މަސްވެރިކަމާއި ގުޅޭ

FQ28hP5agAAGLoZ

މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން ކޫއްޑޫ ފިޝަރީސްގެ ބޭފުޅުންނާއި ބައްދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން ކޫއްޑޫއަށް ޒިޔާރަތްކޮށް، ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ ބޭފުޅުންނާއި ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި އެބޭފުޅުންގެ ކަންބޮޑުވުންތަކާއިމެދު މަޝްވަރާކޮށްފައިވާއިރު، ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ ބޭފުޅުން ،މަސްކިރުމާ ކޯލްޑް ސްޓޯރޭޖްގެ މައްސަލައަށް ހައްލުގެނެއުމަށް ވިސްނާފާއިވާގޮތް، ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާ ވަނީ ހިއްސާކޮށްފައެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު ކޫއްޑޫއަށް މަސް ގަންނަ މިންވަރު ލިމިޓު ކުރުމަކީ މަސްވެރިންނަށް ގިނަ ދަތިތަކާއި ތަކުލީފުތަކެއްް ކުރިމަތިވާ ކަމެކެވެ. އެގޮތުން މިދުވަސްވަރަކީވެސް ދެކުނަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. މިފްކޯއިން މިހާރު މަސް ގަންނަމުންދަނީ ދޯންޏަކުން 7 ޓަނުމަހެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 100 ޓަނުގެ ކަނޑުމަސް 8 ގަޑިއިރުގެ ޝިފްޓުގައި ގަނޑުކުރެވޭ އައު ރިފްރިޖަރޭޝަން ކޮމްޕްލެކްސްއެއް ގާއިމް ކުރުމާއި، ލޮނުފެން ގަނޑުކޮށް 80 ޓަނުގެ ކަނޑުމަސް ބެހެއްޓޭނެ ހޯލްޑިން ޓޭންކް ގާއިމް ކުރުމާއި، 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި އައު ޕަވާހައުސް އެއް ގާއިމް ކުރުން ހިމެނެއެވެ.

ކޫއްޑޫގައި މިހާރު ޤާއިމްކުރެވިފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. ކޫއްޑޫ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރެވިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.

މީގެއިތުރުން ގދ. ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި މ. މުލަކުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް އަދި ތިނަދޫ އާއި މުލަކުގައި އައު ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް ނިމުމުން، މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް %61 އިތުރުކުރެވޭކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!