ދީފައިވާ ޅަފުރައިގެ މި ވެލާއަކީ ކޭޕް ކޯޑުން މިދިޔަ ނޮވެމްބަރުމަހު ސަލާމަތްކޮށްފައިވާ 29 ވެލާގެ ތެރެއިން ވެލައެކެވެ. އަދި އެކުއޭރިއަމްއަށް ގެނައި ފަހުން އެތަނުގެ އޮފިޝަލުންނަށް ބައްސޮން އަނގަ ހުޅުވުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވުނެވެ.

އަދި ސީޓީ ސްކޭނެއް ހެދުމަށްފަހު ވެލާގެ ދަށްދޮޅީގެ މަސްގަނޑުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވުނެވެ. މިކަމަށް ފަރުވާ ދިނުމަށްޓަކައި އެންޓި އިންފްލެމޭޓަރީ އިންޖެކްޝަންތަށް ދިނުމަށްފަހު، ފިޒިކަލް ތެރަޕީތައް ދޭން ފެށުނުއެވެ. އަދި އެކުއަޕަންޗަރ ޓްރީޓްމަންޓްވެސް ބައްސޮންއަށް ދޭނެ ފެށުނެވެ.

މިކަމުގައި ހަރަކާތްތެރިވި ޑރ. އައިމީ ބަރލިނަރ ބުނީ އެކުއަޕަންޗަރއަކީ އާއްމުގޮތެއްގައި ޖަނަވާރުންނަށް ދޭ ފަރުއެއް ކަމުގައި ނުވި ނަމަވެސް، މީގެކުރިން ވެސް ކާމިޔާބު ކަމާއި އެކު ހަރުފައާއި ބޮނޑުފަދަ ރެޕްޓައިލްސްއަށް މި ފަރުވާ ދީފައިވާ ކަމަށެވެ.

ބައްސޮންއަށް ދެމުންދާ ފަރުވާއާއި އެކު ހެޔޮ ބަދަލުތައް މިހާރުވެސް ފެންނަމުންދާ ކަމަށް ޑރ. އައިމީ ފާހަގަކުރިއެވެ. އެގޮތުން ފަރުވާދޭން ފެށި އިރު ކޮންމެ ދުވަހަކު އެކުއާޕަންޗާގެ ޓްރީޓްމަންޓުދިން ނަމަވެސް ފާއިތުވީ ހަފްތާތަކުގައި ކުރިއެރުންތައް ލިބި މިހާރު ޓްރީޓްމަންޓުދޭ މިންވަރު މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ބައްސޮންއަށް އަނގަ އެއްކޮށް ހުޅުވޭ ކަމަށާއި، އަމިއްލައަށް ކެއުމުގައިވެސް އުޅެވޭ ކަމަށް ޑރ. އައިމީވަނީ ބުންޏެވެ.

ބައްސޮންގެ ސިއްޙީ ހާލަތު ރަނގަޅުވަމުންދާއިރު، ދާދި އަވަހަށް ކަނޑަށް އެ ވެލާ ދޫކޮށްލެވޭނެ ކަމަށް އެކުއޭރިއަމްއިން ހާމަކުރެއެވެ.

އެކުއަރޕަންޗަރ ޓްރީޓްމަންޓަކީ ހަށިގަނޑުގެ ވަކި ޕޮއިންޓުތަކަކަށް ތިނޯސްއެއް ފަދައިން ހުންނަ އެއްޗެއް ހަރައިގެން ދެވޭ ފަރުވާއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!